ނައިޖާއަށް އަރައިގަތުމުގެ ވިސްނުން އިކޯވަސްއިން ދޫކޮށްލަނީ

ނައިޖަރުގެ އަސްކަރީ ވެރިން

ނިއާމޭ (13 އޮގަސްޓް 2023): ނައިޖާއަށް ގެނައި އަސްކަރީ ބަޣާވާތާ ގުޅިގެން ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމާބެހޭގޮތުން ހުޅަނގު އެފްރިކާގެ ގައުމުތަކުގެ އިގްތިސާދީ ޖަމާއަތް ކަމަށްވާ 'އިކޯވަސް' އާ މަޝްވަރާކުރަން ނައިޖާގެ އަސްކަރީ ވެރިން އެއްބަސްވެވަޑައިގެންފިއެވެ.

ނައިޖާގެ އަސްކަރީ ވެރިންނާ ހަވާލާދީ އެގައުމުގެ އިންތިގާލީ ސަރުކާރުން ބުނީ 'އިކޯވަސް' ޖަމާއަތުގެ އިންޒާރުތަކާ ގުޅިގެން އެޖަމާއަތާއެކު މަޝްވަރާކުރަން އަސްކަރީ ކައުންސިލްގެ ވެރިން ތިއްބެވީ ތައްޔާރަށް ކަމަށެވެ. އަސްކަރީ ވެރިން މިކަމަށް އެއްބަސްވެވަޑައިގަތީ މަޝްވަރާގެ މަތިން މައްސަލަ ހައްލުކުރަން 'އިކޯވަސް' ޖަމާއަތުން އެދުމާ ގުޅިގެންކަމަށް އިންތިގާލީ ސަރުކާރުން ބުނެއެވެ.

15 ގައުމު ހިމެނޭ 'އިކޯވަސް' ޖަމާއަތުންވަނީ ނައިޖަރަށް ގެނައި އަސްކަރީ ބަޣާވާތުގައި މަގާމުން ދުރުކުރި ރައީސް މުހައްމަދު ބާޒޫމްގެ ސަރުކާރު އަލުން އަނބުރައި ރުޖޫއަކުރުމަށްޓަކައި ނައިޖާއަށް އަސްކަރީގޮތުން ވަދެގަންނާނެކަމަށްބުނެ ހަރުކަށި އިންޒާރުތަކެއް ދީ އެކަމަށް މުހުލަތެއްވެސް ކަނޑައަޅާފައެވެ.

ނަމަވެސް އެމުހުލަތު ފަހަނަޅައި ދިޔައިރުވެސް ނައިޖާއަށް އަސްކަރީގޮތުން ވަދެގަނެ ރައީސް ބާޒޫމް އަލުން އަނބުރައި މަގާމަށް ގެނައުމުގެ މަސައްކަތް ފެށުމުގައި 'އިކޯވަސް' ޖަމާއަތްވަނީ ނާކާމިޔާބުވެފައެވެ. 'އިކޯވަސް' ޖަމާއަތުގެ ގައުމުތަކުގެ އަސްކަރީ ކޮމާންޑަރަކު ވިދާޅުވިގޮތުގައި ނައިޖަރަށް އަސްކަރީ ގޮތުން އަރައިގަނެ ރައީސް ބާޒޫމް އަލުން އަނބުރައި ވެރިކަމަށް ގެނައުމަކީ ކާމިޔާބު ކަމާއެކު ކުރެވޭނެކަމެއްނޫންކަން އެޖަމާއަތުގެ ގިނަ ގައުމުތަކުން ގަބޫލުކުރެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ނައިޖަރަށް އަރައިގަތުމުގެ އަސްކަރީ ޕްލޭނެއް އަދި އެޕްލޭން ތަންފީޒުކުރާނެ އަސްކަރީ ލަޝްކަރެއްވެސް 'އިކޯވަސް' ޖަމާއަތަށް އެކުލަވާލެވިފައެއް ނުވެއެވެ. އަދި މިފަދަ ލަޝްކަރަކަށް ބޭނުންވާ ހަތިޔާރާއި ލޮޖިސްޓިކް ސަޕޯޓް ލިބޭނެ މެކޭނިޒަމާއި ވަސީލަތްތައްވެސް 'އިކޯވަސް' ޖަމާއަތުގައި ނެތެވެ.

