ދެކުނު އެފްރިކާ ލަވަކިޔުންތެރިޔާ ޗައިނާގެ ވައިރަލް ތަރިއަކަށް

ދެކުނު އެފްރިކާގައި މަޑުމަޑުން މަގުބޫލުކަން ހޯދަމުން ދިޔަ ލަވަކިޔުންތެރިޔާ މޮތުސްވެނީ މޮދީބާ، ކުއްލިއަކަށް ޗައިނާގައި ވައިރަލްވެ ބޮޑު މަގުބޫލު ކަމެއް ހޯދައިފިއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގައި، ހާއްސަކޮށް ޗައިނާ އާއި ޖަޕާން އަދި ދެކުނު ކޮރިއާ އަކީ ބޭރުގެ އެހެން ގައުމުތަކުން ތަރިންނަށް ބްރޭކެއް ހޯދުމަށް ދަތި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީތައް އޮންނަ ގައުމުތަކެވެ. އެގައުމެއްގެ ތަރިންނާއި ކައިރި އެހެން ދެކުނު އޭޝިއާގެ ގައުމުތަކުން ތަރިންނަށް ފުރުސަތު ލިބެމުން ދިޔަ މި އިންޑަސްޓްރީ އަންނަނީ މިހާރު މަޑުމަޑުން ސިންދަފާތު ވަމުންނެވެ.

ދެކުނު އެފްރިކާގެ ޝްވޭން އަށް ނިސްބަތްވާ މޮދީބާ ނުވަތަ ސްޓޭޖް ނަމުން ނަމަ މޯ ވަނީ ޗައިނާގެ އެންމެ ބޮޑު ރިއޭލިޓީ ލަވަ މުބާރާތް ކަމަށްވާ "ސިންގް!ޗައިނާ"ގައި ބައިވެރިވެފައެވެ.

މުބާރާތުގައި މެންޑަރިން އިން ލަވަ ކިޔައި މޯ ވަނީ އެތައް މިލިއަން ފޭނުންނެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހޯދާފައެވެ. ހޮން ކޮންގެ ލަވަކިޔުންތެރިއެއް ކަމަށްވާ ކޭރެން މޮކްގެ "ލަވް"ގެ ކަވައެއް ކިޔައިގެން މޯ ވަނީ މުބާރާތުގެ ޖަޖުންގެ ތައުރީފު ވެސް ހޯދާފައެވެ.

"ދަ ވޮއިސް" ލަވަ މުބާރާތް ކުރިއަށް ގެންދާ ފޯމެޓުގައި މި މުބާރާތް ކުރިއަށް ގެންދިޔައިރު މޯ ލަވަކީ އިރު ޖަޖުންނަށް އެއީ ކާކު ކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ނަމަވެސް ޖަޖުން ވަނީ މޯގެ ހުނަރުން ހައިރާން ކޮށްލާފައެވެ.

އާންމު ބެލުންތެރިން ހައިރާން ކޮށްލިކަން ވެސް ޗައިނާގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމުން ހާމަވިއެވެ. ގާތްގަނޑަކަށް 11.8 މިލިއަން އިންޓަރެކްޝަން ހިނގަމުން ދިޔައީ ހަމައެކަނި މޯގެ ހުނަރާ ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ.

އުމުރުން 26 އަހަރުގެ މޯގެ ބެލެނިވެރިން ވަނީ އޭނާ ވަރަށް ކުޑައިރު އެފްރިކާގައި ހުންނަ ޕްރިޓޯރިއާ ޗައިނީސް ސްކޫލަށް ވައްދާފައެވެ. އުމުރުން ހަ އަހަރުން ފެށިގެން 18 އަހަރާ ދެމެދަށް އޭނާ މެންޑަރިން ދަސްކުރީ ސްކޫލުންނެވެ. އެއަށްފަހު ޔުނާން އިން ލިބުނު ސްކޮލާޝިޕް އަކާއެކު މޯގެ ދިރިއުޅުން ޗައިނާއަށް ބަދަލުކުރިއެވެ. ޗައިނާގައި އުޅެމުން މިއުޒިކު އިތުރަށް ސީރިއަސްކޮށް ނަގައި މުބާރާތުގައި ބައިވެރިވުމަށް އޭނާ ނިންމިއެވެ.

comment ކޮމެންޓް