ރާއްޖޭގެ ފުރަތަމަ ޕްރޮސްތެޓިކްސް ލެބޯޓެރީ ހުޅުމާލެ ހޮސްޕިޓަލުގައި

ރާއްޖޭގެ ފުރަތަމަ ޕްރޮސްތެޓިކް ލެބް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ފުރަތަމަ ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް ލެބޯޓަރީ ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެބޯޓަރީ ހުޅުވައި ދެއްވާފައި ވަނީ، ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ފުރަތަމަ ޕްރޮސްތެޓިކް ލެބް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މި ލެބޯޓަރީއާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްނޫއީ އަތާއި ފައި ޖެހުމުގެ ޚިދުމަތް ފެށޭނެއެވެ. އެގޮތުން އެކްސިޑެންޓްތަކާއި، ބަލިތަކާއި، ނުވަތަ އުފަންވުމުން ދިމާވާ ހާލަތްތަކުގެ ސަބަބުން އަތްފައި ގެއްލިފައިވާ މީހުންނަށް މި ލެބޯޓަރީގައި ފަރުވާ ދޭނެއެވެ.

މީގެ އިތުރުން އެކި ކަހަލަ އޯތޮޓިކް ޑިވައިސްތައް ވެސް މި ލެބޯޓަރީން ލިބޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ދާދި ފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ކަށީގެއާއި ލޮލުގެއާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ސާޖަރީތައް ހެދުމަށް ތިއޭޓަރުތައް ގާއިމް ކުރާނެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު، ހުޅުމާލެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. އެއާއެކު މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަނުގެ ޖާގައިގެ ދަތިކަމެވެ.

comment ކޮމެންޓް