އަމާޒަކީ 10 އަހަރުން 25،000 މީހުން އުޅޭ އާބަން ސެންޓަރަކަށް ގަން ހެދުން: ރައީސް

ރައީސް ލ. ގަމުގައި އޮތް ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

ލ. ގަން، 25،000ގެ ބޮޑު އާބާދީއެއް ދިރިއުޅޭ ޒަމާނީ އާބަން ސެންޓަރަކަށް ކުރިއަށް އޮތް 10 އަހަރުގެ ތެރޭ ތަރައްގީކޮށްދެއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރޭ ގަމުގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އަތޮޅު ތަރައްގީކުރުމުގައި ބޮޑެތި ޕްލޭންތަކެއް ހުރި ކަމަށެވެ. އެއީ ރާއްޖޭގައި ހުރި ސިޔާސަތުތައް އެންމެ ބޭނުންތެރި ގޮތުގައި ބޭނުންކުރުމަށް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރޭވޭ ޕްލޭންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ލ. އަތޮޅަކީ ބޭނުންތެރި، ފައިދާވާ ގިނަ ކަންތައްތަކެއް ކުރެވޭނެ އަތޮޅެއް ކަމަށެވެ. ރައީސް ވިދާޅުވީ މިފަދަ ބޮޑެތި އަތޮޅުތައް ތަރައްގީކުރުމުގައި މަޝްރޫތަކުގެ ފެށުން ލަސްވި ނަމަވެސް ޕްލޭނަށް ބަދަލެއް ނާންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ގަން މިއީ އާބަން ސެންޓަރެއްގެ ގޮތުގައި ޑިވެލޮޕްކުރުން. އެގޮތުން ބޭނުންވާ ވަސީލަތްތައް މި ތަނުގައި ޑިވެލޮޕްކުރުން. އަޅުގަނޑުމެންގެ އަމާޒަކީ މި ތަން 10 އަހަރުގެ ތެރޭގައި، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް މި ތަން ބަދަލުކުރުން،" ރައީސް ވިދާޅުވިއެވެ.

މި އަމާޒަަށް ވާސިލްވުމަށް ތައުލީމާއި، ބޯހިޔާވަހިކަމާއި، ސިއްހީ ޚިދުމަތާއި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެނައުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މި ތަން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރާނީ ރައްޔިތުންގެ އަމިއްލަ ޝައުގާއެކު ބަދަލުވާނެ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނެތް މަޖުބޫރުން މީހުން ގެނައުމަކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު އާބަން ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތުގައި:

  • އަންނަ އަހަރު، ގަމުގައި 1،000 ހައުސިން ޔުނިޓް އަޅާނެ. މުޅި މަސައްކަތް ނިމޭއިރު 5،000 ހައުސިން ޔުނިޓު އެޅޭނެ. މިއީ ގަމުގައި އުޅޭ ރައްޔިތުންނަށާއި ރަށުން ބޭރު ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ސްކީމެއް.
  • ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށި ކެންސަރު ހޮސްޕިޓަލް އެޅުން
  • އެއާޕޯޓް 2،400 މީޓަރަށް ދިގުކޮށް އިންޓަނޭޝަނަލް ކުރުން.

ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ޓޫރިޒަމްގެ ބޮޑެތި ޕްރޮޖެކްޓުތައް މި ސަރަހައްދުގައި ހިންގަން ކަމަށެވެ. އެއާޕޯޓް އިންޓަނޭޝަނަލް ވުމުން ސީދާ ދަތުރުތައް މި އަތޮޅަށް އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ދޮޅު އަހަރުގެ ތެރޭ އެއާޕޯޓުގެ މަސައްކަތް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސްޕޯޓްސް ޓޫރިޒަމާއި މެޑިކަލް ޓޫރިޒަމަަށް މި ސަރަހައްދު ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ބޭނުންކުރެވޭ އެކި ކުޅިވަރުގެ ސްޕޯޓްސް އެރީނާތައް އަޅާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އިތުރު ވަޒީފާތައް އުފެދޭނެ ކަމެއްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެެވެ.

"އޭރުން އަޅުގަނޑު މި ދެންނެވިހެން މި ރަށުގެ ރައްޔިތުންނަށާއި މި ރަށަށް އަލަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އެއޮތީ ގަން ފޮނަދޫ ފައްކާވެފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް