ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބައެއް ބިންތައް ދޫކޮށްލަން ނޭޓޯ ގޮވާލުމުން ޔުކްރެއިން ރަތަށް!

ޔުކްރެއިންގެ ރައީސް ޒެެލެންސްކީ

ކިޔޭވް (17 އޮގަސްޓް 2023): ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގައި ރަޝިއާ ހިފާފައިވާ ބައެއް ބިންތައް ރަޝިއާއަށް ދޫކޮށްލުމަށް ފުރަތަމަ ފަހަރަށް ނޭޓޯގެ އިސް މަސްއޫލުވެރިއަކު ގޮވާލައްވައިފިއެވެ.

މިކަމަށް ގޮވާލެއްވީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގްގެ އޮފީހުގެ ޗީފް އޮފް ސްޓާފް، ސްޓިއަން ޔެންސެން އެވެ. ޔެންސެން މިކަން ޔުކްރެއިންއަށް ހުށަހެޅުއްވީ ނޯވޭގައި އިއްޔެ ކުރިޔަށްދިޔަ ބައްދަލުވުމެއްގައެވެ. ޔެންސެން ވިދާޅުވިގޮތުގައި ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ކުރަމުންގެންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި ރަޝިއާގެ އަތްދަށުގައިވާ ބައެއް ބިންތައް ޔުކްރެއިނުން ދޫކޮށްލުން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

މިގޮތަށް ރަޝިއާއަށް ދޫދީފިނަމަ ޔުކްރެއިންއަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ކަންތައްވެސް އަވަސްވެގެންދާނެކަމަށާއި މިހާރު ދެއަހަރުވާން ގާތްވެފައިވާ ހަނގުރާމަ ހުއްޓުވަން މަސައްކަތްކުރަން ނޭޓޯއަށް ޖެހިފައިވާކަމަށްވެސް ޔެންސެން ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޔުކްރެއިން ހަނގުރާމަ ހުއްޓުވޭނެ ގޮތްތަކާބެހޭގޮތުން ނޭޓޯގެ މެންބަރުން މިހާރު ގެންދަނީ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރަމުންނެވެ.

ނޭޓޯގެ މަސްއޫލުވެރިޔާ ސްޓިއަން ޔެންސެން

ނޭޓޯގެ މަސްއޫލުވެރިޔާގެ މިވާހަކަތަކަށް ޔުކްރެއިނުންވަނީ ރުޅިވެރިކަމާއެކު ވަރަށް ހަރުކަށި ގޮތަކަށް ރައްދު ދީފައެވެ. ޔުކްރެއިންގެ ރައީސް ވްލަދިމިޔާ ޒެލެންސްކީގެ މުސްތަޝާރު މިޚައިލް ޕޮދޮލާކް ވިދާޅުވިގޮތުގައި ޔެންސެންގެ މިވާހަކަތަކަކީ ޔުކްރެއިން ބަލައިނުގަންނަ އަދި ނޭޓޯގެ މަސްއޫލުވެރިއެއްގެ ފަރާތުން އިވޭނެކަމަށް ޔުކްރެއިން ދުވަހަކުވެސް ހީވެސް ނުކުރާފަދަ މާޔޫސް ކުރަނިވި ވާހަކަތަކެކެވެ.

ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށާއި ނޭޓޯގެ މެންބަރުކަން ހޯދުމަށް ޔުކްރެއިންގެ ބިންތަކެއް ރަޝިއާއަށް ދޫކޮށްލުމަށް ނޭޓޯއިން ހުށަހެޅުމަކީ ބޮޑު ޖޯކެއްކަމަށާއި އެއީ ރަޝިއާއާ ދެކޮޅަށް ނޭޓޯއިން ޔުކްރެއިންއަށް ވަމުންގެންދާ އެހީތަކުގެ ހަގީގަތާމެދު ބޮޑެތި ސުވާލު އުފެދޭކަމެއްކަމަށް ޔުކްރެއިންގެ ރައީސްގެ މުސްތަޝާރު ވިދާޅުވިއެވެ.

