އިގްތިޞާދީ މަސައްކަތަށް ހިރިނައިދޫ، ނެއްލައިދުއަށް ދިނުމަށް ރައީސް ވައުދުވެވަޑައިގެންފި

ރައީސް ހދ. ނެއްލައިދުއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ހދ. ނެއްލައިދު ކައިރި އޮންނަ ފަޅު ރަށެއްކަމަށްވާ ހިރިނައިދޫ، އިގްތިޞާދީ މަސައްކަތްކުރުމަށް ކުރިއަށް އޮތް ދައުރުގެ ތެރޭ ދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނެއްލައިދޫގައި އޮތް އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސްވަނީ މި ރަށުގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.

އޭގެ ތެރެއިން އެއް ކަމަކީ މިހާރު ވަރުވާއަށް ދީފައި އޮތް ހިރިނައިދޫ އިގްތިޞާދީ މަސައްކަތަށް ޚާއްސަކޮށް ނެއްލައިދޫ ކައުންސިލާ ހަވާލުކުރުމެވެ. ރައީސް ވިދާޅުވީ މިހާރު އެ މަސައްކަތް ކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ފުރިހަމަކުރަމުން އަންނަކަމަށެވެ.

ހިރިނައިދޫއަކީ ލަނޑާ ނެގުންފަދަ މަސައްކަތްތައް ކުރެވޭނެ ރަށެއްކަމަށް ރައީސް ވިދާޅުވިއެވެ.

ދެން ހުރި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ފްލެޓް އެޅުން
  • ބޮޑެތި މަގުތައް ޒަމާނީކުރުން
  • ސްކޫލަށް އިތުރު ވަސީލަތް ހަމަކޮށް ޖާގައިގެ ދަތި ހައްލުކުރުން
  • އޮޑި އެހެލާ ސަރަހައްދެއް ހެދުން
  • ޒަމާނީ މިސްކިތެއް އެޅުން
  • ސިއްހީ މަރުކަޒު ތަރައްގީކޮށް ޚިދުމަތް 24ގަޑިއިރަށް ބަދަލުކުރުން

މިއީ ދެވަނަ ދައުރުން ފެށިގެން ބާރަށް ކުރާނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ސާބިތުވެ ތިބޭފުޅުން ތިއްބަވާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވައުދު ނުފުއްދާ ވެރިންނަކީ ކޮބައިކަން ރައްޔިތުންނަށް ސާފުވާނެކަމަށެވެ. މީގެ 10 އަހަރު ކުރީގެ ހާލަތާއި، މިއަދުގެ ހާލަތު ވެސް ރައްޔިތުންނަށް ފެންނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ 2018ވަނަ އަހަރުގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯއަކީ ހުރިހާ ރައްޔިތުން ތަރައްގީގައި ބައިވެރިކޮށްގެން ކުރިއަށް ދިއުމަށް އެކުލަވައިލި މެނިފެސްޓޯއެއްކަމަށެވެ. ރަށްތަކަށް ބަލައިލުމުން އެ މަންޒަރު ސިފަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިއަދު ރައްޔިތުން އެދުނު ހުރިހާ ކަމެއް ގާތްގަނޑަކަށް ކޮށް ނިމެމުން އަންނަކަމަށެވެ.

ނެއްލައިދޫގެ އިތުރުން އެމަނިކުފާނު މިއަދު ވަނީ އެރަށާ ޖެހިގެން އޮންނަ ވައިކަރަދުއަށް ވެސް ވަޑައިގެންފައެވެ. އެގޮތުން އެރަށުގެ ތަރައްގީއަށް ކުރަން ނިންމަވާފައިވާ ކަންކަން ރައީސް އިއުލާން ކުރެއްވިއެވެ.

ވައިކަރަދުއަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް:

  • ރޯހައުސް އެޅުން
  • ބޮޑެތި މަގުތައް ތާރު އަޅައި ޒަމާނީކުރުން
  • ބަނދަރު މައްސަލަ ހައްލުކޮށް އޮއި ދެމޭގޮތަށް ހެދުން
  • މޫދަށް އެރޭ ސަރަހައްދެއް ހެދުން
  • ސްކޭޓް ޕާކެއް އެޅުން
  • މިސްކިތެއް ތަރައްގީކުރުން
comment ކޮމެންޓް