ދެ އިންތިޚާބު އެއް ދުވަހަކު ބާއްވަން މައުމޫން ވެސް ތާއީދުނުކުރައްވާ

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ރައިސް މައުމޫން އަބްދުލްގައްޔޫމް: -- ފޮޓޯ/ ރައީސް އޮފީސް

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތާއީދު ނުކުރައްވާކަން އެމްއާރުއެމްގެ އެކްސްކޯ މެންބަރުންގެ ވަޓްސްއެޕް ގްރޫޕެއްގައި ހާމަކުރައްވައިފިއެވެ. މިކަން ހާމަވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސްކްރީންޝޮޓަކުންނެވެ. އަދި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންވެސް ވަނީ މިކަމާ ދެކޮޅަށް ޚިޔާލު ފާޅުކުރައްވާފައެވެ.

  • ދެ އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށް ރައީސް މައުމޫން ތާއީދެއް ނުކުރައްވާ
  • މިކަން ހާމަވީ އެމްއާރުއެމްގެ ވަޓްސްއެޕް ގްރޫޕެއްގައި ކުރެވުނު ސުވާލަކުން
  • ސޯޝަލް މީޑިއާގައި ދައުރުވާ ސްކްރީންޝޮޓްގެ ސައްހަކަން ވަނީ ކަށަވަރުވެފައި
  • ކުރީގެ މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ދެ އިންތިޚާބު އެއްކޮށްލުމާ ދެކޮޅު ހައްދަވާފައި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ތާއީދު ނުކުރައްވާކަން ހާމަވެއްޖެއެވެ.

މިކަން ރައީސް މައުމޫން ހާމަކުރެއްވީ މިހާރު އުވާލާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އެކްސްކޯ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި، މެންބަރަކު ކުރެއްވި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބުގައެވެ.

މި ވާހަކައިގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މައުމޫންގެ އަރިސް ބޭފުޅަކު ވަނީ އެ ސްކްރީންޝޮޓްގެ ސައްހަކަން "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެ ސްކްރީންޝޮޓުން ފެންނަނީ، އިންތިޚާބު އެއްކޮށްލައި، ވޯޓުލުމަކީ ރަނގަޅު ކަމެއްތޯ ސުވާލުކުރުމުން، ރައީސް މައުމޫން ޖަވާބުގައި "ނޫން" ވިދާޅުވެފައި އޮއްވައެވެ. މިއީ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާކަން ހާމަވާ ކަމެކެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުން ޚިޔާލު ފާޅުކުރަމުންދާއިރު، ރައީސް މައުމޫން ފާޅުކަން ބޮޑު ގޮތެއްގައި އެކަމަށް ސޯޝަލް މީޑިއާގައި ލިޔުއްވައިފައިނުވެއެވެ.

ނަމަވެސް ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދެ އިންތިޚާބު އެކުގައި ބޭއްވުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.

comment ކޮމެންޓް