ކެންޕޭން ކުރާއިރު އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް ކެންޕޭން ކުރާއިރު އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ބެލެވޭ ގޮތުގައި އިމްރާން މިހެން ވިދާޅުވީ ޕީޕީއެމާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒު ކ. ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށް، ޕީޕީއެމްގެ ސަޕޯޓަރުންނާއި އެމްޑީޕީ ސަޕޯޓަރުންނާ ދެމެދު މިއަދު ހިނގި ހަމަނުޖެހުމުގައި ބައެއް މީހުންނަށް އަނިޔާވުމާ ގުޅުވައިގެންނެވެ.

އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕޭނުކުރުމުގައިވެސް އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައިވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިފަދަ ކަންކަމުން ދުރުވެތިބުމަށް ގޮވާލަން،" އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ކ. ގުރައިދޫގައި ދެބައެއްގެ މެދުގައި މިއަދު ހިންގި މާރާމާރީގައި އެކަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެމާރާމާރީ އާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އެ މަސައްލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގުރައިދޫގައި މިއަދު ކުރިމަތިލުމެއް ހިނގާފައިވާ އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކެމްޕޭން ދަތުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގެންނެވުމާ ދިމާކޮށް އިދިކޮޅުން އަންނަނީ އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގަމުންނެވެ.

އެގޮތުން މިމަހުގެ 10 ވަނަ ދުވަހު ގއ. ވިލިނގިއްޔަށް ރައީސް ވަޑައިގެންނެވުމާ ދިމާކޮށް އިދިކޮޅު ސްޕޯޓަރުން ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެދުވަހުގެ ހަމަނުޖެހުމާ ގުޅުގައިގެން އިމްރާން ވަނީ އެ ފަރާތަތްކަށް އިންޒާރެއް ވެސް ދެއްވާފައެވެ.

އިމްރާން ވިދާޅުވީ ރައީސް ވަޑައިގަންނަވާއިރު ގަލާއި ވެލި އުކުމުގެ ފުރުސަތު އިދިކޮޅު މީހުންނަށް ނުދެވޭނެ ކަމަށާއި އަދި އެ ފުރުސަތު ދޭން ވެސް ނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް