ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ފަރާތުން ނުކުންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ނަމާ ދިމާލުގައި ޕީޕީއެމްގެ ލޯގޯ ޖެހެން ނެތް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އަންގާފައިވާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ކެންޑިޑެންސީ ބަލައި ނުގަތުމުން އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވީ ޕީއެންސީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
ކޯލިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން މުއިއްޒު ރިޔާސީ އިންތިހާބަށް ނިކުންނަވާއިރު އިދިކޮޅުން ވަނީ ވޯޓު ކަރުދާހުގައި ޕީއެންސީގެ ލޯގޯގެ އިތުރުން ޕީޕީއެމްގެ ލޯގޯ ވެސް ހިމަނައިދިނުމަށް އެދިފައެވެ.
"އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ ނަމާ ދިމާލު ވޯޓު ކަރުދާހުގައި ލޯގޯ ޖެހުމަށް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައީ," ޑރ. މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލު ވިދާޅުވިއެވެ.
ނަމަވެސް އެކަމަށް އަލިމަގެއް ފެނިފައިނުވާކަން ފާހަގަކޮށް ތޮލާލު ވިދާޅުވީ, ޕީޕީއެމް އަދި ޕީއެންސީން ފޮނުވި ސިޓީތަކަށް އީސީން ދެއްވި ޖަވާބަކީ އިދިކޮޅުން އެދުނު ގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށެވެ. އަދި އެކަން ކޮށްދެވެން ނެތީ ގާނޫނީ ގޮތުން ފުށުއެރުންތަކެއް ހުރުމުން ކަމަށް އީސީން ބުނި ކަމަށް ތޮލާލު ވިދާޅުވިއެވެ.
"ގާނޫނީ ގޮތުން އެކަން ނުކުރެވެންވީ ސަބަބެއް އެބޭފުޅުންނަކަށް ވިދާޅެއް ނުވެވޭ. އަނެއްކޮޅުން ގާނޫނުގެ ކޮން މާއްދާއަކުން ކަން މިކަމަށް ހުއްދަ ނުދެވެނީ ނުވަތަ ކެންޑިޑޭޓް ބޭނުންވާ ލޯގޯއެއް ނުޖެހެނީ ބުނެދީފައެއް ނުވޭ," ތޮލާލު ވިދާޅުވިއެވެ.
ނަމަވެސް ގާނޫނީ ގޮތުން އެކަން ކުރެވެން ނެތް ސަބަބު އީސީން ބުނެދީފައި ނުވާ ކަމަށް ތޮލާލު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ވަންޏާ އިލެކްޝަން ކޮމިޝަނުން ބާއްވާ އިންތިހާބު ތަކުގައި ކޮންމެ ކެންޑިޑޭޓަކަށް ވެސް އެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި އެ ކެންޑިޑޭޓަކު ބޭނުންވާ ލޯގޯ ޖެހެން ޖެހޭނެ. ނުޖެހެންވީ އެއްވެސް ސަބަބެއް ނެތް," ތޮލާލު ވިދާޅުވިއެވެ.
ލޯގޯ ޖެހެން ނެތް ކަމަށް އީސީން ޖަވާބު ދިނުމުގެ ކުރިން ވޯޓު ކަރުދާސް ޕްރިންޓް ކުރަން ފަށާފައިވާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
ސަރުކާރުން އީސީ އަށް ނުފޫޒު ފޯރުވާ ކަމަށް ވެސް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތަށް، ސަރުކާރުން ބޭނުންވާ ގޮތަށް ކުރަން އުޅޭ ކަންކަން އެ ގޮތަށް ވިޔަ ނުދިނުމަށް އީސީން މަސައްކަތް ކޮށްދެއްވުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.