ފްރާންސްގެ ސަފީރު ނައިޖަރު ދޫކުރައްވާ ވަޑައިނުގަތުމުން، އެމްބަސީގެ ކަރަންޓު ކަނޑާލައިފި

ފަރަންސޭސި ރައީސް މެކްރޯން

ނިޔާމޭ (28 އޮގަސްޓް 2023): ހުޅަނގު އެފްރިކާގެ ގައުމެއްކަމަށްވާ ނައިޖަރުގައި ހުންނަވާ ފަރަންސޭސިވިލާތުގެ ސަފީރު ނައިޖަރުން ފޭބުމަށް އެގައުމުގައި ވެރިކަންކުރާ އަސްކަރީ ސަރުކާރުން ދިން މުހުލަތު ހަމަވުމަށްފަހު ވެސް އެގަމުން ފުރާވަޑައިގަތުމަށް ދެކޮޅު ހައްދަވައި އަސްކަރީ ސަރުކާރަށް ގޮންޖެއްސެވުމުން ފަރަންސޭސި އެންބަސީން ކަރަންޓާއި ފެން ކަނޑާލައިފިއެވެ.

ނައިޖަރުގައި ވެރިކަންކުރާ އަސްކަރީ ސަރުކާރުން ނެރުނު ބަޔާނެއް ބުނާގޮތުން އެގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖައްސަވާފައި ފަރަންސޭސި ސަފީރަށް އެގައުމުގައި ނުހުންނެވޭނެއެވެ. ނުރަސްމީ ރިޕޯޓްތައް ބުނާގޮތުން އަސްކަރީ ސަރުކާރުން މިހާރުވަނީ ވެރިރަށް ނިޔާމޭގައި ހުންނަ ފަރަންސޭސި އެމްބަސީއަށް ކާބޯތަކެތި ވެއްދުންވެސް މަނާކޮށްފައެވެ. ނަމަވެސް މިކަން ރަސްމީ ފަރާތްތަކުން ކަށަވަރުކޮށެއް ނުދެއެވެ.

ނައިޖަރުގައި ހުންނަ ފަރަންސޭސި އެންބަސީން ކަރަންޓާއި ފެން ކަނޑާލުމާއެކު ނައިޖަރުގެ ރައްޔިތުން އެތަން ހިސާރުކޮށްފައި

ފަރަންސޭސި ސަފީރު ސިލްވައިން އިޓޭ، އަސްކަރީ އިންގިލާބުގެ ކުރިން އެގައުމުގައި އުޅުއްވީ ވަރަށް ބާރުގަދަ ބޭފުޅެއްގެ ގޮތުގައެވެ. ނައިޖަރުގެ އެކި މުއައްސަސާތަކަށް އަމުރުތައް ކުރައްވައި ނައިޖަރަކީ ފަރަންސޭސިވިލާތުގެ އަމުރު ހިނގަންޖެހޭނެ ގައުމެއްކަމަށް ދެކެވަޑައިގެންނެވެ.

ނައިޖަރުގެ ސިފައިން އަސްކަރީ ބަޣާވާތެއް ގެނަސް ފަރަންސޭސިވިލާތަށް ތާއީދުކުރާ އެގައުމުގެ ސަރުކާރު ވައްޓާލީ މިދިޔަ މަހުއެވެ. މަގާމުން ދުރުކޮށްފައިވާ އެގައުމުގެ ރައީސް މުހައްމަދު ބާޒޫމްގެ ސަރުކާރަކީ ފަރަންސޭސިވިލާތަށް ވަރަށް ބޮޑެތި ދޫތަކެއް ދީގެންއުޅުނު ސަރުކާރެކެވެ.

