ނަން ނެންގެވި ހަތަރު ކެންޑިޑޭޓުން ތެރޭ ހިތަދޫ މެދު ދާއިރާގެ މެންބަރު ރަޝީދު

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު --- ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ފޯމު ހުށަހެޅި 381 ކެންޑިޑޭޓުންގެ ތެރެއިން އަނބުރާ ނަން ނެގި ހަަތަރު ކެންޑިޑޭޓުންގެ ތެރޭގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ކުރިމަތިލެއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހިމެނޭކަން ހާމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ނަގައިފައިވާ ކަމަށެވެ.

އެގޮތުން، އެމްޑީޕީގެ ފަރާތުން މުލަކު ދާއިރާއަށް ވާދަކުރި ކެންޑިޑޭޓާއި ޕީއެންސީ ޓިކެޓުގައި ގައްދޫ ދާއިރާއަށް ވާދަކުރި ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ކިނބިދޫ ދާއިރާއަށް ވާދަކުރި ކެންޑިޑޭޓުގެ އިތުރުން ހިތަދޫ މެދު ދާއިރާއަށް ވާދަކުރެއްވި ރަޝީދު އިންތިޚާބުގައި ވާދަނުކުރުމަށް ނިންމައިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ނަމަވެސް ރަޝީދު ނަން އަނބުރާ ގެންދެވި ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކެންޑިޑޭޓުންގެ ނަމަބަރު ތަރުތީބު ކުރުމަށް މިއަދު ދަރުބާރުގޭގައި އީސީން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިންފިނިޓް މޮމަންޓްސް / މޫސާ ނަދީމް

އިތުރަށް ހަބީބް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި 42 އަންހެން ކެންޑިޑޭޓުންނާއި 326 ފިރިހެން ކެންޑިޑޭޓުން ހިމެނޭހެން 368 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ ޖުމްލަ 381 ކެންޑިޑޭޓުން. 9 ކެންޑިޑޭޓެއްގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަނޭ." އޭނާގެ ޕޯސްޓުގައި ވެއެވެ.

އެގޮތުން އިންތިޚާބުގައި އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށާއި އެމްޑީޕީގެ ފަރާތުން 90 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، ޕީއެންސީގެ ޓިކެޓުގައި 89 ކެންޑިޑޭޓުންނާއި ޑިމޮކްރެޓްސްއިން 39 ކެންޑިޑޭޓުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފަރާތުން 10 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށެވެ.

އަދި އަދާލަތު ޕާޓީއާއި އެމްޑީއޭގެ ފަރާތުން ހަތަރު ކެންޑިޑޭޓުން ވާދަކުރައްވާ ކަން ފާހަގަކޮށް ހަބީބް ވިދާޅުވީ، އެމްއެންޕީން ދެ ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށެވެ.

އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބަށް ވުރެ މި އިންތިޚާބުގައި ދާއިރާތައް ގިނައެވެ. ނަމަވެސް މި އަހަރުގެ އިންތިޚާބަށް ކުރިމަތި ލާފައިވަނީ 2019ވަނަ އަހަރުގެ އިންތިޚާބަށް ކުރިމަތި ލީ ވަރަށް ވުރެ މަދު ކެންޑިޑޭޓުންކަން އީސީން ފާހަގަކުރިއެވެ.

comment ކޮމެންޓް