އިންޓަ އިން ލޯނުގެ ދަށުން ޓޮމިޔަސޫ ގެންދަނީ

އާސެނަލްގެ ޖަޕާން ޑިފެންޑަރު ޓަކެހީރޯ ޓޮމިޔަސޫ -- ފޮޓޯ/ ގެޓީ

އިންޓަ މިލާނުން ލޯނުގެ ދަށުން އާސެނަލްގެ ޖަޕާން ޑިފެންޑަރު ޓަކެހީރޯ ޓޮމިޔަސޫ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިންޓަ އިން ޓޮމިޔަސޫއަށް ފުރަތަމަ ހުށަހަޅާނީ ލޯނު އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އިންޓަ އިން ބޭނުންވާ ނަމަ، އޭނާ ގަތުމުގެ ފުރުސަތު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި މިކެލް އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލަށް ޓޮމިޔަސޫ 31 މެޗު ކުޅުނު ނަމަވެސް، ކުރިއަށްއޮތް ސީޒަނުގައި އޭނާއަށް ގިނަ ފުރުސަތުތައް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ކުރިއަށްއޮތް ސީޒަންގައި އާޓެޓާ ގިނައިން ބޭނުންކުރާނީ އާސެނަލާ އަލަށް ގުޅުނު ޕޮލެންޑް ޑިފެންޑަރު ޖަކުބް ކިވިއޯ އާއި ނެދަލެންޑްސް ޑިފެންޑަރު ޖުރިއެން ޓިމްބާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި އާސެނަލުން ބޭނުންވަނީ 35 މިލިއަން ޔޫރޯގެ އަގަކަށް ޓޮމިޔަސޫ ވިއްކާލުމަށެވެ. އާސެނަލުން ޓޮމިޔަސޫ ވިއްކާލަން ބޭނުންވި ނަމަވެސް، ކުރިއަށްއޮތް ސީޒަނަށް އިންޓަގެ އެންމެ މުހިންމު އަމާޒަކީ ބަޔާން މިއުނިކްގެ ސްވިޒަލެންޑް ގޯލްކީޕަރު ޔޭން ސޮމާ އާއި އުދިނޭސީގެ ސާބިއާ މިޑްފީލްޑަރު ލަޒާރް ސަމާޑްޒިިޗް ހޯދުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 24 އަހަރުގެ ޓޮމޮޔަސޫގެ ސޮއި އާސެނަލުން ހޯދީ 2021 ވަނަ އަހަރު އިޓަލީގެ ބޮލޯނާ އިންނެވެ. ޓޮމިޔަސޫ އަކީ 2018 ވަނަ އަހަރުން ފެށިގެން ޖަޕާންގެ ގައުމީ ޓީމަށް ވެސް ކުޅެމުންދާ ކުޅުންތެރިއެކެވެ. ޖަޕާންގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައިވާ ޓޮމިޔަސޫ ވަނީ ސީނިއާ ގައުމީ ޓީމަށް 30 އަށްވުރެ ގިނަ މެޗު ކުޅެފައެވެ.

comment ކޮމެންޓް