ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓުން ނާކާމިޔާބުވީ، ދަށު ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ހުއްޓިފައި އޮތުމުން ކަމަށް ވިދާޅުވެ، އެއީ ހައްގުތައް ނިގުޅައިގަތުމުގެ ގޮތުގައި އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ސިފަ ކުރައްވައިފިއެވެ.
ވ. އާރަށު މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ޔާމީންގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމާ އެކު، ކުރިން ދަށު ކޯޓުން ކުރި ޖޫރިމަނާގެ އަދަބު ވެސް އޮތުމުން، އެ މަނިކުފާނުގެ ކިބައިގައި ރިޔާސީ ކެންޑިޑޭޓު ކަމުގެ ޝަރުތުތައް ފުރިހަމަނުވާ ކަމަށެވެ. އެހެންވެ، އެ ކޯޓުން ވެސް ވަނީ އީސީގެ ނިންމުމަށް ތާއީދު ކޮށްފައެވެ.
އެ މައްސަލައިގެ ހުކުމަށް ފަހު، ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ، ދަށު ކޯޓުން ޔާމީނަށް އިއްވި ހުކުމްގެ އިސްތިއުނާފު އޮތީ ޝަރުޢީ ނިޒާމުގެ ތެރެއިން ހުއްޓުވާލާފައި ކަމަށެވެ. އަދި، އެ އިސްތިއުނާފު ހުއްޓުވާލުމުގެ ސަބަބުން، އެ މަނިކުފާނުގެ އިންތިޚާބީ ހައްގުތަކަށް ހުރަސް އަޅައި، ނިޒާމުގެ ތެރޭގައި "ބައްދާލާފައި"ވާ ކަމަށެވެ.
"ޔާމީން ވިދާޅުވަނީ، ޖުޑިޝަރީ ބޭނުން ކޮށްގެން އެޑްމިނިސްޓްރޭޓިވް ޖަސްޓިސް ބޭނުން ކޮށްގެން ތިމަންމަނިކުފާނުގެ ހައްގު ނިގުޅައިގެންފިއޭ،" ޖަމީލު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ދަށު ކޯޓުން އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ވަރަށް ބޮޑެތި ގޯސްތަކެއް އެބަހުރި ކަމަށެވެ. އެއީ، ކަނޑައެޅިގެން ގޯސްކޮށް ކޮށްފައި އޮތް ހުކުމެއް ކަމަށް ސިފަ ކުރައްވައި ޖަމީލު ވިދާޅުވީ، އެ މައްސަލައިގެ އިސްތިއުނާފު ހުއްޓުވާލާފައި އޮތް ކަމަށެވެ.
ދަށު ކޯޓުން ޔާމީނަށް މިދިޔަ ޑިސެމްބަރު 25 ގައި އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށް ގޮސް، އެންމެ ފަހު އަޑުއެހުމާ ހިސާބުން އޮތީ ހުއްޓިފައެވެ. ހައިކޯޓުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލައިގެ އަޑުއެހުންތައް ހުއްޓިފައިވަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުގެ ސަބަބުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލު އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ސުޕްރީމް ކޯޓު ސަރަހައްދުގައި ތިބި ނޫސްވެރިންނާ ބައްދަލުކުރައްވަނީ -- ސަން ފޮޓޯ
"ތިމަންމަނިކުފާނަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އިސްތިއުނާފުގެ ހައްގު ނުދީ، ތިމަންމަނިކުފާނުގެ އަސާސީ ހައްގުތައް މިއަދު ނިގުޅައިގަތީއޭ ޖުޑިޝަރީ ބޭނުން ކޮށްގެން. އެއީ، ރައީސް ޔާމީންގެ ސިމްޕަލް މެސެޖަކީ ދިވެހި ގައުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ، ސުޕްރީމް ކޯޓުން ނާކާމިޔާބުވީ ނަމަވެސް "ދަ ފައިޓް އިޒް އޮން" ކަމަށެވެ. އެހެންވެ، ޔާމީން މިނިވަންކޮށް، ވެރިކަމަށް ގެނައުމަށްޓަކައި ކުރާ މަސައްކަތް އަދިވެސް ހުއްޓައިނުލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ހުކުމް ކުރުމާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން އެއްވެސް އެއްޗެއް ވިދާޅުވާން ވަނީ ދެކޮޅު ހަދައިފައެވެ.
އެ މަނިކުފާނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި، ޕީއެންސީގެ ސެނެޓުން ވަނީ އެ ޕާޓީގެ ޓިކެޓު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ދޭން ނިންމައިފައެވެ. އެކަމަކު، ޖޮއިންޓު ލީޑާޝިޕަކުން ހިންގާ ޕީޕީއެމުން ފަހުން ބުނެފައިވަނީ މުއިއްޒަށް އެ ޕާޓީން އެންޑޯޒް ކުރަން ނިންމާފައިނުވާ ކަމަށެވެ. އަދި، އިންތިޚާބަށް ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވިއެވެ.