މާލޭ ރަށްވެހިންނަށް އަމާންކަމާއި އުފާވެރިކަން ގެނެސް ދެއްވީ ރައީސް ޞާލިޙް: ޑރ. ރަފިއްޔާ

އެމްޑީއޭގެ ގައުމީ މަޖިލީހުގެ 2022 ވަނަ އަހަރުގެ ހަތަރުވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގެ ރަށްވެހިންނަށް އުޖާލާ އަމާން އުފާވެރިކަމެއް ގެނެސްދިން ރައީސަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް އެމްޑީއޭގެ ނައިބު ރައީސާ ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

އެމްޑީއޭގެ ހުޅުމާލެ ޕޮލިޓިކަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން ރަފިއްޔާ ވިދާޅުވީ މާލޭގެ ރަށްވެހިންނަށް ގޯތި ނުލިބޭތާ 50 އަހަރުވެއްޖެ ކަމަށެވެ.

"މިހާތަނަށް މާލޭ ބޭފުޅުން ވެރިކަމަށް ވަޑައިގެން ކީއްތޯ ކުރެއްވީ؟ 50 އަހަރު ވެއްޖެ މާލޭ ރައްޔިތުންނަށް ގެއެއް ނުލިބޭތާ. އެއްވެސް ކަހަލަ މޫނަކަށް ކަނދުރާއަކަށް ނުބަލާ މިކަން ކޮށްދެއްވި ރައީސް އަކީ ރައީސް އިބޫ،" ރަފިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ ޒުވާނުންނާއި ރައްޔިތުންގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ ހުރިހާ އެންމެން އަމާން އުފާވެރި ބަނދަރަކަށް ދިއުމަށްޓަކައި ތިބީ އަތުގުޅާލައިގެން ކަމުގައެވެ.

"އަޅުގަނޑުމެން ދެން ނުހުއްޓުވޭނެ. އަޅުގަނޑުމެންގެ ހިތްވަރެއް ވެސް ދެން ބައްޔެއް ނުކުރެވޭނެ. އަޅުގަނޑުމެން ދާނީ ކުރިއަށް ބާރަށް ކުރިއަށް އިންގޭތޯ. އިރާދަކުރެއްވިއްޔާ ނުވައެއް ސެޕްޓެމްބަރު 2023 ވާ ދުވަހަކީ އަޅުގަނޑުމެން އިބޫ އަސްލަމްއަށް ވޯޓު އަޅާ ފުރާލާނެ ދުވަސް،" ރަފިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަފިއްޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނުގެ ރަނިންމޭޓު މުހައްމަދު އަސްލަމް ވަރުގެ ޕެއާއެއް އަދި ރާއްޖޭގެ ސިޔާސީ ދާއިރާއަށް ނާންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދެ ބޭފުޅުންނަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ވަރުގަދަ ދެ ޕޮލިޓީޝަނުން ކަމުގައެވެ.

comment ކޮމެންޓް