މުލަކުން މުއިއްޒަށް މަރުހަބާ ކިޔަން ދިގު ސަފެއް، ދިނީ މެޖޯރިޓީގެ ޔަގީންކަން!

މުލަކުގެ ގިނަ ބަޔަކު ޑރ. މުއިއްޒުއަށް މަރުހަބާ ދެންނެވުމަށް އެއްވެފައި -- ފޮޓޯ: އެލީޒް

(މ. މުލަކުން، ޢާލިމް އަބްދުއްލަތީފް)

މ. މުލަކުން ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އާދަޔާޚިލާފު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި ރަށަށް މިއަދު ހަވީރު މުއިއްޒު ވަޑައިގެންނެވިއިރު، ކޮޅާކޮޅު ނުފެންނަ ވަރުގެ ދިގު ސަފެއް ބަނދަރުގައި ހަދައިފައި އޮތެވެ. މި ރަށުގެ ގިނަ ޒުވާނުން ވެސް އޭނާއަށް މަރުހަބާ ކިޔުމަށް ޓަކައި ނުކުމެފައި ތިއްބެވެ.

މ. އަތޮޅަކީ އަބަދު ވެސް ޕީޕީއެމްގެ މެޖޯރިޓީ އޮންނަ އަތޮޅެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޕީޕީއެމަށް މެޖޯރިޓީ ލިބުނީ މ. އަތޮޅުންނާއި ފ. އަތޮޅުންނެވެ.

މި ރަށުގެ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހަކު ބުނީ، މި އަހަރުގެ އިންތިހާބުގައި ވެސް މުއިއްޒަށް އެ ރަށުން މެޖޯރިޓީ ވޯޓް ލިބޭނެ ކަމަށެވެ. އަދި, އެ ރަށަކީ ޕީޕީއެމްގެ ތާއީދު ބޮޑު ރަށެއް ކަމަށާއި އިދިކޮޅު ޕާޓީތަކަށް ލިބޭނީ މަދު މިންވަރެއް ކަމަށެވެ.

"އިންޝާﷲ މި އަހަރު ވެސް މި އަތޮޅުންނާއި މި ރަށުން ވެސް މެޖޯރިޓީ ލިބޭނެ [ޑރ. މުއިއްޒަށް]. އަޅުގަނޑުމެން ނުކުމެ މި ތިބީ މި ވެރިކަން ބަދަލުކުރަން،" އޭނާ ބުންޏެވެ.

ޑރ. މުއިއްޒު މުލަކުގެ ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ -- ފޮޓޯ: އެލީޒް

މިއަދު ޑރ. މުއިއްޒު ވަނީ މި ރަށުގެ އިތުރުން މި އަތޮޅުގެ އިތުރު ތިން ރަށަަކަށް ވެސް ވަޑައިގެންފައެވެ. މި އަތޮޅު ވޭވަށާއި މަޑުއްވަރީގެ އިތުރުން މުއްޔަށް މިއަދު ވަޑައިގެންނެވިއެވެ.

މިރޭ މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މި ރަށުގައި އޮންނައިރު، ޖުމުލަކޮށް މި އަތޮޅަށް ވައުދުތަކެއް ވެވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް