ޅ. އަތޮޅުގައި އެކަހެރިކޮށް އޮންނަ އޮޅުވެލިފުއްޓަށް ރައީސްގެ ގިނަ ވައުދުފުޅުތަކެއް

ރައީސް ޅ. އޮޅުވެލިފުއްޓަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ޅ. އަތޮޅުގައި އެކަހެރިކޮށް އޮންނަ އޮޅުވެލިފުއްޓަށް ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ގިނަ ކަންތައްތަކެއްގެ ވައުދު ރަައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހާމަކުރައްވައިފިއެވެ.

އެ މަނިކުފާނުގެ އަމިއްލަފުޅު އަތޮޅުުގެ ހަތަރު ރަށަށް މިއަދު ކެމްޕޭން ދަތުރުފުޅު ފެއްޓެވިއިރު އެންމެ ފުރަތަމަ ރައީސް ވަޑައިގަތީ އޮޅުވެލިފުއްޓަށެވެ.

މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގެ ފަސް ދައުރު މަޖިލިސް މެންބަރުކަމަށް ހޮވިވަޑައިގެން ރައްޔިތުންނާ އެކު މަސައްކަތްކުރެއްވިއިރު އުޅުއްވަން ޖެހިިވަޑައިގަތީ ސަރުކާރާ އިދިކޮޅު މެންބަރެއްގެ ގޮތުގައި ކަމަށެވެ.

އޮޅުވެލިފުށީ ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދެއްވިއިރު އަބަދު ވެސް ސަރުކާރުތަކުން އޮތީ މި ރަށް ބާކީކޮށްލައިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

"އަޅުގަނޑުގެ ސިޔާސީ ހަޔާތުގެ ފަސް ދައުރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި އިރުގައި އޭގެ ތެރެއިން އެންމެ ފަހަރަކު ނޫނިއްޔާ އަަޅުގަނޑު މަޖިލީހަށް ހޮވުނީ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި. މުޅި ސަރުކާރު އެކީގައި އޭރު ވެސް މަސައްކަތް ކުރަމުން ދިޔައީ އަޅުގަނޑާ އަޅުގަނޑުގެ ޓީމާ ދެކޮޅަށް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އަސާސީ ޚިދުމަތްތައް ދިނުމުގައި ވެސް ކުރީގެ ސަރުކާރުތަކުން ތަފާތުކުރުންތައް ގެންގުޅެމުން އައި ކަމަށެވެ. އަދި، އޭރު ވެސް މި ރަށުގެ ރައްޔިތުން ބުނަމުން ދިޔައީ އޭރުގެ ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ ވާހަކަ ކަމަށެވެ.

"އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތައް ތަރުތީބުވެފައި އޮތް ގޮތުން އޮޅުވެލިފުއްޓަކީ އެކަހެރިކޮށް ތަންކޮޅެއް ދުރުގައި އޮންނަ ރަށެއް. އަޅުގަނޑުމެންގެ އަތޮޅުގެ މީހުން މި ސަރަހައްދަށް ކިޔާނީ ޖާވާކަރަ،" ރަައީސް ވިދާޅުވިއެވެ.

ނަމަވެސް މި ފަސް އަހަރު ކުރެވުނު މަސައްކަތުގައި މި ރަށުގައި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިމި ޚިދުމަތް ލިބެމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ދައުރެއްގައި އޮޅުވެލިފުއްޓަށް ރައީސްގެ ވައުދުތައް:

  • ބިން އިތުރުކޮށް، ފުލެޓު ނުވަތަ ރޯ ހައުސް އެޅުން
  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން
  • ހެލްތު ސެންޓަރު 24ގަޑިއިރަށް ޚިދުމަތް ދޭ ތަނަކަށް ހެދުން
  • ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ދިނުން
  • ކައުންސިލް އިދާރާ އޮފީހެއް އަޅައިދިނުން
  • އާ މިސްކިތެއް އަޅައިދިނުން

ރައީސް ވިދާޅުވީ އިދިކޮޅުން މިހާރު ކުރަމުން އަންނަ ކަމަކީ އެ މަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ކުދިކުދި ބަދަލުތަކާ އެކު އިއުލާނުކޮށްލުން ކަމަށެވެ. ރައްޔިތުން އެ ކަމާ ފުންކޮށް ވިސްނަން ޖެހޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއްޗެއް ބުނާއިރަށް ދެން އެ ކުޑަކޮށް ބަދަލުކޮށްލައިފައި ބުނަމުން އެ ގެންދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް