ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވުމަކީ އެންމެ ފައިދާހުރި ގޮތެއް ނޫން: ޔުމްނާ

ތަރިކަ އާއި ސަގާފަތާއި ތާރީޚާ ބެހޭ ވަޒީރު ޔުމްނާ މައުމޫން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫން ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ގައުމުގެ ތަރައްގީއާއި ހަމަޖެހުމަށް ޓަކައި ކަމުގައި ވިދާޅުވެ، ޔުމްނާ ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން މީގެ ކުރިން އިއުލާން ކުރައްވާފައެވެ.

އެމްއާރުއެމްގެ ސްލޮޓެއްގައި ކެބިނެޓުގެ ވަޒީރުކަން ވެސް ކުރައްވާ ޔުމްނާ ވިދާޅުވީ ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށެވެ. އަދި ކޮންމެ ފަސް އަހަރަކުން ސިޔާސަތުތައް ބަދަލުވެ، ފަށާފައިހުރި މަޝްރޫއުތަކާއި މަސައްކަތްތައް ހުއްޓުނީމާ، ރައްޔިތުންނަށް ލިބުނު ކުރިއެރުން އަނެއްކާ ވެސް ދާނީ ފަހަތަށް ކަމަށް ޔުމްނާ ވެސް ވިދާޅުވިއެވެ.

"ކޮންމެ ފަސް އަހަރަކުން ސިޔާސަތުތައް ބަދަލުވެ، ފަށާފައިހުރި މަޝްރޫއުތަކާއި މަސައްކަތްތައް ހުއްޓުނީމަ ރައްޔިތުންނަށް ލިބުނު ކުރިއެރުން އަނެއްކާ ވެސް ދާނީ ފަހަތަށް،" ޔުމްނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ، މަތިން ވޯޓު ލިބިފައި ނުވާތީ މި އިންތިޚާބު މިހާރު މިވަނީ ދެވަނަ ބުރަކަށް ގޮސްފައެވެ.

މި ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ހަ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ދެ ކެންޑިޑޭޓުންނާއެކު ޖުމުލަ އަށް ކެންޑިޑޭޓަކު ވާދަ ކުރެއްވިއެވެ. މީގެ ތެރެއިން ދެވަނަ ބުރަށް ވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙު އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒުއެވެ.

މި ދެ ކެންޑިޑޭޓުންގެ ތެރެއިން ޑރ. މުއިއްޒު ވަނީ އެއްލައްކައަށް ވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. ރައީސް ޞާލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

comment ކޮމެންޓް