ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް ފިޔަވާ، ދެން ހުރި ޕާޓީތަކާ އެކު މަޝްވަރާ ކުރައްވަމުންދާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ލ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ފުރަތަމަ ބުރުގައި ފުރުސަތު ނެތްކަން މިހާރު ސާފުވާ ކަމަށެވެ.
"ދެން ހުރި ޕާޓީތަކުގެ އެކި ލެވެލްގައި އަޅުގަނޑުމެންނާ ވާހަކަ އެބަ ދެކެވޭ. އަޅުގަނޑު ހިތުން މިހާރު އޭގެތެރެއިން ބައެއް ބޭފުޅުންނަށް ގަބޫލުފުޅު ކުރެއްވޭނެ އެ ބޭފުޅުންނަށް ފުރަތަމަ ބުރުގައި އުންމީދެއް ނެތްކަން" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްއާ ގުޅުނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަނބުރާ ޕާޓީއަށް ވަޑައިގަތުމުގެ ދައުވަތު ދެއްވާފައެވެ.
"އަޅުގަނޑު މިހާރު ވެސް އެ ހުރިހާ ބޭފުޅުންނަށް، ދެން އަޅުގަނޑުމެންނާ މި ވަގުތު ތަންކޮޅެއް ދުރަށް ޖެހިވަޑައިގެންނެވި ބޭފުޅުންނަށް ވެސް މި ދައުވަތު އަރުވަނީ، އެމްޑީޕީ ތެރޭގައި އަބަދު ވެސް އެ ބޭފުޅުންނަށް އެޖާގަ އޮންނާނެ"،
"އަޅުގަނޑުމެންނާ އެ ވަކިވެ ވަޑައިގެންނެވި ބައެއް ބޭފުޅުންނާ ސިޔާސީ ގޮތުން ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވީ ނަމަވެސް، ރާއްޖެ ތަރައްގީ ކުރުމުގައި އަޅުގަނޑު ހިތުން އަމާޒު ހިފާފައި މިހުރީ އެއް ދިމާއަށް" ރައީސް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގައި ތިއްބެވި މެންބަރުންގެ ތެރެއިން، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ތޮއްޑޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ އަދިވެސް ބައެއް މެންބަރުން އެމްޑީޕީއާ ގުޅުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ރައީސް ވިދާޅުވީ ޕާޓީން ބައެއް މެންބަރުން ވަކިވި ނަމަވެސް، ރަށްރަށުގައި އެމްޑީޕީ އޮތް ގޮތަށް އެބައޮތް ކަމަށެވެ. ވަކިވާ މެންބަރުން އަނބުރާ އަންނަނީ އާންމު ރައްޔިތުން އެމްޑީޕީއާއެކު ތިބުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހަމަ ގައިމު ވެސް އެއްވެސް މެންބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް ނުވަތަ ރިޝްވަތޭ ތި ވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ" މެންބަރުން ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިމެނޭ ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވިއެވެ.