ފަވަރަ ޕޯޓަލްއިން ބަދަލު ކުރެވުނު ޓްރާންސެކްޝަން ތަކުގައިހިމެނުނު ޖުމްލަ ފައިސާގެ އަދަދު 10 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހު 26 ވަނަ ދުވަހުގެރޭ 9:15 އިން ފެށިގެން އިއްޔެ މެންދުރު 13:30 އާ ހަމައަށް 3،676 ފައިސާގެ މުއާމަލާތް އެ ޕޯޓަލް މެދުވެރިކޮށް ހިނގައިފައިވެއެވެ. އެ މުއާމަލާތްތަކުގެ ޖުމްލަ އަގު 10.6 މިލިއަނަށް އަރައެވެ.
މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ތައާރަފު ކުރި، ފަވަރަ ޕޯޓަލްއިން އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވެއެވެ. އަދި، ފަވަރަ އައިޑީގެ ޚިދުމަތް މެދުވެރިކޮށް، ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ބޭނުންކޮށްގެން، އެކައުންޓު ނަންބަރު ހިއްސާ ކުރުމަކާ ނުލައި ފައިސާގެ މުއާމަލާތް ވެސް ކުރެވެއެވެ.
އިތުރު މައުލޫމާތެއް ހިއްސާ ކުރުމެއް ނެތި، ރިކުއެސްޓެއް ފޮނުވާލައިގެން ފައިސާ ހޯދޭނެ ގޮތް ވެސް ވަނީ އެ ޕޯޓަލް މެދުވެރިކޮށް ހަދާފައެވެ. އަދި، އޮޅިގެން ފައިސާއެއް ފޮނުވިއްޖެ ނަމަ ފަސޭހައިން "ރިކޯލް" ކުރެވޭނެ ފީޗާއެއް ވެސް މި ޕޯޓަލްގައި ވަނީ ހިމަނާފައިވެއެވެ.
ފަވަރަގެ ޚިދުމަތް މިހާރު ދެމުން އަންނަނީ ތިން ބޭންކަކާ ގުޅިގެންނެވެ. އެއީ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ. ބާކީހުރި ބޭންކުތަކުން އެ ޚިދުމަތާ ގުޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
މީގެ އިތުރުން ވަރަށް އަވަހަށް، ޕޭމަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އެހެން ކުންފުނިތަކަށް ވެސް ގުޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.