އެމްއޭސީއެލްގެ އިންޓާންޝިޕް ޕޮރޮގްރާމް ނިންމައި ބައިވެރިންނަށް ލިޔުން ދީފި

އެމްއޭސީއެލްގެ އިންޓާންޝިޕްގެ ޕްރޮގްރާމްގެ ބައިވެރިން -- ފޮޓޯ/ އެމްއޭސީއެލް

ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ޚާއްސަކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ މޭ މަހުން ފެށިގެން 31 ޖުލައި ގެ ނިޔަލަށެވެ.

މިޕްރޮގްރާމާބެހޭ ގޮތުން އެ ކުންފުނިން ބުނީ މި ޕްރޮގްރާމުގައި ކެއާ ސޮސައިޓީގެ ހަތަރު ދަރިވަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތު މާހަލުގެ ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.

އެމްއޭސީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ލިޔުން ދިނުން -- ފޮޓޯ/ އެމްއޭސީއެލް

މި ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު އެއަޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އިންޓާންޝިޕްގެ ބައިވެރިންނަށް، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވަނީ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

އެމްއޭސީއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ލިޔުން ދިނުން -- ފޮޓޯ/ އެމްއޭސީއެލް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، މިއީ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް، އެ މީހުން ބާރުވެރިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ސަބަބުން، ބައިވެރިންނަށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، އެކުދިންނަށް މަސައްކަތުގެ މާހައުލަށް ނިކުތުމަށް އެޅުނު ބިންގަލަކަށް ވެސް ވާނެކަމަށް ހަސަން ފާހަގަކުރެއްވިއެވެ.

ތިން މަސްދުވަހަށް ގެންދެވުނު މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ވަނީ ކޮންމެ މަހަކު ޚާއްސަ އެލަވަންސެއް ދީފައެވެ.

މީގެ އިތުރުން އެމްއޭސީއެލް ގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އެގޮތުން، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި، ކަސްޓަމާ ސާވިސްގެ މަސައްކަތުގެ އިތުރުން، އެހެނިހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިފައިވެއެވެ.

މި ދަރިވަރުންނަށް ޚާއްސަ ކުރެވިފައިވާ، ސުޕަވައިޒަރުންގެ އިރުޝާދާއެކު، އެ ކުދިންނަށް ވަނީ މަސައްކަތުގެ މާހަލުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައެވެ.

comment ކޮމެންޓް