'އިކޯވަސް' ޖަމާއަތުގައި ހިމެނޭ ގިނަ ގައުމުތަކުގެ ޕާލަމެންޓްތަކުންވެސްވަނީ ނައިޖަރަށް އަސްކަރީގޮތުން ވަދެގަތުމާ ދެކޮޅު ހަދާފައެވެ. 'އިކޯވަސް' ޖަމާއަތުގައި 15 ގައުމު ހިމެނޭއިރު އޭގެތެރެއިން ހަތަރު ގައުމަކުންވަނީ ނައިޖަރަށް އަސްކަރީ ގޮތުން ވަދެގަތުމަށް ފާޅުގައި ދެކޮޅު ހަދާފައެވެ. މި ހަތަރު ގައުމުގެ ތެރެއިން ތިން ގައުމުންވަނީ އަސްކަރީގޮތުން ނައިޖަރަށް އަރައިގެންފިނަމަ ނައިޖަރަށް އަސްކަރީގޮތުން އެހީވާނެކަން ހާމަކޮށް 'އިކޯވަސް' ޖަމާއަތަށް ގޮންޖަހާފައެވެ.

އަނެއްކޮޅުން 25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ނައިޖާ އަކީ ބިމުގެ ސައިޒުގެ ގޮތުން ބޮޑު ގައުމަކަށްވާތީ އެގައުމަށް އަރައިގަނެގެން މަގާމުން ދުރުކޮށްފައިވާ ބާޒޫމް މިނިވަންކޮށް އޭނާ އަލުން އަނބުރައި މަގާމަށް ގެނައުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް މުސްތަގިއްލު އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނައިޖަރުގެ ސިފައިންވަނީ 'އިކޯވަސް' ޖަމާއަތުން އެގައުމަށް އަރައިގެންފިނަމަ އަމިއްލަ ނަފްސުގެ ދިފާއުގައި ހަނގުރާމަކުރާނެކަމުގެ އިންޒާރު ދީފައެވެ. ރިޕޯޓްތައް ބުނާގޮތުން ނައިޖަރުގެ ރައްޔިތުންގެ ގިނަ ބަޔަކުވެސް ތިބީ 'އިކޯވަސް' ޖަމާއަތުން އެގައުމަށް އަރައިގެންފިނަމަ އެޖަމާއަތުގެ ލަޝްކަރާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ފޯރިއާއި ޖޯޝުގައެވެ.

މިހުރިހާ ސަބަބުތަކާއެކު 'އިކޯވަސް' ޖަމާއަތުން ނައިޖަރަށް އަރައިގަތުމަކީ ގާތްގަނޑަކަށް މުސްތަހީލު ކަމެއްކަމަށާއި އޭގެ ބަދަލުގައި 'އިކޯވަސް' ޖަމާއަތުން މިހާރު މަސައްކަތްކުރަނީ ނައިޖަރަށް ޑިޕްލޮމެޓިކް ވަފްދެއް ފޮނުވައިގެން އެގައުމުގެ އަސްކަރީ ވެރިންނާ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ނައިޖަރުގެ އިންގިބާލަށްފަހު އަސްކަރީ ވެރިން އެކުލަވާލި ސަރުކާރުން ބުނީ 'އިކޯވަސް' ޖަމާއަތުގެ ވަފުދެއް ނައިޖަރަށް އައުމުގެ ހުއްދަ ދިނުމަށާއި އެވަފުދާ ބައްދަލުކޮށް މަޝްވަރާކުރުމަށް އަސްކަރީ ވެރިން މިހާރު ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ނައިޖަރުގައި ތިއްބަވާ ބޭރުގެ މުރާސިލުން ބުނާގޮތުގައި 'އިކޯވަސް' ޖަމާއަތުގެ ޑިޕްލޮމެޓިކް ވަފުދެއް ވަރަށް އަވަހަށް އެގައުމަށް ފޮނުވާގޮތަށްވަނީ ހަމަޖެހިފައެވެ. މިވަފުދު ނައިޖަރުގެ އަސްކަރީ ވެރިންނާ މަޝްވަރާ ކުރައްވާނީ ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރާނެގޮތަކާމެދުގައެވެ.

މީގެތެރޭގައި ބާޒޫމް އަލުން ވެރިކަމަށް ގެނައުމުގެ ބަދަލުގައި ވަކި މުއްދަތެއްގެ ތެރޭގައި ނައިޖަރުގައި އަލުން އިންތިޚާބެއް ބާއްވައިގެން އައު ރައީސަކު އިންތިޚާބުކުރުމާބެހޭގޮތުން އަސްކަރީ ވެރިންނާ މަޝްވަރާކުރުން ހިމެނިދާނެކަމަށް ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް