ދަރިން ދޮންފުތުވިޔަސް، އެއީ ކުދިންނަށް ގަނާކުރަން ލިބޭ ބާރަކަށް ވެގެން ނުވާނެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިމާގެ ދަރިފުޅު ތިމާ އަށް ކިތަންމެ ރަނގަޅު ވީކަމުގައިވީނަމަވެސް އެކަމަކީ އެހެން ކުދިންނަށް ގަނާ ކުރުމަށް ލިބޭ ބާރެއް ކަމުގައި ވެގެން ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެެއެވެ.

ދިރާސީ އާ އަހަރު މިއަދު ފެށުމާއެކު ދެއްވި ޚިތޯބެއްގައި މިނިސްޓަރު ވިދާޅުވީ ތިމާގެ ދަރި ތިމާއަށް ދޮންފުތުވިކަމުގައިވީނަމަވެސް ކުދިންނަށް ގަނާ ކުރުމަކީ ނުވަތަ "ބުލީ" ކުރުމަކީ ކުދިންގެ ތެރޭގައި އާންމު ވެގެން ވާނޭ ކަމެއް ނޫން ކަމަށެވެ.

"ތިމާގެ ދަރި ތިމާއަށް ދޮންފުތުވާނޭކަން ގަބޫލުކުރަން. އެއީ އިންސާނީ ތަބީއަތް އެހެންނަމަވެސް އެއީ އެހެން ކުދިންނަށް ގަނާ ކުރުމަށް ލިބެ ބާރަކަށް ވެގެން ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުދިންނަށް، ބެލެނިވެރިން ދަސްކޮށްދެންވީ ޒިންމާ އުފުލަންކަމަށެވެ. އަދި އެކުއްޖަކު ކުރާ އަމަލެއްގެ ނުވަތަ ބުނާ ބަހެއްގެ ޒިންމާ ނަގާނެ އިތުރު ފަރާތެއް އެކުއްޖަކު ފިޔަވާ ދެން ނުހުންނާނެކަން އެކުދިންނަށް ބުނެދޭން ޖޭހޭނެކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މީގެއިތުރުން ގޭތެރޭގެ މާހައުލާއި، ދިރިއުޅުމުގެ ހާލަތާއި، ކުރިމަތިވާ ކަންކަމުން އިބުރަތް ހާސިލުކުރަން ދަރިންނަށް ދަސްކޮށްދޭންޖެހޭ ކަމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮންމެ ކުއްޖަކީ ވެސް ނަފްސުގެ ހުރުމަތް ލިބިގެންވާ ކުއްޖެއް. ތައުލީމުގެ ފުރިހަމަ ފައިދާ ދަރިވަރުންނަށް ކުރާނީ ރަނގަޅު ތަރުބިއްޔަތެއް ދެވިގެން. އެހެން ނޫންނަމަ އެ ވެގެންދާނީ ފޫނެތްފަޔަށް ފެންފުރުން ފަދަ ކަމަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ފެށި ދިރާސީ އާ އަހަރާއެކު، ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރާނެއެވެ. އޭގެ ތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ
ދަރިވަރުންނެވެ.

comment ކޮމެންޓް