އެމްޑީޕީއަށް އެރީ ކުޑަ ލޮޅުމެއް، އިންތިޚާބު ކާމިޔާބުކުރަން ތިބީ އަސްލު އެމްޑީޕީ މެމްބަރުން: ރައީސް

ރައީސް ބ. ތުޅާދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީ ތެރެއަށް ކުޑަލޮޅުމެއް އައި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން މިއަދު އެމްޑީޕީގައިި ތިބީ ޕާޓީގެ އަސްލު މެމްބަރުންކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ ތެރެއަށް ލޮޅުމެއް އައި ނަމަވެސް އޭގެ މާ ބޮޑު އަސަރެއް ނުކުރާ ކަމަށެވެ.

ބެލެވޭ ގޮތުގައި އެ މަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީން މިއަދު ވަކިވެވަޑައިގެން އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވަން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.

"އެމްޑީޕީގެ ތެރޭގައި ކުޑަ ލޮޅުމެއް އަރައިިގެން ހިނގައްޖެ. އޭގެ އަސަރު ތުޅާދޫ ތެރޭގައި ވެސް ކޮންމެ ވެސް ވަރަކަށް ޖެހުނު. އެހެންނަމަވެސް އަޅުގަނޑަށް މިއަދު މި ފެންނަނީ އެ މަންޒަރު މި ރަށުން ވެސް ބަދަލުވެގެން ދާ ތަން،" ރައީސް ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއަށް އެމްޑީޕީން މީގެ ކުރިން ވަކިވި މެމްބަރުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މީގެ ކުރިން އެ މަނިކުފާނު ވަޑައިގެންނެވި ރަށްރަށުން ވެސް އެ ފިކުރުގެ އަސަރު ކޮންމެވެސް މިންވަރަކަށް ފެންނަން ހުރި ކަަމަށެވެ.

ނަމަވެސް މިއަދު އެ މެމްބަރުން ވެސް އަލުން އެމްޑީޕީއާ ގުޅެމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ބަދަލުވަމުން ބަދަލުވަމުން އައިސް ގާތްގަނޑަކަށް އެކީ އެކައްޗަކަށް އަރައި އެއް ފަރާތަކަށް އަނެއްކާ ވެސް އެމްޑީޕީއާއެކީގައި މި އިންތިޚާބު ކާމިޔާބުކުރުމަށް އަސްލު އެމްޑީޕީގެ މެމްބަރުން ނިކުމެ ތިބިތަން އަޅުގަނޑަށް ފެންނަމުންދޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވިއިރު އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަލުން އެމްޑީޕީއާ ވަނީ ގުޅިފައެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުވާ މަންޒަރުކަމަށެވެ.

comment ކޮމެންޓް