އާރުޓީއެލް އަކީ ރާއްޖެ ތާ އަބަދަށް ބަދަލު ކޮށްލާނެ ޚިދުމަތެއް, ހުއްޓުނަ ނުދެއްވާތި: އަސްލަމް

ގދ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަނީ --- ފޮޓޯ: ހައުސިން މިނިސްޓްރީ

އެމްޓީސީސީން މުޅި ރާއްޖެ ދަތުރުފަތުރުން ގުޅާލުމަށް ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތުން މުޅި ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށާއި އެ މަޝަރޫއު ހުއްޓުނަ ނުދިނުމަށް ހައިސިން މިނިސްޓަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ފަށާފައިވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގައެވެ. އެ ބޮޅަށް ހުވަދު އަތޮޅުގެ ގއ. އަދި ގދ އަތޮޅު އިތުރުވުމުން މިއީ ޚިދުމަތް ދޭން ފަށާ ހަވަނަ އަތޮޅެވެ.

ގދ. އަތޮޅުގައި އެ ޚިދުމަތް ދިނުން ރަސްމީކޮށް ފެށުމަށް މިއަދު ތިނަދޫގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ, އާރްޓީއެލް ހިދުމަތް ފެށުމުގެ އެންމެ މުހިންމު އެއް މަގުސަދަކީ ރަށު ބަންދުން ރައްޔިތުން ވީއްލުމަށް ފުރުސަތު ދިނުން ކަމަށެވެ.

އެއް ރަށް އަނެއް ރަށާ ގުޅުވާލަނީ ބައިވަރު ސަބަބުތަކާ އެކުގައިކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ, ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް ގުޅުވާ ނުލައި ރާއްޖެއަށް ހަގީގީ ތަރައްގީ ނާންނާނެ ކަމަށެވެ.

އާރްޓީއެލްގެ ޚިދުމަތް ފެށިތާ އަހަރެއް ވެފައިވާކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ އެ ހިދުމަތް ދެމުން މިދަނީ ދުނިޔޭގެ ފެންވަރުގައި އެހެން ގައުމުތަކުން ވެސް އެކަން އެންމެ ފުރިހަމަށް ކުރާ ގޮތަށް ކަމަށެވެ.

"ގައުމެއްގެ ރައްޔިތުން ސަރުކާރެއްގެ ފަރާތުން އެދެން ބޭނުންވާނެ ކަންތައްތަކަކީ އެ ގައުމު ބަދަލު ކޮށްލާނެ އިންގިލާބީ ބަދަލެއް ގެންނާނެ ޒާތުގެ ކަންކަން އެ ސަރުކާރަކުން ހިންގުން. މިއީ މި ދިވެހިރާއްޖެ ތާ އަބަދަށް ބަދަލު ކޮށްލާނެ ޚިދުމަތެއް," އަސްލަމް ވިދާޅުވިއެވެ.

ގދ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ: ހައުސިން މިނިސްޓްރީ

އާރްޓީއެލްގެ ޚިދުމަތް މިހާރު ގޮސްފައި އޮތް ހިސާބުން އެކަން ހުއްޓުވާލުމަކީ އެއްވެސް ބަޔަކަށް ދެން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އަސްލަމް ވަނީ ޗެލެންޖް ކުރައްވާފައެވެ. ނަމަވެސް ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އެކަން ހުއްޓާލެވިދާނެ ކަން ފާހަގަކޮށް އަސަލަމް ވިދާޅުވީ, އެކަމުގެ ސަބަބުން ހުރިހާ ދައްޗަކާއި ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް ކަމަށެވެ.

"މި ޒާތުގެ ކަންކަން ދުނިޔޭގައި ކުރަނީ މީގެން މި ދުއްވައިގެން އެއްޗެއް ހޯދަކަށް ނޫން. މިއީ ރައްޔިތުންނަސް ފަސޭހައަކަށް ކުރާ ކަމެއް," މިނިސްޓަރު ވިދާޅުވިއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތަކީ ބިޒްނަސް މޮޑެލްއެއް ނޫންކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ, މި ޚިދުމަތުން ސަރުކާރުން ކުރަނީ ވިޔަފާރި ނޫން ކަމަށެވެ. އެގޮތުން އުމުރުން ހަތަރު އަހަރުން ދަށުގެ ކުދިންނާ ނުކުޅެދުންތެރިކަން ހުންނަ މީހުން ދަތުރު ކުރުމަށް އެއްވެސް އަގެއް ނުނަގާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކެޓަގަރީން މިހާތަނަށް ދަތުރުކުރި މީހުންގެ އަދަދު 19 ހާހަށް ވުރެ އިތުރު ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެއީ ނޫން ތޯ މި ދާން އުޅޭ ތަނަކީ. އެއީ ނޫން ތޯ މި ކުރަން އުޅޭ ކަމަކީ. ނަމަ ނަމަ މިކަން ހުއްޓުނަ ނުދެއްވާތި. ނަމަ ނަމަ މިކަން ހުއްޓުނަ ނުދެއްވާތި," އަސްލަމް ވިދާޅުވިއެވެ.

ގދ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށީ ހަ ލޯންޗުންކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ, މުސްތަގްބަލްގައި އަދި އެ ފްލީޓްއާ އިތުރު ލޯންޗްތައް ގުޅޭނެ ކަމަށެވެ. އެގޮތުން ޖުމްލަ އަށް ލޯންޗް އެ ސަރަހައްދަށް ހާއްސަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަދި އެއާ އެކީގައި ބެކަޕް ލޯންޗްތައް ވެސް ހުންނާނެ. މީގެން ކޮންމެ ލޯންޗެއްގައި ހަ ކުރޫން ތިބޭނެ. ވަޒީފާ އެ އުފެދެނީ. ރަނގަޅު ވަޒީފާ. ރަށުގައި ތިބެގެން," އަސްލަމް ވިދާޅުވިއެވެ.

comment ކޮމެންޓް