ޔުކްރެއިންގެ މިވާހަކަތަކާ ގުޅިގެން ނޭޓޯގެ މަސްއޫލުވެރިޔާ ވަނީ އޭނާގެ ވާހަކަތައް އަނބުރައި ގެންނެވިކަމަށް ވިދާޅުވެފައެވެ. އަދި މިވާހަކަތަކަށް ޔުކްރެއިނުގެ ކިބައިން މައާފަށް އެދޭކަމަށްވެސް ނޭޓޯގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ނަމަވެސް މުރާސިލުން ބުނާގޮތުގައި ރަޝިއާ ހިފާފައިވާ ބައެއް ބިންތައް ރަޝިއާއަށް ދޫކޮށްލުމަށް ނޭޓޯގެ މަސްއޫލުވެރިޔާ ޔުކްރެއިންއަށް ގޮވާލެއްވީ ހަނގުރާމައިގާ ރަޝިއާގެ މައްޗަށް ޔުކްރެއިންއަށް ކާމިޔާބު ނުހޯދޭނެކަމާއި ހަނގުރާމަ ދިގުލައިގެންދިޔަސް މަގްސަދު ހާސިލްނުކޮށް ރަޝިޔާ ފަހަތަށް ނުޖެހޭނެކަން ނޭޓޯއަށް ގާތްގަނޑަކަށް މިހާރު ޔަގީން ވުމުންނެވެ. އަދި ދިގުމުއްދަތަކަށް ޔުކްރެއިންއަށް އެހީދިނުމަކީ ނޭޓޯއަށް ތަހައްމަލުވެސް ނުކުރެވޭނެކަމެއްކަން ނޭޓޯއަށް އެނގޭތީއެވެ.

މުހައްލިލުން ދެކެނީ މިއީ ޔުކްރެއިން ވަކަރަށް ޖަހާލުމަށް ނުވަތަ ޔުކްރެއިންގެ ރިއެކްޝަން ހުންނާނެގޮތް ބަލާލުމަށް ރާވައިގެން ނޭޓޯއިން ވަރަށް ބޮޑަށް ރާވައިގެން ކުރިކަމެއްކަމުގައެވެ.

އެމެރިކާއާއި ޖަރުމަނުފަދަ ގައުމުތަކުގެ ޒަމާނީ މޮޅު ހަތިޔާރާއި ނޭޓޯގެ ޖާސޫސީ މައުލޫމާތާއި އަސްކަރީ މަޝްވަރާއާއެކު ޔުކްރެއިނުން ރަޝިއާއާ ދެކޮޅަށް މީގެ ތިން މަސްކުރިން ފެށި ކައުންޓާ އެޓޭކުން ޔުކްރެއިން އަށް އެއްވެސް ކަމެއް ހާސިލް ވެފައެއް ނުވެއެވެ. އަދި މިރައްދު ހަމަލާގައި ރަޝިއާގެ އަތްދަށުން ޔުކްރެއިން ސިފައިންގެ އެތައް ހާސްބަޔަކުމަރުވެ ހަތިޔާރުތައް ހަލާކުވެ ޔުކްރެއިންއަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ނޭޓޯގެ ތަޖުރިބާކާރުން މިހާރުވަނީ ޔުކްރެއިންގެ ކައުންޓާ އެޓޭކް ނާކާމިޔާބު ވެއްޖެކަމަށް ނިންމައި ރަޝިއާގެ އަތްދަށުން ޔުކްރެއިން ބަލިވާނެކަން ގާތްގަނޑަކަށް ޔަގީން ކުރައްވާފައެވެ. މިހަގީގަތާ އެއްގޮތަށް ސިޔާސަތުތައް އަލުން މުރާޖައާ ކުރުމުގެ މަޝްވަރާތައް ނޭޓޯގެ އެތެރޭގައި މިހާރުވަނީ ފަށާފައެވެ.

މި މަޝްވަރާތަކުގެ ބޭނުމަކީ ޔުކްރެއިން ރަޝިއާގެ އަތްދަށުން ބޮޑުބައްޔަކުން ބަލިވެ އަމާންދޭން ޖެހުމުގެ ކުރިން ހަނގުރާމަ ހުއްޓުމަކަށް ގެނެވޭނެ ފޯމިއުލާއެއް އެކުލަވާލުމެވެ. އެހެންނޫނީ ޔުކްރެއިނުން ރަޝިއާއަށް ދައްކަންޖެހޭ "އަގު" މާބޮޑުވާނެކަމުގެ އިހްސާސް ނޭޓޯ މިހާރުވަނީ ކުރަން ފަށާފައެވެ.

comment ކޮމެންޓް