ރައީސް ނަޝީދަށް އިންސާފް ހޯދައިދޭނަން: މުއިއްޒު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އިދިކޮޅުން ބޭއްވި އެއްވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ ---- ސަން ފައިލް ފޮޓޯ: މުހައްމަދު ސާތިއު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފް ހޯއްދަވައިދެއްވާނީ އޭނާ އިސްވެ އުފައްދާ ސަރުކާރެއްގައި ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބުނު ސީރިއަސް އަނިޔާތަކަކަށް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައެވެ. އަދި އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށް ވަނީ ދައުވާ ވެސް އުފުލާފައެވެ.

"އެމަނިކުފާނަށް މާލޭގެ މެދުގައި މަޖީދީ މަގުގައި ދިން އަނިޔާވެރި އުދުވާނީ ހަމަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދީފައެއް ނުވޭ. ސަރުކާރުން އެކަމަށްޓަކައި ދޭންވާ ސަމާލުކަން ދީފައެއް ނުވޭ. އިންސާފްވެރި ސަރުކާރެއް އަޅުގަނޑުމެން ގާއިމް ކުރަން މި އަންނަނީ. އިރާދަކުރެއްވިއްޔާ އެމަނިކުފާނަށް ވެސް އިންސާފް ހޯދައިދޭނީ އަޅުގަނޑުމެން ގާއިމް ކުރާ ސަރުކާރެއްގައި," މާފަންނުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މުއިއްޒު ވިދާޅުވިއެވެ.

ގައުމަށް ހަމަޖެހުން އަންނާނީ އަދުލުވެރިކަން އިސްކޮށްގެންކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ, އިންސާފްވެރިކަން ހަގީގީ މާނައިގަ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ކެމްޕެއިންގައި ރައްޔިތުންގެ ކައިރިއަށް ގޮސް އަޑުއެހި ވާހަކަތަކުން އެނގުނީ އެ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން ހުރިކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނިމިގެން މިދާ ފަސް އަހަރުގައި އެކަންކަން އެކަށީގެންވާ ގޮތަކަށް ކޮށްދެވިފަ ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މިދޭ ފުރިހަމަ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ 30 ސެޕްޓެމްބަރުގައި އަޅުގަނޑަށް އިތުބާރު ކުރައްވާ އިންތިޚާބު ކުރައްވައިފި ނަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަފާތުކުރުމެއް ނެތި ހަމަ ހަމަކަމާ އެކީ އިންސާފްވެރިކަމާއެކީގައި އަދުލުވެރިކަމާ އެކީގައި ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދޭނެމޭ," މުއިއްޒު ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި ޝަރުއީ ދާއިރާ ހިނގާނީ ހަގީގީ މިނިވަންކަމާއެކު ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި އޭނާ ކޮށްދޭނީ އިންސާފްވެރި ވެރިކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންސާފު ގާއިމްކޮށްދިނުމުގައި ކުޑައެއް ބޮޑެއް އަދި އެ މީހަކު ހުރި މަގާމަކަށް ނުބައްލަވާނެ ކަމަށެވެ.

comment ކޮމެންޓް