ވައުދެއް ވެއްޖެނަމަ ރައީސް ރަނުން ރަނަށް އެ ވައުދު ފުއްދަވާނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ޞާލިޙު ގދ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ--- ފޮޓޯ/ އެމްޑީޕީ

ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވައުދެއް ވެއްޖެނަމަ، ރަނުން ރަނަށް އެ ވައުދެއް ފުއްދަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫގައި ރޭ ބޭއްވި ރައީސް ޞާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ސިޔާސީ ފިކުރު ކިތަންމެ ތަފާތު ވިޔަސް ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީ ކުރުމަކީ ރައީސްގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

"ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހެނީ ކީއްވެތޯ؟ ވާދަވެރި ސިޔާސީ ޕާޓީތަކުން އެބަ ބުނޭ މީގެ 50 އަހަރު ތެރޭ ނުވި ކަންތައްތައް މިރަށަށް މި ދައުރުގައި ވެއްޖޭ،" އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ދެވަނަ ދައުރަކަށް އެއް ބުރުން ރައީސް ޞާލިޙު ހޮވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އިމްރާންގެ ވާހަކައިގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޒުވާނުން ވޯޓުދިނުމުގައި ވިސްނަންޖެހޭ ކަންތައްތަކެއް ވިދާޅުވެދެއްވިއެވެ. އެގޮތުން ކުރީ ދައުރުތަކުގައި ކަންކަން ހިނގައި ދިޔަ ގޮތް ވަރަށް ސާފުކޮށް ބަލައި ވިސްނުމަށްފަހު ނޫނީ، ވޯޓު ނުދިނުމަށް އިމްރާން ޒުވާނުންނަށް އިލްތިމާސް ކުރެއްވިއެވެ.

"93 ގަ އުފަންވީ 30 އަހަރުގެ ޒުވާނުން މިއަދު ހަނދާނެއް ނުނެތޭނެ ކުރީގެ ދައުރުތަކުގައި ރައްޔިތުންނަށް ވީ ކީއްކަމެއް. އެކަމަށް ވިސްނައިގެން މިއަހަރުގެ އިންތިޚާބުގައި ވޯޓު ދެއްވުމަށް އަޅުގަނޑު ގޮވާލަން،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް