ރައީސް ޞާލިޙަށް ތާއީދު ކުރަނީ އަންހެނުން ބާރުވެރިކުރުވުމަށް ގެންގުޅޭ ސިޔާސަތުގެ ސަބަބުން: ޔުމްނާ

ތަރިކަ އާއި ސަގާފަތާއި ތާރީޚާ ބެހޭ ވަޒީރު ޔުމްނާ މައުމޫން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެވަނަ ދައުރަކަށް ހޮވަން ތާއީދު ކުރާ އެއް ސަބަބަކީ އެމަނިކުފާނު ގެންގުޅުއްވައި މިންތީގެ ހަމަހަމަ ކަމާއި އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތު ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެ ދާއިރާއަށް ރައީސް ޞާލިޙް ވަނީ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައި ކަމަށާއި، އެހެންވެ، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ.

ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ޔޫއެންޑީޕީ އަދި އޮސްޓްރޭލިއާގެ ސަރުކާރުގެ އެހީތެރިކަމާއި ފަންނީ ލަފަޔާ އެކު އެކުލަވާލި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ވަޒީރުންގެ މަޖިލީހުން ފާސްކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ 22 ގައެވެ.

އެ ޕްލޭން ތަންފީޒުކުރުމަށް އެކުލަވައިލި ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ.

ޖެންޑާ އީކުއަލިޓީ ޕޮލިސީއާއި ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭނަކީ އަންހެނުން އިގުތިސާދީ ގޮތުން ބާރުވެރިކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ޕްލޭނެކެވެ.

އެ ޕްލޭންގެ ސަބަބުން ގައުމުގެ އިގުތިސާދާއި ތަރައްގީގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވުމުގެ އިތުރުން އިގުތިސާދީ ބާރުވެރިކަމުގައި ދެ ޖިންސުގެ މީހުން އެއް ހަމައެއްގައި ފައިދާ ކުރާނެއެވެ.

comment ކޮމެންޓް