ޔާމީން ފެއިލްވީ ކޯލިޝަން މަތިން ހަނދާން ނައްތާލުމުން: ރައީސް

ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު ފެއިލްވާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ވެރިކަމަށް އަންނަން އެހީތެރިވި މީހުންނާއި އެކުލަވާލި ކޯލިޝަންގައި ހިމެނުނު ޕާޓީތަކުގެ މަތިން ހަނދާން ނެތުމުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2013އިން 2018 އާ ދޭތެރޭ ރައްޔިތުން ބާރުތައް ދިން ނަމަވެސް އޭރުގެ ސަރުކާރުގައި ކަންވީ ގޮތް ރައްޔިތުންނަށް އެނގޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެންމެ ބޮޑު ކަމަކީ ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނައްތައިލުން،" ކުރީ ސަރުކާރު ފެއިލްވި ސަބަބުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ވެރިކަމަށް އައުމަށް ޓަކައި ކޯލިޝަންގައި މަސައްކަތްކުރި ޕާޓީތަކުގެ މަތިން ހަނދާން ނައްތައިލީކަމަށެވެ. އަދި މަސައްކަތްކުރީ އެ މީހުން ބާކީކޮށް އަމިއްލަ ވެރިކަމެއް ހިންގުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ދުވާފަރުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރު ފެއިލްވި އަނެއް ސަބަބަކީ ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވުމެވެ. އެއީ ތަރައްގީގެ މަސައްކަތަށް އެޅުނު ހުރަހެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއީ އެ ބޭފުޅުންނަށް ކަން ނުކުރެވުނު ސަބަބަކީ. ދެން ވެސް އެ ބޭފުޅުންނަށް އެ ފުރުސަތު ލިބިއްޖެއްޔާ ކަން ހިނގާނީ އެ ހެން،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ގައުމު ހިންގަން އުޅުމަކީ ވެސް ވެރިކަން ފެއިލްވި ސަބަބެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކުރީގެ ސަރުކާރުގައި ސިޔާސީ ގޮތުން ކިރިޔާ ވެސް ކުރިއެެރުމެއް ހޯދައިފާނެ ކަމަށް ސަރުކާރަށް ގަބޫލުކުރެވޭ މީހަކު ވެސް ޖަލަށްލާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ދަރިންނާއި ބައްޕައިންނާއި ކާފައިންނަށް ދާން ދެން ގޮސް ޖަލަށްލައި ބަންދުކުރީ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިއަދު އެ ބާރުވެރިކަމުގެ ފައިދާއެއް ނެތްކަމަށާއި ވެރިކަން ލިބުމާއި ކުރުމަކީ ބޭނުންހާ އިރަކުން ވާނެ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމަކީ އެންމެ މަތިން މާތްﷲގެ ފަރާތުން ދެއްވާ އެއްޗެއްކަމަށް ރައީީސް ވިދާޅުވިއެވެ.

މިރޭ ވެސް ރައީސްވަނީ އެ މަނިކުފާނާއެކު މަސައްކަތްކުރެެއްވުމަށް ކޯލިޝަންގައި މީގެކުރިން ތިއްބެވި އެހެން ޕާޓީތަކުގެ ވެރިންނަށް ދައުވަތު ދެއްވައިފައެވެ.

ދެވަނަ ބުރަކަށް އިންތިޚާބު ގެންދަން މަސައްކަތްކުރުމުގެ ބޭނުމެއް ނެތްކަމަށް މިރޭ ވެސް ރައީސް ތަކުރާރުކުރެއްވިއެވެ.

"ރުޅި އިސްނުކުރައްވައި ވިސްނުން އިސްކުރައްވާށޭ،" ރައީސް ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ.

ދުވާފަރުގައި އޮތް 'އުފާވެރި އަމާން ރާއްޖެ' އެމްޑީޕީ ކެމްޕޭން ޖަލްސާގެ ތެރެއިން -- ފޮޓޯ/އެމްޑީޕީ

ރައީސް ވިދާޅުވީ 2018ވަނަ އަހަރުގެ އިންތިޚާބަށް އެ މަނިކުފާނު ނިކުމެވަޑައިގަތީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއަކާއެކު ކަމަށެވެ. މިއަދު އެ މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"ހަމައެކަނި މި ދުވާފަރަށް ބައްލަވައިލި ނަމަވެސް ތިޔަބޭފުޅުންނަށް އެ ކަން ސިފަވެގެންދާނެ،" ދެން ވެސް ވައުދުތައް ފުއްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވާދަވެރިން ދައްކާ އެންމެ ބޮޑު ވާހަކައަކީ އެ މަނިކުފާނު ވެވަޑައިގަންނަވާ ވައުދުތައް ފުއްދާނީ ކިހިނެއްތޯ ކަމަށް ބުނެ ދައްކާ ވާހަކަ ކަމަށެވެ.

ނަމަވެސް އެ ކަން މި ސަރުކާރުން ކުރަމުން އަންނަ ގޮތުގެ ރެކޯޑް ފެންނަން އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރެއްގައި ދުުވާފަރުގައި ހިންގާނެ މަޝްރޫތައް:

  • ދުވާފަރުގައިި އެއާޕޯޓެއް އަޅަން މަޝްވަރާކުރުން
  • ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުން
  • އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުން
  • މަސް ޕްރޮސެސްކުރެވޭނެ މަގުފަހިކުރުން
  • ފްލެޓާއި ރޯހައުސް އަޅައިދިނުން
  • ބާކީ މަގުތަކުގައި ތާރު އެޅުން
comment ކޮމެންޓް