އުތީމުން އައުވި ގައުމީ ރޫހާއެކު ރައީސް އެދިވަޑައިގަތީ 15 އަހަރުގެ ނަތީޖާ ބަދަލުކޮށްދޭން

ރައީސް ހއ. އުތީމުގައި ވާހަކަފުޅުދައްކަަވަނީ -- ފޮޓޯ/ އެމްޑީޕީ

މީގެ ކުރިން އެމްޑީޕީއަށް ހއ. އުތީމުން 15 އަހަރުވީއިރު ވެސް ނުލިބޭ މެޖޯރިޓީ މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ރަށުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ހއ. އަތޮޅުގެ ހުރިހާ ރަށްތަކަށް ރައީސް ކެމްޕޭން ފެއްޓެވިއިރު އަތޮޅުގެ އެންމެ ފަހު ރަށެއްގެ ގޮތުގައި އެ މަނިކުފާނު ވަޑައިގަތީ އުތީމަށެވެ.

މި ރަށުގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުތީމަށް އާދެވުމާއެކު އެންމެ ފުރަތަމަ ވެސް އާވީ ގައުމީ ހަނދާންތައް ކަމަށެވެ. އެއީ އެ ރަށަކީ ބޮޑުތަކުރުފާނުގެ އުފަން ފަސްގަނޑުކަމަށްވާތީކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޮޑުތަކުރުފާނުގެ ޖިހަދާއި އެ ތަކުރުފާނުގެ ހަނދާންތައް އަބަދުވެސް އައުކުރަން ޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ އުތީމަކީ އަބަދުވެސް ސުލްހައާއި ހަމަޖެހުމަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެއްކަމަށެވެ. އުތީމު ކައުންސިލަކީ ޕީޕީއެމްގެ ފުރިހަމަ މެޖޯރިޓީ އޮތް ކައުންސިލެއްކަމުގައިވީ ނަމަވެސް އަބަދުވެސް ރަށުގެ ތަރައްގީއަށް އެއްބާރުލުން ދެމުން އައިކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު މި ސަރުކާރުގެ 90 ޕަސެންޓް ވައުދުތައް ފުއްދިފައިވާއިރު އުތީމުގައި ވެސް ހަމަ އެބީދައިން ގިނަ މަޝްރޫތަކެއް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ތި ބޭފުޅުން ނުވައެއް ސެޕްޓެމްބަރުގައި ނިކުމެ މީގެ 15 އަހަރުކުރިން ތި ބޭފުޅުން އެ ދެއްކެވި މަންޒަރު މުޅިން ބަދަލުކޮށްލަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ މަސައްކަތްތަކާ މެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް ނޯންނާނެކަމަށެވެ.

"ޓެސްޓުކުރެވިފައި އޮންނާނީ. އެހެން އެއްވެސް ބަޔަކަށް މި އިންތިޚާބުގައި ވޯޓު ދޭންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ފަސް އަހަރުގެ ހާލަތަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ މި ދައުރަކީ ސިޔާސީ ފަރާތްތަކަށް މިނިވަންކަން ކަށަވަރުކުރެވުނު ފަސް އަހަރުކަމަށެވެ. ހަމައެއާއެކު ނޫސްވެރިންނަށް މިނިވަންކަމާއެކު މަސައްކަތްކުރެވުނު ފަސް އަހަރުކަމަށް ބެސް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް