ބިލެތްފައްސަށް މުއިއްޒު ދެއްވީ އެއާޕޯޓަކާއެކު ތަރައްގީގެ ޔަގީންކަން!

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ށ. ބިލެއްފަހީގައި --

ށ. ބިލެތްފަހީ ފަޅުތެރޭގައި އެއާޕޯޓަކާއެކު އުމްރާނީ އަދި އިގްތިސޯދީ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތުތަކެއް ހިންގަވައިދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މި ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ބިލެތްފަހީގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވީ 2018ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. އަދި އެމަނިކުފާނަކީ ވެސް ވެވަޑައިގަންނަވާ ހުުރިހާ ވައުދުތަކެއް ފުއްދަވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އާބަން ޑިވަލޮޕްމެންޓް މާސްޓާ ޕްލޭނެއް އެކުލަވައިލައި ހުށަހަޅައިފައިވާނެ ކަމަށާއި އޭގެ ތެރެއިން ހއ، ހދ، އަދި ށ އަތޮޅަކީ އިންޓަގްރޭޓެޑް ޑިވަލޮޕްމެންޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރެވޭނެ ތިން އަތޮޅު ކަމަށެވެ.

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ށ. ބިލެއްފަހީގައި --
އެ ކޮންސެޕްޓުގައި މި ރަށުގެ ފަޅުތެރޭގައި އެއާޕޯޓް ހިމެނޭ ގޮތަށް ރަނގަޅު އުމްރާނީ ތަރައްގީގެ އަދި އިގްތިސޯދީ ކުރިއެރުން ލިބޭފަދަ މަޝްރޫއެއް ކުރިއަށް ގެންގޮސްދެއްވާނެކަމަށް އޭނާ ވައުދުވެވަޑައިގެންނެވިއެވެ.

"މި ރަށު ފަޅުތެރޭގައި ރައްޔިތުންގެ އުންމީދުތަކާ ރައްޔިތުން އުންމީދުކުރައްވާގޮތަށް ކަންކަން ފަހިވާ ގޮތަށް އެއާޕޯޓެއް އަޅައިދޭނަން،" މުއިއްޒު ވިިދާޅުވިއެވެ.

ބިލެތްފަހީގައި އެއާޕޯޓެއް އަޅައިދެެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެސް ރިޔާސީ ވައުދުފުޅެކެވެ. އެ އެއާޕޯޓް އެޅުމަށް ބިން ހިއްކަން ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގައެވެ. އެ ކަމަށް އިޝާރާތްކޮށް މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި މަސައްކަތްކުރާނީ އެ ގޮތަށް ނޫންކަމަށާއި ކަންކަން ތަރުތީބުކޮށް ބާރު ސްޕީޑުގައި ކަމަށެެވެ.

"ހައިމާކު ގެނެސް ފަށަން ކޮންމެވެސް ވަރެއްގެ ކުލައެއް ޖައްސާ ވާހަކަ އަޑު އިވިފައި އޮތީ. އެހެންނެއް ނޫން އަޅުގަނޑުމެންގެ ކަންތައް ހުންނާނީ،" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރަށުގައި މިހާރު ހިނގަމުންދާ ޕްރޮޖެކްޓުތައް ހުއްޓައިނުލައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. އަދި މި ރަށުގެ ކުނި މެނޭޖްކުރުމާއި ރަށްގިރުމުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

މި ރަށުގެ ސިއްހީ ނިޒާމު ވެސް ވަރުގަދަކޮށްދީ ޒުވާނުންނާ ގުޅޭ ކުޅިވަރު ފެސިލިޓީތައް ގާއިމުކޮށްދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މި ރަށުގައި އިތުރު މިސްކިތެއް އަޅުވައިދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް