ހޯޑެއްދޫ އެމްޑީޕީ ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

ހޯޑެއްދޫ ޖަގަހައަށް ކަޅުތެޔޮ ޖަހައި ގެއްލުން ދީފައި --

ރޭގެ ވަގުތެއްގައި ގދ. ހޯޑެއްދޫ އެމްޑީޕީ ޖަގަހައަށް ބަޔަކު ކަޅުތެޔޮ ޖަހައި އެ ޖަގަހައަށް ގެއްލުންދީފިއެވެ.

މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ހަރުގޭގައި ހުރި ހުރިހާ މުދާ ތަކަށާއި، ފާރުތަކަށް ވެސް ވަނީ ކަޅުތެޔޮ ޖަހާފައެވެ. އެ ކަމުގެ ސަބަބުން އެ ތަނުގައި ހުރި ބައެެއް މުދާތަކަށް ވަނީ ގެއްލުން ލިބިފައެވެ.

ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް މިއަދު "ސަން"އަށް ވިދާޅުވީ މުޅި ޖަގަހައަށް ވެސް ކަޅުތެޔޮ ޖަހައިފާވާ ކަމަށެވެ. އެހެންނަމަވެސް ކަޅުތެޔޮ ޖެހުން ފިޔަވާ އިތުރު ގެއްލުމެއް ޖަގަހައަށް ދީފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖަގަހައަށް ކަޅުތެޔޮ ޖެހުން ފިޔަވާ އިތުރު ގެއްލުމެއް ދީފައިނުވާ ނަމަވެސް ޖެޓީ ސަރަހައްދުގައި ހުރި ބައެއް ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުންދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މިހާރު ފުލުހުންނަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ހޯޑެއްދޫ ޖަގަހައަށް ކަޅުތެޔޮ ޖަހައި ގެއްލުން ދީފައި--

"މިހާރު ޕޮލިހަށް ވަނީ މައްސަލަ ހުށަހަޅައިފައި، ޕޮލިހުން މިހާރު އެދަނީ އެކަން ތަހުޤީޤު ކުރަމުން" ވާރިޝް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 6:00 ގައި ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހޯޑެއްދޫ ޖަގަހައަށް ގެއްލުން ދީފައިވާއިރު، ހަމަ އެ އަތޮޅު މަޑަވެލީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި އޮތް އެމްޑީޕީ ޖަގަހައަށް ވެސް ވަނީ މިދިޔަ ހަފްތާ ކަޅުތެޔޮ ޖަހާ، އެ ތަނުގައި ރޯކޮށްލައި، މުދަލަށް ވެސް ގެއްލުން ދީފައެވެ.

comment ކޮމެންޓް