މިތިބީ ނިކުމެ ބާރަށް ދުއްވާގަނެވިފައި، ދެން އަތެއް ނުވާނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މާހިލް އާތިފް

މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވުނީ ތަންކޮޅެއް "އޯވާ ކޮންފިޑެންޓް" ވުމުން ކަމަށާއި އެކަމަކު މިހާރު މި ދާ ދުވެލީގައި ގޮސްފި ނަމަ، ދެން އަތެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ދަޑިކޮށި ޖަގަހަ" ގައި ބޭއްވި ޖަލްސާ އެއްގައި އިމްރާން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އުއްމީދުކުރި ނަތީޖާ ނުލިބުނީ މޮޅުވާނެ ކަމަށް ކުރެވުނު އުއްމީދު ބޮޑުކަމުން ބައެއް ކަންކަން މާ ފަސޭހަކޮށްލެވުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ވީ ގޮތަކީ ތަންކޮޅެއް ބާރަށް ދުވެވޭހެން ހީވާތީވެ، ކުޑަކޮށް ދުއްވާލި ތަނާ ކުޑަކުޑަކޮށް މަޑުކޮށްލެވުނީ. އެކަމަކު މިހާރު ތިބީ ނިކުމެ ބާރަށް ދުއްވާގަނެވިފައި. ދެން އިރާދަކުރެއްވިއްޔާ މިއެއް އަތެއް ނުވާނެ،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެބޭފުޅުން ނިކުމެ މިތިބީ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެން ޖަލުގެ ގޮޅިތަކުގެ ފަހަތަށް ނުދާނެ ގޮތެއް ހޯދުމަށް ކަމަށެވެ. އެހެންވެގެން މި މަސައްކަތުގައި އަދާލަތު ޕާޓީއާއި އެމްޑީއޭގެ މެންބަރުން ތަންކޮޅެއް ސީރިޔަސްކޮށް އުޅެންޖެހޭ ކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

"ކެންޕޭން ދުވަސްކޮޅުގައި އަޅުގަނޑުމެންގެ މީހުން ތަންކޮޅެއް "އޯވާ ކޮންފިޑެންޓް" ވީ. މިއަދު އަޅުގަނޑުމެންނަށް، އެމްޑީޕީގެ ހުރިހާ ބޭފުޅުންނަށް އެނގިއްޖެ ކުޑަކޮށް އެބަޖެހޭކަން ސީރިޔަސް ވެލަން. އަދާލަތާއި އެމްޑީއޭއަށް އެނގިއްޖެ އެބަޖެހޭކަން ސީރިޔަސް ވެލަން،" އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަފުޅުގައި ވަނީ އިދިކޮޅު ކެންޑިޑޭޓަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އޭނާ ވިދާޅުވީ މުއިއްޒުއަށް ވެރިކަން ލިބިއްޖެ ނަމަ މާލޭ ރައްޔިތުންނަށް ދިން ގޯތި ތަކާއި ފްލެޓްތައް އަތުލުމާއެކު ކުދި ރަށްރަށުގައި މިހާރު ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ވެސް ހުއްޓޭނެ ކަމަށެވެ.

comment ކޮމެންޓް