ކުުދި ޕާޓީތަކުން އިންތިޚާބަށް ނުކުތީ ވޯޓު ބައިކޮށް، ކޯލިޝަން ހަދައި މަގާމު ހޯދަން: ރައީސް

ރައީސް ބ. ފެހެންދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އިދިކޮޅު ޕީއެންސީ ފިޔަވައި ދެން ތިބީ ޕާޓީތަކަކީ ރިޔާސީ އިންތިޚާބު ދެވަނަ ބުރަަކަށް ގެންގޮސް، ވޯޓު ބައިބައިކުރުމަށް އިންތިޚާބަށް ނުކުމެ ތިބި ސިޔާސީ ފަރާތްތައް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ކެމްޕޭނުގައި ބ. ފެހެންދުއަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރަައީސް ވިދާޅުވީ އެ ޕާޓީތަކުގެ ބޭނުމަކީ ދެވަނަ ބުރެއްގައި ބަޔަކާއެކު ކޯލިޝަން ހަަދައި ދެން އަންނަ ސަރުކާރެއްގައި މަގާމުތަކެއް ހޯދުންކަމަށެވެ.

އަދި އެއީ މުޅިން އަމިއްލަ މަންފާއަށް ކުރާ ކަންތައްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އެއް ބައެއްގެ މަގުސަދަކީ ދެވަނަ ބުރަކަށް މި ގެންދިއުން ބައިބައި ކޮށްލައިގެން ނަމަވެސް،" ރައީސް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި އެ މަނިކުފާނު މި ވާހަކަފުޅުތައް ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމްއަށް ނިސްބަތްކޮށެވެ.

އެއީ އިންތިޚާބަށް ނުކުތުމުގެ ކުރިން ރައީސް ކޯލިޝަަންގެ ދައުވަތު ދެއްވުމުން އެކަން ގަބޫލުނުކޮށް ވަކިން މަސައްކަތް ފެށި ދެ ޕާޓީއެވެ.

ޖުމްހޫރީ ޕާޓީން ގާސިމް އިބްރާހިމް ވާދަކުރައްވާއިރު އެމްއާރްއެމާ ވަކިން އަމިއްލަ ގޮތުން ވާދަކުރައްވަނީ އެމްއާރްއެމްގެ ރައީސްކަމުގައި ހުންނެވި ފާރިސް މައުމޫނެވެ.

މީގެ އިތުރުން ކުދި ރަށްރަށް ތަރައްގީކޮށްދެއްވާނެކަމަށް، އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދަށް ރައީސްވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ބ. ފެހެންދޫގައި -- ފޮޓޯ/ އެމްޑީޕީ

އެގޮތުން މީގެ ކުރިން މިނިސްޓަރުކަމުގައި ހުންނެވި އިރު ރަށްރަށުގައި އަސާސީ ޚިދުމަތްތައް ނުފުއްދި ހުރި މަަންޒަރު ފެނިވަޑައިގެންފައިނުވޭތޯ ރައީސް ސުވާލު އުފެއްދެވިއެވެ.

އަދި އެއިރު ރައްޔިތުން ތަހައްމަލުކުރި ދަތި ހާލު މިއަދު ކުއްލިއަކަށް ފެނިވަޑައިގެން އެކި ވައުދުތައް ވެވަޑައިގަންނަވާއިރު މިއަަދު މި ސަރުކާރުން އެ ކަންކަން ކޮށްދީ ނިންމަމުން އަންނަކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

"ބަލަ މި އޮތް ހުރިހާ ދުވަހު ކީއްތޯ ކުރެއްވީ. ރާއްޖޭގެ ޕްލޭނިން މިނިސްޓަރުކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާއެއީ [މުއިއްޒަކީ]،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސްވަނީ އިދިކޮޅުން ވާ ވައުދުތަކަށް ރައްޔިތުން އިތުބާރު ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އިދިކޮޅުން ވާ ގިނަ ވައުދުތަކަކީ އެމްޑީޕީ މެނިފެސްޓޯގައި މާ ކުރިން ލިޔެ އިއުލާނުކޮށްފައިވާ ކަންކަންކަމަށާއި އެ ކަންކަން އިދިކޮޅުން އިއުލާނުކުރީ 'ބައެއް އަކުރުތަކާއި ފިލިތައް ބަދަލުކޮށްލުމަށްފަހު' ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ހައުސިން ލޯނު ދޫކުރުމުގެ ވައުދާއި ގުޅިފަޅުން ބިން ހިއްކައި ގޯތި ދިނުމާ ގުޅޭގޮތުން މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ރައީސް ފާހަގަކުރެއްވިއެވެ.

"އެއްްގޮތަކަށް ވެސް އޭގައި ނެތް ތާކުން ތާކު ޖެހޭ އެއްވެސް އެއްޗެއް. ގަބޫލުނުކުރައްވައްޗޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދެން އަންނަ ދަައުރުގައި ވެސް 'ހެޔޮ ހިތަކާއެކު' ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ނުކުމެ ތިބީ އެމްޑީޕީއާ ގުޅިފައިވާ މި ކޯލިޝަނުން ކަމަށެވެ. އެ ނޫން އެއްވެސް ބޭނުމެއް ނެތްކަމަށާއި ވެވަޑައިގަންނަވާ ވައުދުތައް ފުއްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގުދުރަތީ ރީތިކަމާއެކު ބ. އަތޮޅުގެ ރަށްތަކަކީ ރަށު ފަތުރުވެރިކަމަށް ފަސޭހައިން ފައްކާކުރެވޭނެ ރަށްތަކެއް ކަމަށެވެ.

"އަޅުގަނޑު ހިތުން މުސްތަގްބަލު އޮތް ރަނގަޅު ސަރަހައްދެއް މިއީ. ގޮއިފޮޅު ފެހެންދޫ އަޅުގަނޑުމެން ބާކީ ނުކުރާނަން،"

އެގޮތުން ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއްގައި މި ރަށަށް ކޮށްދެއްވާނެ ކަންކަމަކީ:

  • ގޮއިދޫ ސްކޫލުން ސެޓްލައިޓް ސްކޫލު މެނޭޖުކުރާ ގޮތް ހެދުން
  • ރޯހައުސް އެޅުން
  • ކޮމިއުނިޓީ ސެންޓަރެއް އެެޅުން
  • ސަރުކާރު މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އެޅުން
  • ފްލޯޓިން ޖެޓީއެއް އެޅުން
  • ކުޑަކުދިންނަށް ޕާކެއް ތަރައްގީކުރުން

"މި ކަންތައްތައް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނީ ނުވައެއް ސެޕްޓެމްބަރުގައި އޮންނަ އިންތިޚާބު އަޅުގަނޑުމެންނަށް ކާމިޔާބުކުރެވިގެން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް