މުއިއްޒު ހުންނެވީ ރައީސްގެ ރަށުން މެޖޯރިޓީ ލިބޭނެކަމުގެ އުންމީދުގައި

ހިންނަވަރުން މުއިއްޒަށް މަރުހަބާ ކިޔަނީ --

ޅ. ހިންނަވަރުން، ޢާލިމް އަބްދުއްލަތީފް

ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އުފަން ރަށް، ޅ. ހިންނަވަރުން ޕީޕީއެމް، ޕީއެންސީއަށް މެޖޯރިޓީ ލިބުމަކީ ވަރަށްބޮޑަށް އުންމީދުކުރައްވާކަމެއް ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެވެ.

އަތޮޅުތެރެއަށް ކުރައްވާ ދަތުރުގައި މުއިއްޒު މިއަދު ވަނީ ހިންނަވަރަށް ވަޑައިގެންފައެވެ އެ ރަށަށް ވަޑައިގެން އޭނާ ވިދާޅުވީ ވަރަށް އުނދަގޫ އަދި ބިރުވެރި ހާލަތެއްގައި ތިބެގެން ވެސް މި ރަށުން މަރުހަބާ ކިޔަން ނުކުތް މީހުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

"ތި ދައްކަވާ ވަރުގަދަ މިސާލަކީ ހަގީގަތުގައި މިއަދުގެ ގައުމުގެ ކަންތައްތައް އަޅުގަނޑުމެންގެ ގައުމިއްޔަތާއި އަޅުގަނޑުމެންގެ މިނިވަންކަމާ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާ ގެއްލިގެން ދާ ދިއުމުގެ ކުރިމަތީގައި ދިވެހި ރައްޔިތުން ދިވެހީންގެ ރާއްޖެ ހޯދުމަށް ޓަކައި ތެދުވެ ދައްކަންވީ ކެރުމާއި ޖޯޝުގެ މިސާލު،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 9 ސެޕްޓެމްބަރުގައި ނަގާ ވޯޓަކީ ހަމައެކަނި އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި މުހުތާދުތައް ފުއްދައިދޭނެ މީހަކު ހޯދަން ނަގާ ވޯޓެއް ނޫންކަމަށެވެ. ރަށުގެ ބޭރުން، މުޅި ގައުމުގެ އެންމެ ބޮޑެތި ބަހާތަކާއި އެންމެ މުހިންމު ކަންކަން ސަލާމަތްކުރުމަށް ޓަަކައި ނަގާ ވޯޓެއް ކަމަށެވެ.

"މި ރަށަށް ތިޔަ ވިދާޅުވީ ފަސް އަހަރު ނިމިގެންދާއިރު އެއްކަމެއް ވެސް ހަގީގަތުގައި ފުރިހަމަކޮށްދެވިފައެއް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ދެއްވި ޔަގީންކަމަކީ މަގުހެދުމާއި ގޯތި ދިން ބިންތަކަށް ނަރުދަމާއާއި ފެންގުޅުމާއި އެ ފަދަ ހުރިހާ އުމްރާނީ ތަރައްގީއެއް މި ރަށަށް ގެނެސްދެއްވާނެކަމުގެ ޔަގީންކަމެވެ.

އެހެން ނަމަވެސް، އޭގެ ކުރިން ގައުމުގެ މައްސަލަތައް ހައްލުކުރަން އެކަތިގަނޑަކަށްވުން މާ މުހިންމުކަމަށް މުއިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

މުއިއްޒު ހިންނަވަރުގައި ވާހަަކަ ދައްކަވަނީ --"އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް ހަގީގަތުގައި ވެސް ދިވެހީންގެ ގޮތުގައި މިއަދު ތިއްބަސް އަޅުގަނޑުމެންގެ އަމިއްލަ ބަސް ޖަހައިގަންނަ ހިސާބުގައ މި އޮތީ،" މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިނިވަންކަން އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލައިފައި މި އޮތީ ގާތްގަނޑަކަށް ނިމިފައި މި ކަންތައް،"

މުއިއްޒު ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނީ އެއްބުރުންކަމަށާއި އެ ކާމިޔާބީގައި ހިންނަވަރުން މެޖޯރިޓީ ލިބުމަކީ އޭނާ ވަރަށް އުފާވާނެކަމެއް ކަމަށެވެ. އަދި އެއީ އޭނާ ވަރަށް ދެކެން ބޭނުންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

"އެއީ ވަރަށް ބޮޑު ޗެލެންޖެއް. އެހެން ނަމަވެސް ތިޔަބޭފުޅުން އަޅުގަނޑަށް ޔަގީން ކާމިޔާބުކުރައްވާނެކަން،" މުއިއްޒު ވިދާޅުވިއެވެ.

ކެމްޕޭން ދަތުރުތައް ޅ. އަތޮޅަށް ރައީސް ޞާލިހާއި މުއިއްޒު ކުރެއްވީ ދާދި އެކުއެކީގައެވެ. މިއަދު ކުރެންދޫގައި ދެ ބޭފުޅުން ވަނީ އެއް ވަގުތެއްގައި ކެމްޕޭން ކުރައްވައިފައެވެ.

comment ކޮމެންޓް