އާބާދީ ބޮޑުވިޔަސް، ކުޑަވިޔަސް ތަރައްގީކުރުމުގައި ހަމަހަމަވާނެ: މުއިއްޒު

ޑރ. މުއިއްޒު އިހަވަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ --

ހއ. އިހަވަންދޫން، ޢާލިމް އަބްދުއްލަތީފް

އާބާދީ ބޮޑުރަށެއް، އާބާދީ ކުޑަރަށެއް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ތަރައްގީގެ ކަންކަން ހާސިލުކޮށްދެއްވާނެކަމަށް ޕީޕީއެމް,ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް މުއިއްޒުކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި މިރޭ އިހަވަންދުއަށް ވަޑައިގެން މި ރަށުގެ "ބޮޑުތަކުރުފާނު ޖަގަހަ" ހުޅުއްވައިދެއްވިއެވެ. އޭނާ މި ރަށަށް ވަަޑައިގެންނެވިއިރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު މި ރަށުގައި އޭނާއަށް މަރުހަބާ ދެންނެވުމަށް ނުކުމެ ތިއްބެވެ.

އިހަވަންދޫ ބޮޑުތަކުރުފާނު ޖަގަހަ މުއިއްޒު ހުޅުއްވައިދެއްވަނީ --

މިރޭ މި ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވަނީ އިހަވަންދުއަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއް ވިދާޅުވެދެއްވައިފައެވެ. އެއަށްފަހު، މުއިއްޒު ވިދާޅުވީ އެހެން ރަށްރަށަކީ ވެސް އާބާދީގެ ގޮތުން އެކި އަދަދުތަކުގެ ރައްޔިތުން އުޅޭ ރަށްތައް ކަމުގައި ވިޔަސް ހަމަހަމަކަމާއެކު ތަރައްގީ ކޮށްދެެއްވާނެ ކަމަށެވެ.

"ކޮންމެ ރަށެއްގައި އުޅުނު ނަމަވެސް އެ ރަށަކަށް ބޭނުންވާ ކަންތައްތައް ހާސިލުކޮށްދެވެން ވާނެ. އެއީ 100 މީހުން ވިޔަސް 200 މީހުން ވިޔަސް، 3000، 4000، 10000 މީހުން އުޅުނަސް ހަމަހަމަވާނެ. އެހެންވީމަ އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަކުން ވާނީ ކޮށްދޭން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ ކޯލިޝަނަކީ ތަރައްގީގެ ފިކުރުގެ މީހުން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ތަރައްގީ މީގެ ކުރިން ނުފެންނަ ވަރަށް މި ގައުމަށް ތަރައްގީ ގެނެސްދެއްވި ބޭފުޅެއް ކަމަށެެވެ. އަދި ރައީސް ޔާމީންގެ ލަފަޔާއެކު ތަރައްގީގެ ރަންޒަމާނެއް ގެނެސްދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިހަވަންދުއަށް ކޮށްދެއްވާނެ ކަންކަން ވިދާޅުވެދެއްވަމުން މުއިއްޒު ވިދާޅުވީ އިހަވަންދުއަކީ މަސްވެރިކަމުގެ ހަބެއްކަމަށާއި މި ރަށުގެ މަސްވެރިކަމުގެ ސިނާއަތު ނަގާ ކޮޅަށް ޖަހައިދޭނެކަމަށެވެ.

"މަސްވެރިންގެ ފަރާތުން އެދިވަޑައިގެންފައިވާ ހުރިހާ ކަމެއް ތަރުތީބުކޮށް ކުރިއަށް ގެންގޮސްދޭނަން،" އޭނާ ވިދާޅުވިއެވެ.

މި ރަށުގައި ދޯނި ބަންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ގާތުގައި ކަމަށާއި އެއީ ސިއްހީ ގޮތުން ވެސް ވަރަށް ގެއްލުން ހުރިކަމެއް ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ރަށުގައި އެ ކަން ކުރާނެ އިތުރު ބިމެއް ނެތް ކަމަށާއި ދެން އޮންނާނީ ބިން އުފެއްދުން ކަމަށް ވިދާޅުވިއެވެ.

މި ރަށުގެ ކައިރީގައި އޮތް ދިގުފަރު ހިއްކައި، މި ރަށުގެ ރައްޔިތުން އެދޭ ގޮތަށް ސިނާއީ ކަންކަމަށް ބިން ހާއްސަކޮށް ދިގުފަރާ މި ރަށާ ގުޅުވައިލަދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިހަވަންދޫ ރައްޔިތުންނާ ސަލާންކުރައްވަނީ --

މީގެ އިތުރުން، މި ރަށުގައި ފިޝް ކަލެކްޝަން ސެންޓަރެއް އަޅައިދޭނެ ކަމަށާއި އައު އައިސް ޕްލާންޓެއް ވެސް ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ އިހަވަންދުއަކީ އާބާދީ ބޮޑު ރަށަކަށް ވާއިރު، މި ރަށުގައި އެކަށީގެންވާ ވަރުގެ ހޮސްޕިޓަލެއް ނެތް ކަމަށެވެ.

"އެކަމަކީ އަޅުގަނޑު ހިތުން އެއްވެސް ބަޔަކު ސުވާލު ވެސް ކޮށްގެން ވާނެ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިހަވަންދޫގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އެންމެ ފުރަތަމަ އަހަރުތެރޭ އެ މަސައްކަތް ފަށައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މި ރަށުގެ މަގުތައް ހެދިފައި ނެތްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މަގުހެދުމަކީ މުހިންމުކަމެއް ކަމަށާއި އޭގެ ސަބަބުން އިގްތިޞާދީ ކުރިއެރުން ވެސް ލިބޭ ކަމަށެވެ. އަދި އާންމު ދިރިއުޅުމަށް ވެސް ފަސޭހަވާ ކަމަށް ވިދާޅުވިއެވެ.

"މަގު ހެދުމަކީ އަޅުގަނޑުމެންނަށް ވަރަށް ފަރިތަ ކަމެއް. ޔަގީން ކުރައްވާ މި ރަށުގެ މަގުތައް އަޅުގަނޑުމެން ހަދައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

ކުނި މެނޭޖް ކުރެވޭނެ ގޮތެއް އިހަވަންދޫގައި ނެތުމަކީ އިހުމާލެއްކަން ފާހަގަކުރައްވާ މުއިއްޒު ވަނީ އެ ކަން ވެސް ރަނގަޅު ނިޒާމަކުން ހައްލުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

މި ރަށުގައި ކުޅިވަރަށް ހާއްސަކުރެވިގެން ޒުވާނުންނަށް މަލްޓި ސްޕޯޓްސް ކޮމްޕްލެސްކް އެއް ގާއިމުކޮށްދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ ރަށަކަށްމެ ހަމަހަމަ ތަރައްގީ ގެނެސްދެއްވާނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މާރަންދޫ އަދި މޮޅަދޫގެ ރައްޔިތުން އެދޭ ކަންކަން ވެސް ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.

މާރަންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތާއި، ސްކޫލް ތަރައްގީކޮށް މަލްޓި ޕާޕަސް ހޯލް ހެދުމުގެ މަސައްކަތުގެ އިތުރަށް ސިއްހީ މަރުކަޒުގައި ލެބޯޓަރީ ގާއިމުކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނަކީ ހަމަހަމަ ބައެއް. ސަރުކާރަކުން ޖެހޭނީ ރައްޔިތުންނަށް އަދުލުވެރިވާން،" އޭނާ ވިދާޅުވިއެވެ.

އިހަވަންދޫގައި ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޖަލްސާ --

މޮޅަދޫ ސިއްހީ ނިޒާމު ރަނގަޅުކުރުމާއި ބަނދަރު ތަރައްގީކޮށްދިނުމަށް ވެސް މުއިއްޒު ވައުދުވެވަަޑައިގެންނެވިއެވެ.

ހއ. އަދި ހދ. އަށް މުއިއްޒު ކުރައްވާ ދަތުރުގައި މާދަމާ ވަަޑައިގަންނަވާނީ ހއ. ހޯރަފުށި، އުތީމު، ބާރަށް، އަދި ދިއްދޫއަށެވެ.

comment ކޮމެންޓް