ބޮޑުޗުއްޓީގެ އިތުރަށް އަހަރު މެދުތެރެއިން އެއް މަހުގެ ޗުއްޓީއެއް ދޭނަން: މުއިއްޒު

ޑރ. މުއިއްޒު ފ. ނިލަންދޫގައި ވާހަކަ ދައްކަވަނީ --

ފ. ނިލަންދޫން، ޢާލިމް އަބްދުއްލަތީފް

އަހަރުގެ ފަހުކޮޅަށް ބަދަލުކުރުމަށް ރޭ ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ބޮޑުޗުއްޓީގެ އިތުރުން އަހަރުގެ މެދުތެރެއިން ވެސް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފިއެވެ.

މިރޭ ފ. ނިލަންދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރޭގައި އިއުލާން ކުރި ސްކޫލްގެ ބޮޑު ޗުއްޓީ ޑިސެމްބަރަށް ބަދަލުކުރާ ވާހަކަ ކޮންމެެވެސް ވަރަަކަށް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަށް އޮޅުން އެރި ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކޮށް އަރުވަން ބޭނުންވާ ވާޙަކައަކީ ޑިސެމްބަރަށް ބޮޑު ޗުއްޓީ ބަދަލުކުރުމަކުން ޓޫރިޒަމް ސެކްޓާގެ އެއްވެސް އާއިލާއަކަށް ގެއްލުމެއް ލިބުނަކަ ނުދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަހަރުގެ ފަހުކޮޅަށް ބޮޑުޗުއްޓީ ބަދަލުކުރަން ނިންމި ނަމަވެސް، އަަހަރުގެ މެދުތެރެއިން ހަތަރު ހަފުތާގެ ޗުއްޓީއެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ޑރ. މުއިއްޒުގެ ދެކަނބަލުން މިރޭގެ ޖަލްސާގައި--

"އެ މުވައްޒަފުންނަށް އެއްވެސް ކަންބޮޑުވުމެއް ނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ކަން މި ގޮތަށް ނިންމީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. މި ގޮތަށް ބަދަލުކުރުމުން ވެސް އަހަރު ތެރޭގައި ކިޔަވަން ބޭނުންވާ ހުރިހާ ގަޑިއެއް ހަމަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ބަދަލުކުރާނެކަން ރޭ މުއިއްޒު އިއުލާން ކުރެއްވުމުން ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް