މީހަކު މަރުވިޔަސް ލައިސަންސް ނެތް ޑްރައިވަރު ދޫވެފައި

ލ. ގަން -- ފޮޓޯ/ ވިޒިޓް ލާމު ފޭސްބުކް

ލ އަތޮޅު ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގައިދިޔަ އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާ ހައްޔަރު ނުކުރާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ބުނެފިއެވެ.

މި މަހުގެ ނުވަވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި، ސައިކަލު ދުއްވަން އިން މީހާއަށް ގަން ރީޖަނަލް ހޮސްޕިޓަލުުން ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައިވެފައެވެ. އަދި, ކާރުގައި ތިބި ދެމީހުންނަށް ވެސް އަނިޔާ ވުމުގެ ސަބަބުން އެ ހޮސްޕިޓަލުން ފަރުވާ ދީފައެވެ.

މި ހާދިސާގައި ނިޔާވި، އުމުރުން 41 އަހަރުގެ މީހާ އަކީ ސައިކަލު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނަމަވެސް މި އެކްސިޑެނޓުގައި ކާރު ދުއްވަން އިން، އުމުރުން 28 އަހަރުގެ މީހާ އަކީ ކާރު ދުއްވުމުގެ ލައިސެންސު ނެތް މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ކާރު ދުއްވުމުގެ ލައިސެންސް ނެތް މީހާއަށް އަދަބެއް ދީފައިވާ ކަމެއް ނުވަތަ ނުވާ ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. އެކަމަކު، މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުނުކުރާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު މި ހާދިސާ ހިނގައިފައި ވާއިރު މިއީ އެ ދުވަހު ހިނގި ދެވަނަ އެކްސިޑެންޓެވެ. އެ ދުވަހު ފުވަމުލަކުގައި ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ ސައިކަލެއް ބަންޕަރަކުން ކަހާލާ، މީހަކު ވެއްޓި، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުން ދަނިކޮށް ވެސް ވަނީ މަރުވެފައެވެ.

comment ކޮމެންޓް