އެންމެފަހުން އެފް-16 ގެ ފައިޓާޖެޓް ޔުކްރެއިންއަށް ދޭން އެމެރިކާއިން ނިންމައިފި

އެމެރިކާގައި އުފައްދާ އެފް-16 މަރުކާގެ ފައިޓާޖެޓް

ކިޔެވް (19 އޮގަސްޓް 2023): ޔުކްރެއިން ހަނގުރާމައިގާ ހުޅަނގުންދޭ ޒަމާނީ ހަތިޔާރުތަކާއެކުވެސް ޔުކްރެއިން އަށް ކާމިޔާބު ލިބެމުންނުދާތީ އެންމެފަހުން އެފް-16 ގެ ފައިޓާޖެޓް އެގައުމަށް ފޯރުކޮށްދޭން އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި "އެފް-16" މަރުކާގެ ފައިޓާޖެޓް ޔުކްރެއިނަށް ދިނުމުގެ ހުއްދަ އެމެރިކާ އިން މިހާރުވަނީ ނެދަލެންޑްސް އަށް ދީފިއެވެ. ނެދަލެންޑްސް އަކީ އެމެރިކާއިން ވިއްކާފައިވާ "އެފް-16" ގެ ފައިޓާޖެޓް ހުރި ގައުމެކެވެ.

ޔުކްރެއިންގެ ރައީސް ވްލަޑިމިޔާ ޒެލެންސްކީއާއި އެގައުމުގެ އަސްކަރީ އިސްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި "އެފް-16" މަރުކާގެ ފައިޓާޖެޓް ލިބިއްޖެނަމަ އަދިވެސް ރަޝިއާގެ މައްޗަށް ކާމިޔާބު ހޯދިދާނެއެވެ. އަދި ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް މިނިވަން ކުރެވި އެބިންތަކުން ރަޝިއާގެ އަސްކަރީ ބާރުތައް ބޭރުކޮށްލެވިދާނެއެވެ.

ނަމަވެސް އަސްކަރީ މުހައްލިލުންނާއި އަސްކަރީ ތަޖުރިބަކާރުން ވިދާޅުވާގޮތުގައި ޔުކްރެއިނުން "އެފް-16" ގެ ފައިޓާޖެޓް ބޭނުންކުރަން ފަށައިފިނަމަ ރަޝިއާ އެއަށްވުރެ ވަރުގަދަ ހަތިޔާރު ޔުކްރެއިން އާ ދެކޮޅަށް ބޭނުންކުރާނެއެވެ. ޔުކްރެއިން އާ ދެކޮޅަށް ބޭނުން ނުކުރާ އެތައް ބާވަތެއްގެ ބާރުގަދަ ހަތިޔާރު ރަޝިއާ އަތުގައި އެބަހުއްޓެވެ. އަދި އެތަކެތި އުފެއްދުމުގެ ގާބިލްކަމާއި ޓެކްނޮލޮޖީ އާއި ފަންނީ މީހުންނާއި ސައެންސްވެރިންވެސް ރަޝިއާގައި އެބަތިއްބެވެ.

ރަޝިއާގައި އުފައްދާ އެސްޔޫ 27 މަރުކާގެ ފައިޓާޖެޓް، މިއީ އެފް-16 އާ މުގާބަލާ ކުރެވޭވަރުގެ ޖެޓެއް

ރަޝިއާގެ ދިފާއީ ނިޒާމު ކަމަށްވާ އެސް -400 މަރުކާގެ ވައިގެ ދިފާއީ ނިޒާމަކީ "އެފް-16" ގެ ފައިޓާޖެޓް ވައްޓާލުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެކެވެ. "އެފް-16" ފައިޓާޖެޓް އަކީ މިދިޔަ ގަރުނުގެ 70 ގެ އަހަރުތަކުގައި އެމެރިކާގެ ލޮކްހީޑް މާޓިން ކުންފުނިން އުފައްދަން ފެށި ބޯޓެކެވެ. މިއީ ފައިޓާ ޖެޓްގެ ސިނާއަތަށް ބަލާއިރު ހަތަރުވަނަ ޖަނަރޭޝަންގެ ބޯޓެކެވެ.

މި ބޯޓު އެންމެ ފުރަތަމަ އަސްކަރީ ޚިދުމަތަށް ނެރެފައިވަނީ 1979 ވަނަ އަހަރުއެވެ. ނަމަވެސް މިއީ މިހާރުވެސް ވަރަށް ގިނަ ގައުމުތަކަކުން ވަރަށް ތަރުހީބު ލިބޭ އަދި ވަރަށް މަގުބޫލު މަރުކާއެކެވެ. އެމެރިކާގެ ހަތިޔާރަށް ބަރޯސާވާ ގައުމުތަކުގެ ތެރެއިން 25 ގައުމަކުން އެފް-16 ގެ ފައިޓާޖެޓް މިހާރުވެސް ބޭނުންކުރެއެވެ. މީގެތެރޭގައި ގިނައީ ނޭޓޯގެ ގައުމުތަކެވެ.

އަޑަށްވުރެ ބާރަށް ދަތުރުކުރާ މި ބޯޓު ގަޑިއަކު 2400 ކިލޯމީޓަރަށް ދުވެއެވެ. މިއީ ނިސްބަތުން ކުޑަ އަދި ލުއި ބޯޓަކަށްވާތީ މިއީ ބައު މަރުކާއަކަށް ވީނަމަވެސް ދުނިޔޭގެ ގައުމުތަކުގައި އަދިވެސް މިމަރުކާއަށް ވަރަށް ޑިމާންޑް ބޮޑެވެ.

މިއީ މަރާމާތު ވަރަށްބޮޑު ބޯޓެކެވެ. ފަންނީ މައްސަލަތައް ހައްލުކުރަން ގިނަ ވަގުތުބޭނުންވާ ބޯޓެކެވެ. މި ބޯޓަށް ބޭނުންވާ ޕައިލެޓުން ތަމްރީންކުރުމަކީވެސް ވަރަށް ދަތި އުނދަގޫ ކަމެކެވެ.

ނަމަވެސް އެމެރިކާގެ ރުހުމާއެކު ޕޮލެންޓުން މިހާރުވަނީ އެފް-16 އަށް ބޭނުންވާ ޔުކްރެއިންގެ ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައެވެ. ޔުކްރެއިން އަށް މި ބޯޓު ބޭނުންކުރަން ފެށޭވަރުވާނީ އަދި ހަތަރުވަރަކަށް މަސްފަހުންނެވެ.

އެމެރިކާގައި އުފައްދާ އެފް-35 މަރުކާގެ ފައިޓާ ޖެޓަކީ އެފް-16 އަށްވުރެ މާގާބިލް މަރުކާއެކެވެ. ރަޝިއާގައި އުފައްދާ އެސްޔޫ-27 މަރުކާގެ ފައިޓާޖެޓަކީ އެފް-16 އާ ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އަދި ރަޝިއާގެ އެސްޔޫ 35 އަކީ އެފް-16 އަށްވުރެ ހުރިހާ ގޮތަކުންވެސް މާގާބިލް ޖެޓެކެވެ. އެއީ އެފް-35 މަރުކާއެކޭ އެއްގޮތަށް ފަސް ވަނަ ޖަނަރޭޝަންގެ ފައިޓާޖެޓެކެވެ.

ރަޝިއާގައި އުފައްދާ އެސްޔޫ-35 މަރުކާގެ ފައިޓާޖެޓެއް މިއީ އެފް-16 އަށްވުރެ މާ ގާބިލް ޖެޓެއް

ޔުކްރެއިން ހަނގުރާމައިގާ ޔުކްރެއިންގެ ލަޝްކަރުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަޝިއާ އިން ޔުކްރެއިންގެ ވައިގެ ލަޝްކަރުތައް ހަލާކުކޮށްލައި ޔުކްރެއިންގެ ވައިގެ ކޮންޓްރޯލް އެއްކޮށް ނަގާފައިވުމެވެ.

ފާއިތުވި ދޮޅު އަހަރުތެރޭގައި ރަޝިއާ ވަނީ ޔުކްރެއިންގެ ވައިގެ ބާރުގައި ހިމެނޭ 145 ފައިޓާޖެޓްގެ ތެރެއިން 100 އަށްވުރެ ގިނަ ބޯޓު ވައްޓާލާފައެވެ. އަދި ޔުކްރެއިންގެ ވައިގެ ބާރުގައި ހިމެނޭ 139 ހެލިކޮޕްޓަރުގެ ތެރެއިން 50 އަށް ވުރެ ގިނަ ހެލިކޮޕްޓަރު ވައްޓާލާފައެވެ.

އެފް-16 ގެ ފައިޓާޖެޓް ޔުކްރެއިން އަށް ފޯރުކޮށްދޭން އެމެރިކާ މިނިންމީ އެކަމަށް އެދި ޔުކްރެއިނުން އެމެރިކާއަށް އާދޭސް ކުރަމުންގެންދާތާ އަހަރެއްހާ ދުވަސްވާން ގާތްވެފައި ވަނިކޮށެވެ.

ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް މިނިވަން ކުރުމަށްޓަކައި މީގެ ހަތަރު މަސްކުރިން ޔުކްރެއިނުން ފެށި ކައުންޓާ އެޓޭކުންވެސް ޔުކްރެއިނަށް ކާމިޔާބެއް ލިބިފައިނުވާއިރު ރަޝިއާގެ އަތްދަށުގައިވާ ޔުކްރެއިންގެ އެއްވެސް ސިޓީއެއް އަދި ބޮޑު ސަރަހައްދެއް މިނިވަންކުރުމުގައި ޔުކްރެއިންވަނީ މުޅިން ފެއިލްވެފައެވެ. މިއާއެކު ދާދިފަހުން ނޭޓޯގެ މަސްއޫލުވެރިއަކުވަނީ ރަޝިއާއިން ހިފާފައިވާ ޔުކްރެއިންގެ ބައެއް ބިންތައް ރަޝިއާއަށް ދޫކޮށްލުމަށްވެސް ގޮވާލައްވާފައެވެ.

މިމައްސަލާގައި ޔުކްރެއިން ރުޅި ގަދަވުމުން ނޭޓޯވަނީ އެގޮވާލުން އަނބުރައި ގެންގޮސްފައެވެ. ނަމަވެސް ހަނގުރާމައަށް ދޮޅު އަހަރުވެފައިވާއިރު ރަޝިއާގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ހޯދުމަކީ ހުޅަނގުގެ ޒަމާނީ ހަތިޔާރާއެކުވެސް ޔުކްރެއިންއަށް ކުރެވޭނެކަމެއް ނޫންކަން ނޭޓޯގެ ގައުމުތަކަށްވެސް މިހާރު ގަބޫލުކުރެވޭކަމުގެ އަޑުތައްވަނީ ފެތުރިފައެވެ.

އެފް-16 ގެ ޖެޓް ދީގެން ޔުކްރެއިންއަށް ރަޝިއާގެ މައްޗަށް ކާމިޔާބު ނުހޯދިއްޖެނަމަ ޔުކްރެއިން ހަނގުރާމައާމެދު ނޭޓޯ ގެންގުޅޭ ސިޔާސަތަށް ބަދަލުއައުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޭޓޯގެ ގައުމުތަކުން ޔުކްރެއިންއަށް ދޭ ހަތިޔާރުގެ ބޮޑުބައެއް އެތަކެތި ޔުކްރެއިންގެ ހުޅަނގު ސަރަހައްދުގެ ބޯޑަރުން ވައްދައިގެން އެގައުމުގެ ހަނގުރާމަ ހިނގާ ސަރަހައްދަށް ގެނައުމަށް ދޮޅު ހާސް ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރަން ޖެހެއެވެ.

މިރާސްތާ ކަޑައްތު ކުރާއިރު ރަޝިއާ ގެންދަނީ ނޭޓޯގެ ހަތިޔާރުގެ ސަޕްލައިތަކަށް ވަރަށް އެކިއުރޭޓް މިސައިލްތަކުން ހަމަލާތައްދީ އެތަކެތި ހަލާކުކޮށްލަމުންނެވެ. މިއީ ޔުކްރެއިން އާއި ޔުކްރެއިންގެ ފަހަތުގައިވާ ނޭޓޯއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ޔުކްރެއިންއަށް އެފް-16 ގެ ޖެޓް ދިން ނަމަވެސް ރަޝިއާއަކީ އަސްކަރީ ސިނާއަތާއި ހަތިޔާރު އުފެއްދުމުގައި އެމެރިކާއަށްވެސް ދޫނުކުރާ ފެންވަރުގެ ގާބިލް ގައުމަކަށްވާތީ ޔުކްރެއިން އަށް ދޭ މިފަދަ ޖެޓްތަކަކުން ހަނގުރާމައިގެ ހާލަތު ބަދަލުވުމަކީ ގާތްގަނޑަކަށް ނާދިރުކަމެއްކަމަށް އަސްކަރީ ތަޖުރިބާރުން ވިދާޅުވެއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އެލެގްޒެންޑަރ ގްރުޝްކޯ އިންޒާރު ކުރެއްވިގޮތުގައި އެފް-16 މަރުކާގެ މަތިންދާބޯޓު ޔޫކްރެއިނަށް ފޮނުވުމަކީ ނޭޓޯއަށް ހެދޭ އެންމެ ބޮޑު ގޯސްކަމަށް ވެގެންދާނެއެވެ. އެފް-16 މަރުކާގެ ޖެޓްތައް ޔުކްރެއިންއަށް ވެއްދުމާއެކު އެތަކެއްޗަށް ހަމަލާދީ އެތަކެތި ހަލާކުކޮށްލުމަކީ ރަޝިއާގެ އެންމެ ބޮޑު އަމާޒުކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް