ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރިއަށްދާނެ ގޮތަކާމެދު ބޮޑު ދެ ޕާޓީއާ އެކު ވެސް މަޝްވަރާ ކުރާ ކަމަށާއި އެ ކަން ނިމޭނެ ގޮތަކާ މެދު ސަޕޯޓަރުން ކަންބޮޑުވެނުލެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވައިފިއެވެ.
އިންޑިއާ ސަފީރާ ބައްދަލު ކުރެއްވުމަށް ފަހު ނުކުމެވަޑައިގަތް މީޑިއާތަކުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ, އިންތިޚާބުގައި ދެވަނަ ބުރަށް ދިޔަ ދެ ޕާޓީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށާއި ކުރިއަށްދާނެ ގޮތަކާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
"ދެން އަޅުގަނޑަށް ހަމަ ހީވާ ގޮތުގައި ތިބޭފުޅުންނަށް ހިތްހަމަ ޖެހޭ ގޮތަކަށް މިކަން ނިމޭނެ. އެއް ގޮތަކަށް ވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. މި ގަޑީގަ ހަމަ އެއްގޮތަކަށް ވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. ކަންބޮޑުވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ ގޯސްހެންވާނީ. އަޅުގަނޑު ރަަނގަޅަށް ހަދާނީ ހުރިހާ ކަމެއް ވެސް. އަޅުގަނޑު ގޯސްކޮށް ނުހަދާނެ," ނަޝީދު ވިދާޅުވިއެވެ.
އިންތިޚާބުގެ ނަތީޖާ ވަރަށް ސާފުކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ, ކުރިއަށް ދިއުމާ ގުޅޭ ގޮތުން ގޯސް ގޮތެއް ނުނިންމަވާނެ ކަމަށާއި ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފައިވާއިރު ތިންވަނައަށް ގޮސްފައިވަނީ ރައީސް ނަޝީދުގެ ތާއީދާ އެކު ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބެވެ. އޭނާއަށް ވަނީ 15,839 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ، އެއްވަނައަށް ދިޔަ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެމެދު ހުރި ވޯޓުގެ ތަފާތެވެ.
އެމްޑީޕީގެ ތެރެއިން ނުކުމެ އުފެއްދި ޑިމޮކްރެޓްސްގެ އެންމެ ބޮޑު އެއް މަގުސަދަކަށް ވެސް ވެފައި އޮތީ މި އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބުވިޔަ ނުދިނުމެވެ. އަދި، ދެވަނަ ބުރެއްގައި ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒަށް ތާއީދު ކުރުމުގެ ރޫހެއް އެ ޕާޓީގެ މެންބަރުންގެ މެދުގައި އޮތީ އުފެދިފައެވެ.
އިންތިޚާބުގެ ދެވަނަ ބުރެއް އޮންނާނީ މި މަހު 30 ވާ ހޮނިހިރު ދުވަހުއެވެ.