މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުން އަތުވެދާނެ ޕްރެޝަރު ކުޑަކުރަން ގެންނަން ޖެހޭ ބަދަލެއް ގެންނާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން ވަނީ، ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓުކުރުމަށް ފަހު، އެ ފައިސާ ފެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރުމަށް ނިންމާފައެވެ.
އެ މުއާމަލާތާ ގުޅިގެން މިއަދު ބަޖެޓު ކޮމިޓީގައި ބައެއް މެންބަރުން ވަނީ ގަވަރުނަރާ ސުވާލުކުރައްވާފައެވެ.
އެ ސުވާލުތަކަށް ދެއްވި ކުރު ޖަވާބުގައި މުނައްވަރު ވިދާޅުވީ، އެ މުއާމަލާތަކީ އިންވެސްޓުމަންޓެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެ ކަމުގެ ސަބަބުން ބާޒާރަށް އަތުވެދާނެ ޕްރެޝަރު ހިފެހެއްޓުމަށް ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓު ކޮމިޓީގައި އެމްއެމްއޭގެ އިސްވެރިން ---- ފޮޓޯ/ މަޖިލިސް
އަޅުގަނޑުމެން ދިރާސާކުރަމުން މިދަނީ. އިންވެސްޓުމަންޓު އޭންގަލްއަކުން އަޅުގަނޑުމެން މި ނަގަނީ. އެއީ ޕޭޝަންޓުން އަޅުގަނޑުމެނަށް ރިކުއެސްޓެއް އައިސްފައި އޮތީމުގެ ސަބަބުން އޭގެން އައިސްދާނެ ލިކުއިޑިޓީ އިމްޕެކްޓަށް މަނިޓަރީ ޕޮލިސީއަށް ގެންނަން ޖެހޭ ޗޭންޖެއް ގެންނާނަން އިނގޭތޯއެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު
މުނައްވަރު އެހެން ވިދާޅުވިއިރު، އެމްއެމްއޭގެ އެ މުއާމަލާތާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމަކު، އެއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ސަރުކާރުގެ އެކި ފަންތީގެ އޮފިޝަލުން އަންނަނީ ވިދާޅުވަމުންނެވެ. އެ މުއާމަލާތާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައިނުވި ނަމަވެސް އެއީ ހަގީގަތެއްކަން ވަނީ އެނގިފައެވެ.
އެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ އިގުތިސާދީ ނަތީޖާއަކީ ހަމަ ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ.
އެ މުއާމަލާތަކީ ފައިސާ ޗާޕުކުރުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެއީ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ވެސް ޚިލާފަށް ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ފައިސާ ޗާޕުނުކުރައްވާނެ ކަމަށް ވައުދުވެލައްވައިގެންނެވެ.
އެ މަނިކުފާނުގެ ސަރުކާރުގެ އިގުތިސާދީ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ވެސް ފައިސާ ޗާޕުނުކުރުން ހިމަނުއްވާފައިވެއެވެ. މިދިޔަ ސަރުކާރުގައި ފައިސާ ޗާޕުކުރުމުގެ ސަބަބުން އިގުތިސާދަށް ލިބުނު ގެއްލުން އަދިވެސް ފޫނުބެއްދޭ ކަމަށް ވެސް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރިކަން އެބައޮތެވެ.
މި އަހަރާއި އަންނަ އަހަރު ބޮޑެތި އަދަދުތައް ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެކަނި ވެސް 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަން ޖެހެއެވެ. އެ ފައިސާ ނުދެއްކިދާނެކަމުގެ ބިރު ބޮޑުވެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ދީފައި އޮތީ 'ޖަންކް' ރޭޓިންއެކެވެ.