ސިރާޖު ވިދާޅުވަނީ އޭނާގެ ފަހަތުން ފޮނަދޫގެ 200އެއްހާ އެމްޑީޕީ މެންބަރުން ވަކިވެއްޖެ ކަމަށް

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު: އޭނާގެ ފަހަތުން 200 އެއްހާ މެންބަރުން އެމްޑީޕީން ވަކިވެއްޖެ ކަމަށް ވަނީ ވިދާޅުވެފަ ---- ފޮޓޯ: މަޖިލިސް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އޭނާ ވަކިވުމުން, ލ. ފޮނަދޫއިން ގިނަ އަދަދެއްގެ މީހުން އެ ޕާޓީން ވަކިވުމަށް ހުށަހަޅާފައިވާ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ދާދި ފަހުން އެމްޑީޕީން ވަކިވެވަޑައިގެން، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ނިންމަވާފައިވާ ސިރާޖު މިއަދު 'ސަން' އަށް ވިދާޅުވީ ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ހަމައެކަނި ފޮނަދޫއިން 200 އެއްހާ އެމްޑީޕީގެ އާންމު މެންބަރުން އެ ޕާޓީގެ ދަފްތަރުން ވަކިވުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އެކަން ހާމަކޮށް ސިރާޖު ވަނީ ފޮނަދޫގެ އެމްޑީޕީ މެންބަރެއް އެ ޕާޓީން ވަކިވުމަށް އެދި ލިޔެފައިވާ ސިޓީއެއް ވެސް އާންމު ކުރައްވާފައެވެ.

އެމްޑީޕީން ވަކިކޮށްދިނުމަށް އެދި ލިޔެފައިވާ އެ ސިޓީގައި ބުނެފައިވަނީ, އޭނާ އެ ޕާޓީއާ ގުޅުނީ ސިރާޖުގެ އެދުމުގެ މަތިން ކަމަށާއި ސިރާޖު ޕާޓީން ވަކިވުމުން އޭނާ ވެސް އެ ޕާޓީގައި ހުންނަން ބޭނުން ނުވާ ކަމަށެވެ.

"ފޮނަދޫ އަކީ އެހާ އެމްޑީޕީ ރަށެއް ނޫން. އަޅުގަނޑުމެން އެމްޑީޕީގެ މަސައްކަތުގައި އުޅޭތީވެ އަޅުގަނޑާ އެކީގައި ގުޅުނު މީހުން، އެ މީހުން ބޭނުމެއް ނުވޭ އަޅުގަނޑު އެމްޑީޕީގައި ނޫޅެންޏާ އެ ޕާޓީގައި މަޑުކުރާކަށް," ސިރާޖު ވިދާޅުވިއެވެ.

މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ނަމަވެސް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭނެ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ހޮވުނު ނަމަވެސް އެ ޕާޓީ ދޫކޮށް ނިކުންނަން ޖެހުނީ މި ސަރުކާރުން ލ. އަތޮޅަށް އަޅާ ނުލުމުން ކަމަށް ސިރާޖު ވިދާޅުވިއެވެ. އެގޮތުން ކުދިކުދި ކަންކަން ކޮށްދިން ނަމަވެސް ލ. އަތޮޅަށް މި ސަރުކާރުން ކޮށްދޭން ވައުދުވި ބޮޑު އެއްކަމެއް ވެސް ކޮށްދީފައި ނުވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި ސިރާޖު ކާމިޔާބް ކުރެއްވީ 44 ވޯޓުގެ ތަފާތުންނެވެ. އޭނާއަށް 1007 ވޯޓު ލިބުނުއިރު އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އަބްދުއްރަހީމް އަބްދުالله އަށް ލިބިވަޑައިގަތީ 963 ވޯޓެވެ.

comment ކޮމެންޓް