މާބައިދުއިން މެޖޯރިޓީ ލިބޭނެކަމުގެ އުއްމީދާއެކު ރަށަށް ގިނަ މަޝްރޫތަކެއް

ރައީސް ލ. މާބަައިދުއަށް ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ

ލ. މާބައިދުއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މެޖޯރިޓީ ލިބޭނެކަމުގެ އުއްމީދާއެކު މި ރަށަށް ގިނަ ވައުދުތަކެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެވަޑައިގެންފިއެވެ.

މާބައިދޫގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މާބައިދޫއަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރުމަށް ކުރި އިސްލާހީ މަސައްކަތުގައި މާ ބޮޑު ތަރުހީބެއް އޭރު ދިން ރަށެއް ނޫންކަމަށެވެ.

އެއީ އެ ކަން އޮންނާނެ ގޮތްކަމަށް ވެސް ގަބޫލުފުޅުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭރުގެ ސަރުކާރާ މި ރަށާ އޮތް ގުޅުން ބޮޑު ނަމަވެސް މަޑުމަޑުން އެ މަސައްކަތާ ގާތްވެ މިއަދު އެމްޑީޕީގެ މަސައްކަތާ އަރައިހަމަކޮށްފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު ރައީސްވަނީ މި ރަށުން އެމްޑީޕީ މެޖޯރިޓީ ލިބޭނެކަމާމެދު އޮތް ޔަގީންކަން އައުކުރައްވައިފައެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މި ފަަހަރު ފުރަތަމަ ފަހަރަށް މާބައިދޫން މެޖޯރިޓީ ވޯޓު ކަށަވަރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރުގައިި މާބައިދުއަށް ކޮށްދެއްވާނެ ކަންކަން:

  • ހެލްތު ސެންޓަރު 24ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުރިހަމަކުރުން
  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީކުރުން
  • ސްކޫލުގައި މަލްޓިޕާޕަސް ހޯލާއި އިތުރު ވަސީލަތް ގާއިމްކުރުން
  • މޫދަށް އެރޭ ސަރަހައްދެއް ހެދުން
  • އިންޑޯ ޖިމަކާއި ޔޫތު ސެންޓަރެއް ތަރައްގީީކުރުން

"މާބައިދޫގެ ރައްޔިތުން ވެސް ބޭނުންވާނީ ތަރައްގީ. މި ރަށަށް ބޮޑު ބަދަލު،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި އަތޮޅަކީ ގުދުރަތީ ގިނަ ވަސީލަތްތަކެއް އެންމެ ރަނގަޅު ގޮތުގައި މިހާތަނަށް ބޭނުން ނުކުރެވި އޮތް އަތޮޅުކަމަށެވެ.

މި އަތޮޅަކީ ފަތުރުވެރިކަމަށް ފައްކާކުރެވޭނެ އަތޮޅެއްކަން ފާހަގަކުރައްވައި އެ މަނިކުފާނުވަނީ ދަތުރުފަތުރުގެ ނިޒާމުން ގުޅައިލެވުމުން ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް