ދިއްދޫ ފަރަށް އެރި ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ

ދިއްދޫ ފަރުމައްޗަށް އެޗުއާރުއެސް އިންފްރާޓެކް ކުންފުނީގެ ބާޖު އަރައިފައި--- ސަން ފޮޓޯ/ ކިޔުންތެރިއެއް

މިދިޔަ މޭ މަހުގެ ދެވަނަ ދުވަހު ހއ. ދިއްދޫގެ ފަރަށް އެރި ބާޖުގެ ވެރިފަރާތް، އެޗުއާރުއެސް އިންފްރާޓެކް ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މިކަމާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނީ ދިއްދޫ ފަރަށް އަރާފައި ވަނީ އެ ކުންފުނީގެ "ޓީބީ މުތާ ޕްރިންސަސް" ޓަގު ބޯޓާއި "މުތާ ޕްރައިޑް" ނަމަކަށް ކިޔާ ބާޖު ކަމަށެވެ.

ހިލަ ބަރުކޮށްފައި އޮތް މި ޓަގު ބޯޓު ފުން ކުރެވުނީ ތިން ދުވަސް ފަހުންނެވެ.

https://sun.mv/176986

އީޕީއޭއިން ބުނީ މި އުޅަނދުތައް ފުން ކުރެވުމާ އެކު އެ ސަރަައްދަށް ލިބުނު ގެއްލުން ދިރާސާކުރަން މޭ 12ވަނަ ދުވަހު އެ އެޖެންސީން ދިޔަކަމަށެވެ. އަދި, އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސާވެޔަރަކާ އެކު ސާވޭކޮށްފައިވާ ކަމަށެވެ.

"މިގޮތުން، ބެލިބެލުމުން އެ ފަރުގެ 4,038 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައި،" އީޕީއޭއިން ބުންޏެވެ.

އީޕީއޭއިން ބުނީ، ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ ޢަދަދަކީ 101,743,400.00 (އެއްސަތޭކަ އެއްމިލިއަން ހަތްލައްކަ ސާޅީސް ތިންހާސް ހަތަރުސަތޭކަ) ރުފިޔާކަމަށެވެ.

ނަމަވެސް، ގާނޫނުގައި ބަޔާންކުރާ ގޮތުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 މިލިއަން ރުފިޔާ ކަމުގައި ވާތީ އެ އަދަދަށް ޖޫރިމަނާކުރަން ނިންމީ ކަމުގައި އީޕީއޭއިން ބުނެފައި ވެއެވެ.

މި ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.

ދިއްދޫ މީހަކު މީގެ ކުރިން 'ސަން'އަށް ބުނީ ބާޖު އަަރައިފައިވަނީ ދިއްދޫ ފަރުގެ ވަރަށް ރީތި، މަސްވެރިކަން ވެސް ވަރަށް ރަނގަޅު ހިސާބަކަށް ކަމަށެވެ. މި ކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް އޭނާ ވަނީ އޭރު ލަފާކޮށްފައެވެ.

comment ކޮމެންޓް