ކަޓް ނެގުން: ގައުމަށް ކަމެއް ކޮށްދޭނަމަ މިކަން ހުއްޓުވާ!

ކޮރަޕްޝަން ދައްކުވައިދޭ ގްރެފިކްސްއެއް--

މާލޭ ބާޒާރުން ކޯޓް ގަނެގެން، މަޖިލީހަށް ވަޑައިގެން ހުވާ ކުރާ މެމްބަރުންނާއި ދަރަނިވެރިއެއްގެ ގޮތުގައި ހުރެ ސަރުކާރު ކުންފުނިތަކާ ހަވާލުވާ ބޭފުޅުންނާއި އާދައިގެ ސައިކަލެއްގައި ގޮސް ސިޔާސީ މަގާމުތަކާ ހަވާލުވާ ބައެއް ބޭފުޅުން ދައުރެއް ނިމޭއިރު ހޯދައިނުފެނެއެވެ. މާލޭގެ އަގުބޮޑު ބިންތައް އެބަ ގަނެލައެވެ. އާއިލާއާއެކު މުޅި ދުނިޔޭގައި ދަތުރު ކުރެއެވެ. އަގު ބޮޑު އުޅަނދުތައް ގަނެލަނީއެވެ. ކިޔާނެ ކަމެއް ނެތެވެ. ހައްގު ނޫން ތަނަވަސްކަން ފާޅުގައި ހޯދަނީއެވެ. އެއީ ލިބޭ މުސާރައިން ހޯދާ ތަނަވަސްކަމެއް ނޫނެވެ. މުޅިންހެން ކަޓް ނަގައިގެން ހޯދާ ނާޖާއިޖު ފައިސާއެވެ.

އެ ބަޔަކު އުފަލުގައި އުޅޭތީ އެކަން މައްސަލައަކަށް ވަނީއެއް ނޫނެވެ. މައްސަލަކީ އާބާދީގެ ބޮޑުބައެއް ދަރަނިވެރިވެ، ކުލީގެ އަޅުންނަށްވެ، އަސާސީ ހިދުމަތްތައް ނުފުއްދިފައި ތިއްބާ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަދު ބަޔަކު ތަނަވަސްކަން ހޯދުމެވެ. އޭގެ ސަބަބުން ގައުމު ދަރަނިވެރިވެ، އެކަމުގެ ބުރަ ނިކަމެތިން އުފުލަން ޖެހުމެވެ.

ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިއީ އިއްޔެއަކު އަދި މިއަދަކު އެކަނި ހާލަތެއް ނޫނެވެ. ރާއްޖޭގެ ވޭތުވެދިޔަ ހުރިހާ ވެރިކަންތަކެއްގައި ކަން ހިނގަނީ މިގޮތަށެވެ. ސަރުކާރުތަކާއި ކުންފުނިތަކަށް އެއްޗެއް ގަތް ނަމަވެސް އަދި މަސައްކަތެއް ހަވާލު ކުރި ނަމަވެސް ހަމައަގުގައި އެކަމެއް ނުކުރެއެވެ. ބާރުފޯރުވޭ މަގާމުތަކުގައި ތިބި ބޭފުޅުން އިންތިހާއަށް ކަޓް ނަގައެވެ. އެއްޗެއް ގަންނައިރު ވެސް ނުވަތަ މަސައްކަތެއް ހަވާލުކުރާއިރު އެތައް ބަޔަކަށް ބޮޑު އަދަދުތަކަކުން ދޭން ޖެހޭ ކަޓް އެ ޕްރޮޖެކްޓެއްގައި ހިމަނައެވެ. ނަތީޖާއަކަށްވަނީ އިންތިހާއަށް ބޮޑު އަގުގައި ސަރުކާރުން އެކަމެއް ކުރަން ޖެހުމެވެ. އެއް ރުފިޔާއަށް ވާން އޮންނަ ކަމެއް ކުރަނީ އެތައް ލައްކަ ރުފިޔާއަކަށެވެ.

އޭރަކު އޮންނަ ސަރުކާރަކަށް ތާއީދު ކުރާ މަޖިލިސް މެމްބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބޭ ބޭފުޅުންނާއި އެ ބޭފުޅުންގެ އަރިސް މީހުންގެ ކުންފުނިތަކަށް ދައުލަތް އޮންނަނީ ދަރައިފައެވެ. ޓްރެފިކް ޕޮލިހުންނަށް ރިޝްވަތު ދީފައި ސަލާމަތް ނުވުން ފިޔަވާ އެހެން ހުރިހާ ކޮރަޕްޝަންގެ އަމަލުތަކެއް ރާއްޖޭގައި ފާޅުގައި އެބަ ހިންގައެވެ. މިއީ ރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހެވެ.

