ވިޔަފާރިވެރިޔާ އާއްޓޭ ޕީޕީއެމަށް ސޮއި ކުރައްވައިފި

އާއްޓޭ ޕީޕީއެމަށް ސޮއި ކުރައްވާ، ފޯމު ޑރ މުއިއްޒު އާ ހަވާލުކުރައްވަނީ --- ފޮޓޯ/ ޕީޕީއެމް

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެމްޑީޕީއިން ވަކިވެޑައިގެން ޕީޕީއެމަށް ސޮއި ކުރައްވައިފިއެވެ.

އޭނާ ޕީޕީއެމަށް ސޮއިކުރެއްވީ ޕީޕީއެމް،ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. އާއްޓޭ ވަނީ ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ޑރ. މުއިއްޒާ ފޯމު ހަވާލުކުރައްވާފައެެވެ.

އާއްޓޭއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ގިނަދުވަސްވީ ބޭފުޅެކެވެ. އޭނާ އަކީ ލޮޓަސް ފިހާރައިގެ ވެރިޔާއެވެ. މީގެ ކުރިން އާއްޓޭއަކީ އެޕޯލޯ ކުންފުނީގެ ހިއްސާދާރެކެވެ.

އޭނާ ވަނީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ކުރިމަތިލައްވާފައެވެ.

އާއްޓޭ ވިދާޅުވީ އޭނާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް އިންސާފުވެރިކޮށް ނުދިއުން ކަމަށެވެ.

"މިކަމަށް އަޅުގަނޑުވެސް މަސައްކަތް ކުރަން ބޭނުންވޭ. އަޅުގަނޑުވެސް ބޭނުންވޭ މިހާރު މިއޮތް ބޭއިންސާފު ސަރުކާރު ނިމުމަކަށް ގެންނަން،" އާއްޓޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ހިތްވަރާއި ޖޯޝާއެކީ އިތުރަށް އެތައް މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ބޭއިންސާފެއް ނެތް ކިތަންމެ ކަމެއް ހިނގަމުން ދާ ތަން ރައްޔިތުންނަށް ފެންނަމުންދާ ކަމަށް އާއްޓޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށްލާފައި ވަނީ ދޮގު ތުހުމަތެއްގެ މައްޗަށް ކުރި ހުކުމަކުން ކަމަށް އާއްޓޭ ވަނީ ތުހުމަތުކުރައްވާފައެވެ.

"އެ މަނިކުފާނު މި ރޭހަށް ނިކުމެއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން މި އިންތިޚާބު ކާމިޔާބު ވާނެކަން އެނގޭތީ އެއްގޮތަކަށް ވެސް އެމަނިކުފާނު މި ރޭހަށް ނިކުތުމަށް މަގު ނުދެއްކީ،" އާއްޓޭ ވިދާޅުވިއެވެ.

comment ކޮމެންޓް