މާލޭން ގެ ލިބުނު މީހުންނަށް މިއަދު ގޯތި ހަވާލުކުރަނީ

ގޯތީގެ ގުރުއަތު ނެގުމަށް ހާޒިރުވެ ތިބި މީހުން -- ސަން ފޮޓޯ/ މާހިލް އާތިފް

މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން، މާލޭން ގޯތި ލިބުނު މީހުންނާ އެކު މިއަދު ހަވީރު 4:00 އިން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކާ ގޯތި ޙަވާލުކުރުން މިއަދުން ފެށިގެން ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން، ގޯއްޗާ ހަވާލުވާން ހާޒިރުވާން ޖެހޭ ގަޑިތައް، މިނިސްޓްރީން އަންގަމުން ގެންދާނެއެވެ.

ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތަކުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ބަދަލުގައި އެހެން ފަރާތެއް އައްޔަނު ކުރާނަމަ "ގެދޮރުވެރިން ޕޯޓަލް"ގައި އެޓޭޗްކޮށްފައިވާ ޕަވަރު އޮފް އެޓާނީ ފުރިހަމަކުރެއްވުމަށް ފަހު ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާއި ޙަވާލުކުރައްވަން ވާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެހެންވެ، ގޯއްޗާ ޙަވާލުވުމަށާއި ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތްތަކުން ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ސޮއި ކުރަން ވަޑައިގަންނަވާ ފަރާތެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަރު އޮފް އެޓާނީގެ އަސްލާއި، އައިޑީ ކާޑުގެ ކޮޕީ ގެންދަން ޖެހޭނެއެވެ.

"ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވަރު އޮފް އެޓާނީ މިއަދުން ފެށިގެން "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެވާހަކަ ދަންނަވަމެވެ." އިއުލާނުގައި ވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ކައުންސިލްތަކުން ކުރިން ދޫކުރަމުން އައި ގޯތިތަކުގެ ރަޖިސްޓްރީ ސީދާ ޕްލޭނިން މިނިސްޓްރީއަށް ދޫކުރެވޭ ގޮތަށް އިއްޔެ ވަނީ ގަވާއިދަށް އިސްލާހު ގެނެސްފައެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅިފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް