ދުވާފަރުން ރައީސަށް 100 ރަށާ ނުބައްދަލު މަރުހަބާއެއް: ''ހޮވާނީ އެއްބުރުން!''

ރައީސް ރ. ދުވާފަރަށް ވަޑައިގަތުން. ހޫނު މަރުހަބާއެއް ރައީސަށް މި ރަށުންވަނީ ކިޔައިފައި -- ފޮޓޯ/ އެމްޑީޕީ

ރ. ދުވާފަރުން މުހައްމަދު ނާއިލް ހަފީޒް

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރ. އަތޮޅަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު އިރުއޮއްސުނު ވަގުތު ދުވާފަރަށް ވަޑައިގަތުމާއެކު އެ މަނިކުފާނަށް މީގެ ކުރިން ނުކިޔާފަދަ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެ މަނިކުފާނު ދުވާފަރަށް ވަޑައިގަތީ މަޑުއްވަރިއަށް ވަޑައިގެން އެ ރަށުގައި އޮތް އެމްޑީޕީ ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ.

ދުވާފަރުން ރައީސަށް ކީ މަރުހަބާ އެ މަނިކުފާނު މީގެ ކުރިން ވަޑައިގަތް 106 ރަށުން ކީ މަރުހަބާއާ މުޅިން ތަފާތެވެ.

ދުވާފަރަށް ރައީސް ވަޑައިގަތުމާއެކު އެ މަނިކުފާނަށް މީގެ ކުރިން ނުކިޔާފަދަ ހޫނު މަރުހަބާއެއް ވަނީ ކިޔާފައި --- ފޮޓޯ/ އެމްޑީޕީ

އެގޮތުން އެ މަނިކުފާނަށް މަރުހަބާ ކިޔައި ސަލާންކުރުމަށް ޓަކައި ރަށު ތެރެއަށް ދިގު ސަފެއް ދެމިގެން ގޮސްފައިއޮތްއިރު ހަމައެކަނި ސަލާމްކުރުމަށް ޓަކައި ވެސް 30 ވަރަކަށް މިނެޓް ހޭދަވިއެވެ.

ބަނދަރުން ފެށުނު ސަފު ނިމުނީ ރަށުގެ މެދުން މާ އެތެރެއިންނެވެ.

ސަލާމްކުރަމުން ދިޔައިރު އެ މަނިކުފާނު މި ރަށުގައި ހިންގެވި އެކި ޕްރޮޖެކްޓުތައް ރަމްޒުކޮށްދޭ ކުރެހުންތައް އަރިމަތީގައި ބަހައްޓައިފައިި ހުއްޓެވެ. އެއިން ކޮންމެ ކުރެހުމެއް ކައިރި ހުއްޓިވަޑައިގެން ރައީސް ވެސް ފޮޓޯއެއް ނެންގެވިއެވެ.

ރައީސްގެ މަޝްރޫއެއް ރަމްޒުކޮށްދޭ ކުރެހުމަކާއެެކު ރައީސް ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ފޮޓޯ/ އެމްޑީޕީ

ހަމައެއާއެކު ރަށުގެ އަންހެނުންގެ ޚާއްސަ ބޮޑުބެރުގެ ހަރަކާތްތައް ވެސް ފޯރީގައި އައީ ހިންގަމުންނެވެ. ރައީސްގެ ކެމްޕޭނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ބޮޑުބެރުގެ ފޯރިގަދަ ލަވަތައް އައީ ކިޔަމުންނެވެ.

"މިއޮތީ މި ކަން އެއްބުރުން ނިމިފައި. ދެން އިތުރަށް އިދިކޮޅުން ބަލާނެ އެއް ކަމެއް ވެސް ނެތް،" ދުވާފަރުން ވާހަކަދެއްކި ރައްޔިތަކު "ސަން"އަށް ބުންޏެވެ.

މި ރަށުގައި އެ މަނިކުފާނަށް މަރުހަބާ ކިޔަން އޮތް ސަފުގައި ގިނަ އަދަދެއްގެ ޒުވާނުން ތިއްބެވެ. ހަރު އުމުރުފުރައާއި އިސްރަށްވެހިން ވެސް އެހާމެ ގިނައެވެ.

މި ރަށުން ފެނުނީ ހުރިހާ އުމުރެއްގެ ފުރިހަމަ ބައިވެރިވުން ހިމެނޭހެން ކީ ހޫނު މަރުހަބާއެކެވެ.

ރައީސް ރ. ދުވާފަރަށް ވަޑައިގަތުން. ހޫނު މަރުހަބާއެއް ރައީސަށް މި ރަށުންވަނީ ކިޔައިފައި -- ފޮޓޯ/ އެމްޑީޕީ

"އެއްބުރުން އަހަރުމެން މި ކަން ނިންމާނަން. އަހަރުމެން މި ތިބީ ރައީސް އިބޫއާއެކު ކުރިއަށްދާން. މި ރަށަަށް މި އައި ކުރިއެރުމާއެކު އަހަރުމެންނަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ އެއީ،" މި ރަށުން ވާހަކަ ދެއްކި ޒުވާނެއް ބުންޏެވެ.

comment ކޮމެންޓް