މުއިއްޒުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީ ދޭނީ ސަލަފަށް: މާރިޔާ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި އެޑިއުކޭޝަން މިނިސްޓްރީ ޖަމިއްޔަތުއްސަލަފަށް ދޭން މަޝްވަރާ ކުރެވޭ ކަމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ކެމްޕެއިން ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، އެފަދައިން އަޑު އިވިފައިވާ ކަމަށެވެ. ނަމަވެސް، ސަލަފުން ކިޔަވައިދޭނެ ސިލަބަހެއް އަދި ވިދާޅުވެފައިނުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މީގެ ކުރިން ވެސް ވަނީ ޑރ. މުއިއްޒަކީ ޕީޕީއެމް އަދި ސަލަފްގެ ކެންޑިޑޭޓެއް ކަމަށް ވިދާޅުވެފައެވެ. އެ ބުނުން މިއަދު ވެސް މާރިޔާ ވަނީ ދިފާއު ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ސަލަފްގެ ހުރިހާ މެންބަރުން ވެސް ޑރ. މުއިއްޒަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި، ފާޅުގައި ކެމްޕެއިން ކުރުމަށް ވާހަކަ ވެސް ދައްކަވާ ކަމަށެވެ.

"އެއާ ޚިލާފަށް އަޅުގަނޑުމެން ގޭގެއަށް ދިޔައީމަ އެބަ ބުނޭ މުއިއްޒަކަށް ވޯޓެއް ނުދޭނަމޭ އެއީ ޕީޕީއެމް ކެންޑިޑޭޓެއް ނޫނޭ،" މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ދޮރުން ދޮރަށް ކެމްޕެއިން ޖައްސަވާ އިރު ވެސް ޑރ. މުއިއްޒަކީ ސަލަފްގެ ކެންޑިޑޭޓެއް ކަމަށް މީހުން ބުނާ ކަމަށެވެ.

"އެ މީހުނަށް ވެސް ފެނިފަ އޮތީ އެގޮތަށް. އެކަމަކު އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ އޮފިޝަލީ އެ ބޭފުޅުން ކޯލިޝަނެއް ގޮތައް އެއްޗެއް ވިދާޅުވެފައި ނެތަސް އެގޮތަށް ފެންނާނީ އަޅުގަނޑު މިހެން މި ދަންނަވަނީ،" އެކަމަނާ ވިދަޅުވިއެވެ.

ސަލަފުގެ މެންބަރުން ވަނީ ޑރ. މުއިއްޒަށް ތާއީދު ކުރާކަން ހާމަ ކުރައްވާފައެވެ. އަދި، ސަލަފް ޖަމިއްޔާއަކީ ޑރ. މުއިއްޒުގެ އާއިލީ ބޭފުޅަކު ހިމެނިވަޑައިގަންނަވާ ޖަމިއްޔާއެކެވެ.

comment ކޮމެންޓް