ނައިޖަރުގެ ސިފައިން ބާރުގެ ބޭނުންކޮށްގެން ބާޒޫމް މަގާމުން ދުރުކުރި މައިގަނޑު ސަބަބަކީވެސް ޒަމާނުއްސުރެ ނައިޖަރުގައި އޮންނަ ފަރަންސޭސިވިލާތުގެ ބާރާއި ނުފޫޒު ބާޒޫމްގެ ވެރިކަމުގައި އިތުރަށް ވަރުގަދަވެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ހިސާބަށް ކަންތައް ދިޔުމުންކަމަށް އިންގިލާބީ ޖެނެރަލުން ވިދާޅުވެފައިވެއެވެ.

ބާޒޫމް މަގާމުން ދުރުކުރުމަށްފަހު ހައްޔަރުކޮށްފައިވަނީ ވެރިރަށް ނިޔާމޭގައި ހުންނަ ރިޔާސީ ގަނޑުވަރުގައެވެ. އޭނާ އަލުން މަގާމަށް އެނބުރި ރުޖޫއަކުރުމަށް އެފްރިކާގެ ހުޅަނގު ސަރަހައްދުގެ ގައުމުތަކުގެ ޖަމްއިއްޔާ "އިކޯވަސް" އިންވަނީ އަސްކަރީ ވެރިންނަށް އެތައް ފަހަރަކު އިންޒާރު ދީފައެވެ.

މި އިންޒާރަށް އަމަލުނުކުރާނަމަ ނައިޖަރަށް އަސްކަރީ ގޮތުން އަރައިގަނެ މުހައްމަދު ބާޒޫމް އަލުން އަނބުރައި ވެރިކަމަށް ގެންނާނެކަމުގެ އިންޒާރުތައްދީ މިކަންކުރުމަށް މުހުލަތެއްވެސް "އިކޯވަސް" ޖަމާއަތުންވަނީ ދީފައެވެ. މި މުހުލަތު ހަމަވުމުން އަނެއްކާވެސް އެޖަމާއަތުންވަނީ އިތުރު މުހުލަތެއް ދީފައެވެ. އެމުހުލަތުވެސް މިހާރުވަނީ ހަމަވެފައެވެ.

ނަމަވެސް ނައިޖަރަށް އަރައިގަންނާނެކަމުގެ އިންޒާރު "އިކޯވަސް" ޖަމާއަތުން އަދިވެސް ގެންދަނީ ދެމުންނެވެ. ފަރަންސޭސިވިލާތުންވަނީ "އިކޯވަސް" ޖަމާއަތުގެ މި އިންޒާރުތަކަށް ތާއީދުކޮށްފައެވެ.

ނައިޖަރުގެ އަސްކަރީ ވެރިން އެގައުމުގެ ރައްޔިތުންނާއެކު

ނައިޖަރުގެ އަސްކަރީ ވެރިންވަނީ "އިކޯވަސް" ޖަމާއަތުން އެގައުމަށް އަރައިގަނެ ބާޒޫމް އަލުންވެރިކަމަށް ގެންނާނެކަމަށްބުނެ އެޖަމާއަތުން ދޭ އިންޒާރުތަކުގެ ފަހަތުގައިވަނީ ފަރަންސޭސިވިލާތް ކަމަށް ބުނެފައެވެ. ސާޅީސްއަށް ގަޑިއިރު ތެރޭގައި ނައިޖަރުއިން ފުރަވަޑައިގަތުމަށް ނައިޖަރުގެ އަސްކަރީ ސަރުކާރުން ފަރަންސޭސި ސަފީރަށް އެންގީވެސް މިކަމާ ގުޅިގެންނެވެ.

"އިކޯވަސް" ޖަމާއަތަށް ބަލާއިރު ނައިޖަރުއަށް އަރައިގަތުމަށް މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ އެޖަމާއަތުގައި ހިމެނޭ 15 މެންބަރު ގައުމުގެ ތެރެއިން އެންމެ ހަތަރު ގައުމަކުންނެވެ. އެއީ ނައިޖީރިޔާ، ގާނާ، ޓޯގޯ، ސެނެގޯލް އަދި ސީރަލިޔޯން އިންނެވެ. އެޖަމާއަތުގައި ހިމެނޭ ތިން ގައުމު ކަމަށްވާ ޗާޑް، ބުރުކީނާފާސޯ އަދި މާލީންވަނީ އަސްކަރީ އަމަލާ ދެކޮޅުކަން ހާމަކޮށްފައެވެ.

އަނެއްކޮޅުން ބުރުކީނާފާސޯ އަދި މާލީންވަނީ "އިކޯވަސް" ޖަމާއަތުގެ ބާރެއް ނައިޖަރަށް ވަދެގެންފިނަމަ އެބާރާ ދެކޮޅަށް ނައިޖަރުގެ އަސްކަރީ ސަރުކާރަށް އެހީތެރިވާނެކަމަށް ބުނެ އެޖަމާއަތަށް އިންޒާރު ދީފައެވެ. ނައިޖަރުގެ އަސްކަރީ ސަރުކާރުންވަނީ "އިކޯވަސް" ޖަމާއަތުގެ ބާރެއް ނައިޖަރަށް ވަދެގެންފިނަމަ އެގައުމަށް އެހީތެރިވުމަށްޓަކައި ސިފައިން ފޮނުވުމުގެ ހުއްދަ ބުރުކީނާފާސޯ އާއި މާލީއަށް ދީފައެވެ.

ނައިޖަރުގެ އާންމު ރައްޔިތުން ގެންދަނީ އެގައުމަށް އަސްކަރީ އިންގިލާބު ގެނައި އަސްކަރީ ވެރިންނަށް ތާއީދުކުރާކަން ހާމަކޮށް ބޭރުގެ ބާރެއް އެގައުމަށް ވަދެގެންފިނަމަ އެކަމާދެކޮޅަށް އަމިއްލަ ގައުމުގެ ދިފާއުގައި ތެދުވާނެކަން ހާމަކޮށް އެއްވުންތަކާއި ހިނގާލުންތައް ބާއްވަމުންނެވެ.

ފަރަންސޭސިވިލާތުގެ ނިއުކްލިޔާ ރިއެކްޓަރުތަކަށް ބޭނުންވާ ޔޫރޭނިޔަމް ގެންދަނީ ނައިޖަރުންނެވެ. މިތަކެތި ޒަމާނުއްސުރެ ނައިޖަރުން ގަންނަނީ ދުނިޔޭގެ ބާޒާރުގައި އެމާއްދާގެ އަގު ހުންނަވަރަށްވުރެ އެތައް ގުނައެއް ހެޔޮކޮށެވެ. މީގެ އިތުރުންވެސް ނައިޖަރުގެ ގުދުރަތީ މުއްސަނދިކަން ފޭރިގަތުމުގެ އިސްތިއުމާރީ ބާރާއި ނުފޫޒު ހިންގުމުގެ ސިޔާސަތެއް ނައިޖަރުއާއި އެފްރިކާގެ އެހެންގައުމުތަކާ ދެކޮޅަށްވެސް ގެންގުޅޭކަމުގެ ތުހުމަތު ފަރަންސޭސިވިލާތުގެ މައްޗަށްވަނީ ކުރެވިފައެވެ.

މިމައްސަލާގައި ފަރަންސޭސިވިލާތާ އިދިކޮޅު ރޫހެއް ނައިޖަރުގައި ވަރަށްބޮޑަށް އުފެދިފައިވާއިރު ބުރުކީނާފޯސޯ އާއި މާލީ އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކް ފަދަ ގައުމުތަކުގެ ސިފައިން މިއަހަރާއި މިދިޔަ އަހަރު ވަނީ އިންގިލާބުތައް ގެނަސް އެގައުމުތަކުގައި ތިއްބެވި ފަރަންސޭސިވިލާތަށް ތާއީދުކުރާ ވެރިން މަގާމުން ދުރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް