ޖަލުގައި ތިބި ލީޑަރުންގެ ދިފާއުގައި ނިކުންނެވީ ރައީސް، އެކަން ހަނދާނެއް ނެތް: ރީކޯ

ރީކޯ މޫސަ: ޖަލުގައި ތިބި ލީޑަރުންގެ ދިފާއުގައި ނިކުންނެވީ ރައީސް، އެކަން ހަނދާނެއް ނެތް ކަމަށް ރީކޯ ވަނީ ވިދާޅުވެފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ދިފާއުގައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކަމަށް، މޫސާ މަނިކް (ރީކޯ) ވިދާޅުވެއްޖެއެވެ.

ތ. ތިމަރަފުށީގައި ރޭ ބޭއްވި ރައީސް ޞާލިހްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ, އިހްލާސްތެރިކަމާ އެކުގައި މީހުންގެ ހާލަތަށް ހަމްދަރުދީ ވެގެން މަސައްކަތްކުރާ މީހުންނަކީ އަބަދުވެސް ވަރަށް ބުރަ އުފައްލަވަންޖެހޭ ބައެއް ކަމަށެވެ.

ދެހާސް އަށާރަވަނަ އަހަރު އޮތް އަނިވާވެރިކަމުގެ ވާހަކަ އެކި މީހުން ދައްކާކަން ފާހަގަކޮށް މޫސަ ވިދާޅުވީ މިހާރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ދެކޮޅަށް ނިކުންނަވާފައި ތިބި ރިޔާސީ ކެންޑިޑޭޓުންނަކީ އެކަން ތަޖުރިބާކޮށްފައި ތިބި ބައެއްހެން ހީ ނުވާ ކަމަށެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން މޫސަ ވަނީ އެ ބޭފުޅުން އޭރު ތިބި ހާލަތާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ. އެގޮތުން, ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުން އަމިއްލައަށް އަރުވާލެއްވިގެން ރާއްޖެއިން ބޭރުގައި އުޅެން ޖުހުނުކަން މޫސަ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރިޔާސީ އިތިހާބަށް މިހާރު ނިކުންނަވާފައިވާ އެމްއެންޕީގެ ރައީސް މުހައްމަދު ނަޒީމް އޮންނަން ޖެހުނީ ޖަލުގައި ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

"މިހުރިހާ ބޭފުޅުން ހިމާޔަތްކޮށް ސަލާމަތްކުރުމަށްޓަކައި އޭރުގައި ތެދުވި ބޭފުޅަކީ ކާކު ތޯ," އެ ސުވާލުގެ ޖަވާބު ދެއްވަމުން މޫސަ ވިދާޅުވީ, އެއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކަމަށެވެ.

ރައީސް ޞާލިހް ކުރައްވަމުން ގެންދެވީ އިހްލާސްތެރި މަސައްކަތްތަކެއްކަން ފާހަގަކޮށް މޫސަ ވިދާޅުވީ, ވެރިކަމުގެ ދަހިވެތިކަމުގައި އެމަނިކުފާނު އުޅުއްވި ނަމަ 2013ގެ އިންތިހާބުގައި ވެސް ނިކުތުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ ރައީސް ޞާލިހް ވެރިކަމަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ތެރެއިން ބަޔަކު ހުށަހެޅުމުން ވެސް އެކަމަށް ދެކޮޅު ހައްދަވާފައިވާތީ ކަމަށް މޫސަ ވިދާޅުވިއެވެ.

"މި ދެންނެވި ހުރިހާ މީހުންގެ ދިފާއުގައި (ޖަލުގައި އޮންނެވި) އެމަނިކުފާނު ނިކުމެވަޑައިގަންނަވާ އެ އެންމެނަށްޓަކައިވީ ގުރުބާނީގެ ނަތީޖާ މިއަދު އެ ފެންނަނީ," މޫސަ ވިދާޅުވިއެވެ.

އެކަމުގެ ބަދަލު ދެއްވާނީ ރައްޔިތުންކަން ފާހަގަކޮށް މޫސަ ވިދާޅުވީ, ރައީސް ޞާލިހް ވެވަޑައިގަތް ގުރުބާނީގެ ބަދަލުގައި އެ މަނިކުފާނު ދެވަނަ ދައުރަކަށް ރައްޔިތުން އިންތިހާބް ކޮށްދޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"މި ދެންނެވި މީހުންގެ ގޮތެއް ފޮތެއް ނެތްކަން ދަންނަވަން ކެރޭ. އަޅުގަނޑުމެންނާ އެންމެ ކައިރިން ދުއްވައިގަތީ. އެއީ ރައީސް ނަޝީދު. އެއާ ޖެހިގެން ގާސިމް އިބްރާހިމް މިއަދު އެ އުޅުއްވާ ގޮތް," މޫސަ ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމުމާ ގާތަށް އަންނަންދެން ކޯލިޝަނުގައި ހިމެނޭ ޕާޓީތަކާ ލީޑަރުން ސަރުކާރުގެ ތެރޭގައި އޮތީ ބައި ލިބިގެން ކަމަށް މޫސަ ވިދާޅުވިއެވެ.

"އެބޭފުޅުން ބޭނުންވި އެއްޗެއް ބޭނުންވި ކަމެއް ސަރުކާރުގެ ތެރެއިން ކޮށްދީފަ ހުރީ. އަޅުގަނޑުމެން މިތިބީ ބަލަހައްޓައިގެން. އެކަމަކު ވެރިކަމާ ޖެހުނީމަ މިހާރު ނިކުމެވަޑައިގަންނަވާ ދައުލަތް ގެއްލެނީ. ފޯޅަވެހި ގެއްލެނީ. އަނެއް ތަނެއް ގެއްލެނީ. މިހެން ގޮސް އިންޑިއާ ކަނޑުގެ ތެރޭގައި ހުރި ހުރިހާ ގައުމެއް ގެއްލެ އަޅުގަނޑުމެނަށްވުރެ ނުބައި ބަޔަކު ނެތް," މޫސަ ވިދާޅުވިއެވެ.

ރައީސް ޞާލިހާ ދެކޮޅަށް ނިކުމެ އެބޭފުޅުން މަސައްކަތް ކުރެއްވި ނަމަވެސް ސިއްރުން ރައީސްއާ ގުޅުއްވާނެ ކަމުގެ ތުހުމަތު މޫސަ ކުރެއްވިއެވެ. އެއީ ރައީސް ޞާލިހް މި އިންތިހާބް ކާމިޔާބް ކުރައްވާނެ ކަން އެ ބޭފުޅުން ވެސް ގަބޫލު ކުރައްވާތީ ކަމަށް މޫސަ ވިދާޅުވިއެވެ.

comment ކޮމެންޓް