"ސިޔާސީ މަގާމުތަކަށް ބޭފުޅުން އެއްވެސް ހާލަތެއްގައި ވަޑައިގަންނަވަނީ އެ ލިބޭ ބޮޑު މުސާރައަކަށް ނޫން. މުސާރަ އެ ބޭފުޅުންނަށް މުހިންމެއް ވެސް ނޫން. މުޅިންހެން ތަނަވަސްކަން ހޯދާނީ ކަޓް ނަގައިގެން. އެއީ އާމްދަނީ އެ ހޯދާ ގޮތަކީ. ކޮންމެ ކަމަކުން އެތައް ބޭފުޅަކަށް ކަޓް އަޅާނެ. އޭގެން ވަރަށް ބޮޑު އެއްޗެއް ނަގާ،" ކުރީގެ އޮޑިޓާ ޖެނެރަލަކު ވިދާޅުވިއެވެ.

ހަގީގަތުވެސް މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެވެ. ދުނިޔޭގެ ގައުމުތަކުން މި މިސާލު ފެންނަން އެބަހުއްޓެވެ. ނައިޖީރިއާއަށް ބެލިނަމަވެސްމެއެވެ. ނައިޖީރިއާ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ކޮރަޕްޝަން ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނައިޖީރިއާއަކީ ތެޔޮ ލިބިފައިވާ ގައުމެކެވެ. އެ ގައުމަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ތެލުގެ ސިނާއަތުންނެވެ. ނަމަވެސް ގަވައިދާ ހިލާފަށް ފައިސާ ދައުރުވުމާއި، ތެޔޮ ވަގަށް ނެގުމާއި، އާމްދަނީ ބެހުމުގައި ދެފުށް ފެންނަ ގޮތެއް ނެތުމުގެ ސަބަބުން ގައުމަށް ލިބެން ޖެހޭ ވަރުގެ އާމްދަނީއެއް ނުލިބެއެވެ. ތެޔޮ ލިބިފައިވާ އެހެން ގައުމުތައް ކުރިއަރައިގެން ދާއިރު ނައިޖީރިއާއަކަށް އެކަމެއް ނުވެއެވެ.

ލީ ކުއާން ޔޫ އާއި މިއަހަރު ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން-- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

ކޮރަޕްޝަންގެ ފުޅާކަމުގެ ސަބަބުން ސިޔާސީ ދާއިރާއާއި، ޢާންމު ޚިދުމަތާއި، ޤާނޫނު ތަންފީޒުކުރުމާއި، ވިޔަފާރީގެ އެކި ދާއިރާތަކަށް ވަރަށް ނުރަނގަޅު އަސަރުތައް އެ ގައުމަށް ވަނީ ކޮށްފައެވެ. ކޮރަޕްޝަންގެ ސަބަބުން އެ ގައުމުގެ ވަސީލަތްތައް ހުސްވެ، އިންވެސްޓަރުންގެ އިތުބާރު ވަނީ ގެއްލިފައެވެ. މިކަމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމާއި، ވަޒީފާ އުފެއްދުމާއި، ފަގީރުކަން ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް ވަނީ އިންތިހާއަށް ހުރަސް އެޅިފައެވެ. މިއީ ގުދުރަތީގޮތުން ބޮޑު ނިއުމަތެއް ލިބި އެހެން ނަމަވެސް ކޮރަޕްޝަންގެ ސަބަބުން ކުރިނާރާފައިވާ ގައުމެއްގެ ހާލަތެވެ.

ކޮރަޕްޝަންގެ މައްސަލަތައް ރާއްޖޭގައި ވެސް ފަޅާއަރައެވެ. ތަހުގީގު ވެސް ކުރެއެވެ. ދައުވާވެސް ކުރެއެވެ. ނަމަވެސް ދައުލަތަށް ލިބުނު ގެއްލުން އަނބުރާ ހޯދޭތަނެއް ނުފެނެއެވެ. އެމްއެމްޕީއާރުސީގެ އެއޮތް ބޮޑު ކޮރަޕްޝަނަށް އެކަނި ބެލި ނަމަވެސް އެކަން ސާފުވާނެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްކޮށް ހުންނަވައިގެން އެ ކުރެއްވި ބޮޑު ވައްކަމުން ރާއްޖެއަށް ލިބުނު ގެއްލުން އިޔާދައެއް ނުކުރެވުނެވެ. ސަރުކާރާއި މަޖިލީސް މި ސަރުކާރަށް ލިބުމުން ވެސް އެކަމެއް ނުވިއެވެ. އޭސީސީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮރަޕްޝަނާ ގުޅުން ހުރި މައްސަލަތައް ތަހުގީގުކުރުމަށް ފަހު ދައުލަތަށް އަނބުރާ 35 މިލިއަން ރުފިޔާ ހޯދުމަށް އެދިފައިވީ ނަމަވެސް، އޭގެ ތެރެއިން އަނބުރާ ލިބިފައިވަނީ އެންމެ 248،000 ރުފިޔާއެވެ. މި އަދަދުން ވެސް ރާއްޖޭގައި މޮޅީ ވަގުންކަން ސާފުކޮށް ފެނެއެވެ.

ކޮރަޕްޝަންގެ އަމަލުތައް މަދު ކުރުމަކީ ކުރެވޭނެ ކަމެކެވެ. ބޭނުންވަނީ އިހުލާސްތެރި ކަމެވެ. ދުނިޔޭގެ ގައުމުތަކުން މިކަން ކޮށްފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް މިސާލަކީ އިންތިހާއަށް ތަރައްގީ ވެފައިވާ ސިންގަޕޫރެވެ. އެ ގައުމު ހިމެނެނީ އެންމެ ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓްގެ ފަސް ވަނައިގައެވެ. އިހުލާސްތެރިކަމާއެކު އެކަން އެގައުމުގައި ކުރެއްވީ ތަރައްގީގެ ބާނީ ލީ ކުއާން ޔޫއެވެ.

ސިންގަޕޫރަކީ ކޮރަޕްޝަން މަދު ގައުމެއްގެ ގޮތުގައި ދެމިއޮތީ އެ ގައުމުގައި ހަރުދަނާ ވެރިކަމެއް ހިންގުމާއި، ގާނޫނުތައް ހަރުކަށިކޮށް ތަންފީޒުކުރީމައެވެ. އެ ގައުމުގައި ކޮރަޕްޝަން ހުއްޓުވުމުގެ ހަރުކަށި ގާނޫނުތައް ހަރުދަނާގޮތެއްގައި ތަންފީޒުކުރެއެވެ. ކޮރަޕްޝަން ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމުގެ ޒިންމާ އަދާކުރާ މިނިވަން ބިއުރޯއެކެވެ. ޝަރުއީ ދާއިރާ މިނިވަން ކަމާއެކު ހިންގުމުގެ ފުރުސަތު އޮންނަނީ ދީފައެވެ. ސިންގަޕޫރުގެ ސަރުކާރު ވަޒީފާތަކުގައި ވަރަށް އެކަށީގެންވާ ރަނގަޅު މުސާރައެއް ދެއެވެ. އޭގެ މަގުސަދަކީ ކޮރަޕްޝަން ހިންގައިގެން ތަނަވަސްކަން ހޯދުމަށް ނޫޅޭ ވަރު ކޮށްދިނުމެވެ. މިހެންގޮސް އެތައް ހަރުދަނާ ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

ރާއްޖެއަށް މިބަދަލު ބޭނުންވެއެވެ. ކުރިއަށް ރިޔާސީ އިންތިޚާބެއް އޮތްއިރު މިކަން ކޮށްދޭނެ ވެރިއަކު އިންތިޚާބު ކުރަން ޖެހެއެވެ. މިހާރު ވެސް ކޮރަޕްޝަން ހުއްޓުވާނެކަމަށް ކެންޑިޑޭޓުން އަންނަނީ ވައުދުތައް ވަމުންނެވެ. ނަމަވެސް އެ ވާހަކަ ދައްކާ އަޑު މާ މަޑެވެ. ހަގީގަތުގައި އެންމެ ބާރަށް ދައްކަން ޖެހޭ ވާހަކައަކީ އެއީއެވެ. ގައުމު ދަރާވިކި މިދަނީ މިކަމުގެ ސަބަބުންނެވެ. މި ކުޑަ ގައުމުގެ އާބާދީގެ ބޮޑު ބައެއް ހާލުގައި އުޅެން ޖެހިފައި މިވަނީ މިފަދަ ކޮރަޕްޝަންތަކުގެ ސަބަބުންނެވެ. އެހެންކަމުން ގައުމަށް ކަމެއް ކޮށްދޭނަމަ އެންމެ މުހިންމީ ކޮރަޕްޝަން މަދުކޮށްދިނުމެވެ.

comment ކޮމެންޓް