''ބަނޑުހައިވެގެން'' ރެޑްބުލް ދަޅެއް ވަގަށްނެގި މީހަކު 15 ދުވަހަށް ބަންދަށް

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރެޑްބުލް ދަޅެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ބަންދު މުއްދަތު ޖަހައިފިއެވެ.

މި ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އއ. ފެރިދުއަށް ނިސްބަތްވާ 26 އަހަރުގެ މީހެކެވެ. އޭނާ ކޯޓުގައި ރެޑްބުލްދަޅެއް ވަގަށް ނެގިކަމަށް އިއުތިރާފްވެ ބުނެފައިވަނީ އޭނާ އެ ކަން ކުރީ "ބަނޑުހައިވެގެން" ކަމަށެވެ.

އޭނާ ކުރި ވައްކަމަކީ ކުޑަ ވައްކަމެއް ނަމަވެސް ބަންދަށް 15 ދުވަސް ދިނީ އޭނާ އަކީ ކުށުގެ ރެކޯޑް ގިނަ މީހަކަށް ވާތީ އެކަމަށް ބަލައިފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާއަށް ބަންދުގެ މުއްދަތު ޖަހަން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަކަށްޓަކައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށްކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

ގިނަ ފަހަރަށް، މިފަދަ ކުދި ވައްކަންތަކަށް އަރައިގަންނަ މީހުންނަކީ މަސްތުވާތަކެއްޗަށް ދެވިހިފައިފައި ތިބޭ މީހުންނެވެ. އެފަދަ މީހުން މަގުމަތީގައި މީހުންގެ އަތުން ވެސް ބައެއް ފަހަރަށް ފޭރި ހަދައެވެ.

comment ކޮމެންޓް