ޖިންސީ ގޯނާގެ މައްސަލަތަކުގައި ކްލެމެންސީ ނުދޭނަން: ނާޒިމް

އެމްއެންޕީން މިރޭ ކުރިއަށް ގެންދިޔަ އަންހެނުންގެ ލީޑާޝިޕް ފޯރަމްގައި ނާޒިމް ވާހަކަދައްކަވަނީ / ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ވެރިކަމެއްގައި ޖިންސީ ގޯނާ އާއި ގެވެށި އަނިޔާ އަދި އެ ބާވަތުގެ އެހެން މައްސަލަތަކުގައި ތުހުމަތުވާ މީހުން، މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުން މަހުރޫމް ކުރަން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް މިރޭ ވައުދުވެ ވަޑައިގެންފިއެވެ.

އެމްއެންޕީން ބޭއްވި އަންހެނުންގެ ލީޑަޝިޕް ފޯރަމް ގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އަންހެނުން ނިކަމެތި ކޮށްލުމުގެ ސަގާފަތް އަދިވެސް ރާއްޖެއިން ނެތިގެން ނުދާ ކަމަށެވެ.

އަންހެނުންގެ އަބުރު ކަތިލައި، އިއްފަތްތެރިކަން ނަގާލުން ނިމުމަކަށް ގެންނަން ޖެހޭ ކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ރޭޕް ކުރުމާއި ޖިންސާ ގޯނާ އަދި ގެވެށި އަނިޔާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެންނަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ.

"ޔަގީން ކުރައްވާ. އަންހެން ކުއްޖަކު ތުއްތު އިރު ދެކޭ ހުވަފެން ހަގީގަތަކަށް ހަދައި ބާރުވެރިކަމާއެކު ފިރިހެނުންނާ އެއް ސަފެއްގައި ފައިތިލަ ސާބިތު ކުރާ މިހާކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން،" ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި އެފަދަ މައްސަލަތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަން ފާހަގަކުރައްވައި ނާޒިމް ވަނީ އޭނާގެ ސަރުކާރެއްގައި އަންހެނުންނާއި ތުއްތު ކުދިންނަށް އެފަދަ އެއްވެސް ބާވަތެއްގެ އަނިޔާއެއް ދޭ މީހަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އެމްއެންޕީން މިރޭ ކުރިއަށް ގެންދިޔަ އަންހެނުންގެ ލީޑާޝިޕް ފޯރަމްގެ ތެރެއިން / ފޮޓޯ: އެމްއެންޕީ

"އެމީހުންނަކީ ކްލެމެންސީން މަހުރޫމްވެ، ޖަލުގެ ކުޑަ ގޮޅިން ސަލާމަތް ނުވާ ބައެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ ހަދައި ދޭނަން." ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ އަންހެނުންގެ ހައްގުތަކުގެ ވާހަކަ ހަމައެކަނި ފޮތްތަކުގައި ލިޔެފައި ހުރުމަކުން ނުފުދޭނެ ކަމަށެވެ. އެއަށް އަމަލު ވެސް ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ވަޒީފާގެ މައިދާނުގައްޔާއި ތައުލީމީ ރޮނގުން ވެސް އަންހެނުން ހާސިލްކުރަން ބޭނުންވާ އަމާޒަށް ވާސިލްވުމުގެ ފުރުސަތު ދެއްވައި، އަންހެނުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭ ވެރިއަކަށް ވުމަށް ވެސް ނާޒިމް ވަނީ ވައުދުވެވަޑައިގެންފައެވެ.

ޖިންސީ ގޯނާ އާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ދޭތެރެއަކުން ރާއްޖޭގައި ފެންމަތިވާ މައްސަލަތަކެވެ. އެފަދަ މައްސަލަތަކުގައި ތުހުމަތުވާ މީހުންނާއި، ބަންދުކުރާ މީހުންނަށް ހައްގު އަދަބު ނުލިބޭ ކަމަށް ބުނެ އާންމުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

comment ކޮމެންޓް